ވިޔަފާރި

ޖުލައި މަހު ދައުލަތުގެ އާމްދަނީ 9.4 ޕަސެންޓް އިތުރުވެއްޖެ

Aug 15, 2016

މި އަހަރުގެ ޖުލައި މަހު ދައުލަތައް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާ އަހަރާ ބަލާއިރު 9.4 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 1.35 ބިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ. މިއާއެކު މި އަހަރުގެ ނިޔަލަށް ބަލައިގަތް އާމްދަނީގެ އަދަދު ވަނީ 9.28 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަޔުގައި ބަލައިގަތް އާމްދަނީއާ އަޅާބަލާއިރު 17.2 ޕަސެންޓް ދަށް އަދަދެކެވެ. އަދި މިއީ ކުރިން ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއާ އަޅާބަލާއިރު 32 ޕަސެންޓް ދަށްވުމެކެވެ.

އާމްދަނީގެ ހުލާސާ

  • ބީޕީޓީ : 722.30 މިލިއަން ރުފިޔާ
  • ޖީއެސްޓީ: 317.49 މިލިއަން ރުފިޔާ
  • ބޭންކް ޕްރޮފިޓް ޓެކްސް: 95.15 މިލިއަން ރުފިޔާ
  • ގްރީން ޓެކްސް: 34.79 މިލިއަން ރުފިޔާ

މީރާ އިން ބުނި ގޮތުގައި މި ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީއެސްޓީ އާއި ޖޫން މަހުގެ ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިއަށް ބަދަލު ގެނައުމެވެ. މީގެ އިތުރުން ބީޕީޓީގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ސުންގަޑި ކަމުގައިވާ 31 ޖުލައި ބަންދު ދުވަސްތަކަށް ދިމާވުމާ ގުޅިގެން އެ ފައިސާ ދެއްކުން މިމަހުގެ އެއްވަނަ ދުވަހަށް ލަސްކުރުމަކީ ވެސް އޭގެ ސަބަބެކެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް، ބީޕީޓީ އިންނެވެ. އެއީ ޖުމްލަ އާމްދަނީގެ 53.7 ޕަސެންޓެވެ.

ދައުލަތުގެ ޓެކްސް އިދާރާގެ ހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހު ޑޮލަރުން ބަލައިގެންފައިވަނީ 37.2 މިލިއަން ޑޮލަރެވެ.