ރައްޓެއްސަކާއެކު ބޭރަށް ދަނީ އެވެ. ތައްޔާރުވާން ދިނީ އެންމެ މިނެޓެކެވެ. ދެން ފެށުނީ ޝަކުވާ ކުރާށެވެ. އޭރު އޭނާ ހުރީ އައިސް ކޮޓަރި ތެރޭގައެވެ. ކޮންމެ ކަމެއް ކުރަންވެސް ދިނީ އެންމެ މިނެޓެކެވެ.
"ކޮންމެ ކަމަކަށްވެސް އެއް މިނެޓު މަ ދޭނީ. ފެން ވަރަންވެސް މިނެޓެއް. ރެޑީ ވާންވެސް. ތިކުރާ މޭކަޕެއް ކުރަންވެސް. އެެހެން ނޫނީ މަ ބުނާ ކަމެއް ކުރަން ޖެހޭނީ،" އޭނާ ބުނީ މިހެންނެވެ.
ދެން ޖެހޭނީ އެއް މިނެޓުން ހުރިހާ ކަމެއް ކުރާށެވެ. ވަގުތު ފެށުމާއެކު ސްޓޮޕްވޮޗް ޖައްސާ ގަޑި ގުނަން ފަށާނެ އެވެ. ނުނިންމިއްޖެނަމަ ކޮންމެ ފަދަ ކަމެއް ވެސް ކުރަން ޖައްސަފާނެ އެވެ. އޭނާގެ ސިކުނޑީގައި ހިނގާ ކަމެއް އަންދާޒާކޮށްލަންވެސް ނޭނގެ އެވެ. ކުރަން ބުނާ ކަމެއް ނުކުރެވުނަސް އެވަރުކޮށްލާނެ އެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ އެއް މިނެޓަކީ މަދު ވަގުތުކޮޅެއް ނޫނެވެ. އެއް މިނެޓު ތެރޭ ވަރަށް ގިނަ ކަންތައް ކުރެވޭނެ އެވެ. ހީކުރާ ވަރަށްވުރެ ގިނަ ކަންތައްތައްވެސް ވެއެއް ނޫން ހެއްޔެވެ؟
މިނެޓެއް ތެރޭގައި ހިނގާ ކަމަކުން މުޅި ދިރިއުޅުންވެސް ބަދަލުވެފައި އެބަހުއްޓެވެ. އެމެރިކާގެ މަޝްހޫރު ލިޔުންތެރިޔާ ކެން ބްލެންޝާޑްގެ "ދި ވަން މިނިޓް މެނޭޖާ" ކިޔާލީމާވެސް އެނގޭނެ އެވެ. އެފޮތުގައި އެއް މިނެޓަކީ ވެސް ކިހާ މުހިންމު އެއްޗެއްކަމާއި އެ ވަގުތު ކޮޅުތެރޭގައި ވެސް އެތައް ކަމެއް ކުރެވޭނެ ކަން ވަނީ ބުނެދީފަ އެވެ.
"އަހަންނަށް ހޭދަކުރެވޭ އެންމެ ފުރިހަމަ މިނަޓަކީ އެހެން މީހަކަށްޓަކައި އަހަރެން ހޭދަ ކުރާ ވަގުތު،" ބްލެންޝާޑް އޭނާގެ އެ ފޮތުގައި ލިޔެފައިވެ އެވެ.
މިސާލަކަށް އެއް މިނެޓު ތެރޭގައި ކަސްރަތުވެސް ކުރެވިދާނެ އެވެ. މިހެން ބުނީމާ އަންނާނީ ހިންޏެވެ. އެއް މިނެޓު ތެރޭގައި ކުރެވޭނީ ކޮން ކަސްރަތެއް ހެއްޔެވެ؟ އެކަމަކު ހަމަ ކޮންމެ ދުވަހަކުވެސް އެންމެ މިނެޓެއް އެކަމަށް ހޭދަ ކުރި ނަމަވެސް އެކަމުން ފައިދާކުރާނެ އެވެ. މިފަހުން މެކްމާސްޓާ ޔުނިވާސިޓީގެ ސައިންޓިސްޓަކު ބުނި ވާހަކަ އެކެވެ. އޭނާ ބުނީ ކޮންމެ ދުވަހަކު އެއް މިނަޓު ވަންދެން ކުރާ ކަސްރަތުން ނޭވާލުމުގެ ނިޒާމާއި ހަށިގަނޑުގެ މަސްގަނޑަށް ކުރާ ފައިދާ ތިން މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު 45 މިނެޓު ވަންދެން ކުރާ ކަސްރަތުން ލިބޭ ފައިދާ އެއްވަރު ކަމަށެވެ. އެކަމަކު އެ އެއް މިނެޓަކީ އެންމެ ފުރިހަމައަށް ކަސްރަތު ކުރުމުގައި ހޭދަކުރި މިނެޓަކަށް ވާންޖެހޭނެ އެވެ.
އެތައް ގަޑިއިރެއް ވަންދެންވެފައި ހުރި ސްޓްރެސް ފިލުވާލަންވެސް އެންމެ މިނެޓެއް ފުދެ އެވެ. މިސާލަކަށް އެއް މިނެޓް ވަންދެން، ނޭވާއަށް 100 ޕަސަންޓު ސަމާލުކަން ދީގެން ނޭވާލާށެވެ. ސްޓްރެސް ފިލާނެ އެވެ. އެހެންވީމަ ސްޓްރެސް ފިލުވަންވެސް އެންމެ މިނެޓެއް ފުދެ އެވެ.
ދެން މިއޮތީ އެންމެ ގިނަ ވަގުތު ހޭދަވާ އެއް ކަންތަކެވެ. ޝޮޕިން ނުވަތަ ވިޔަފާރި ކުރުމެވެ. ފިހާރައަށް ގޮސްފައި ނަގާނެ ނުނަގާނެ އެއްޗެއް ނޭންގެން އެތައް އިރަކު ވިސްނަން ހުންނާނެ ކަމެއް ނެތެވެ. ހަމަ އެންމެ މިނެޓެކެވެ. މާގިނައިން ވިސްނަން ނުހަދާ އެންމެ ރަނގަޅުހެން ހީވާ އެއްޗެއް ގަތީމަ ރަނގަޅުވާނެ އެވެ. ކުރީ ބައިގައި އެންމެ ރަނގަޅު ބްރޭންޑަކީ ކޮބައިތޯ ބަލައި ދިރާސާކޮށްލާފައި ފިހާރައަށް ދިއުން ރަނގަޅުވާނެ އެވެ.