ވާހަކަ

ތޮށިގަނޑު

ލުއި ރޯޅިތަކާ އެކުވެގެން އަންނަ ހެނދުނުގެ މިލަ އަވީގެ ދޯދިތަކުން ތަނުގެ ފިނި ހޫނުމިން އެއްވަރެއްގައި ހިފަހައްޓާދީފައިވެއެވެ. މާދުރުގައި އިން ބިޔަ ނިކަގަހަކުން ކޮވެއްޔެއް ރީތި ރާގަކަށް "ކޯއް.. ކޯއް.." ގޮވަމުންދިޔައެވެ. ބިއްލޫރީގެ ދޫލައެއްހެން ހިމޭންވެ އޮމާންކަމުގައިވާ ދިގު ކުޅީގެ މެދުން ޑިންގީއެއްގައި ފަލިޖަހަމުން އައީ މުސްކުޅިއެކެވެ.

ހުދުވެ ނުރަޔަށްވެފައިވާ ބޮލުގެ އިސްތަށިކޮޅު އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދެވެ. ނިތްކުރިއަށް އަރާފައިވާ ރޫތަށް ލޯމައްޗަށް އެލި ދެ ލޯ ވަނީ ކޮންމެވެސް ވަރަކަށް ފޮރުވިފައެވެ. ދެ އަތުން ޖަހަމުންދިޔަ ފައްޔާއެކު ކަރު މެދުން ނެގިފައިވާ ރުލުގެ އަދަދު ދެގުނަ ވެފައިވެއެވެ. އަނދެގެން އިން މުންޑު ފިޔަވައި، އެ އަނަރޫފަ ބަލިކަށި ހަށިގަނޑުގައި އެއްވެސް އެއްޗެއްނެތެވެ.

އޭނާއަށް މިރަށު މީހުން ކިޔާ އުޅެނީ ގުދުބެ އެވެ. އޭނާގެ އަސްލުނަމަކީ ކޮބައިކަން ޚުދު އޭނާއަށް ވެސް ނޭނގެއެވެ. އެރަށު މީހުން އޭނައަށް އެނަން ކިޔާ އުޅެނީ އޭނާގެ މައިބަދައިގެ މެދަކާ ހަމައިން ގުދުވެ ހިނގާއިރު ނިކަން ފާޅުގޮތެއްގައި އޭނާގެ ހަށިގަނޑުން އެ ގުދުކަން ފެންނަމުންދާތީއެވެ. މީހާގެ ބޭރުފުށުން ފެންނަ އައިބުތަކާ ގުޅުވައިގެން ނަން ހެދުމަކީ ޒަމާނުންސުރެ ދިވެހިންގެ ތެރޭގައި އޮންނަ ނުބައި އާދައެއް ނަމަވެސް ބަދަލުނުވެ ވާ އާދައެކެވެ. އަމިއްލަ ނަފްސަށް އެ ނަމުން އޭނާ މުހާތަބު ކުރަންފެށީ އެނަން އެއްގޮތަކަށްވެސް ކަމުދާތީއެއް ނޫނެވެ.

ކޮންމެއަކަސް ފަތިހުގެ ނިދި ނަގާލުމަށް ފަހު ހިންމަތުން ލިބުނު ރިޒުޤު ހިފައިގެން ކުޑަ ޑިންގީގަނޑު އެހެލުމަށްފަހު އޭނާ އެއްގަމަށް އަރައިފިއެވެ. ބޭނުނު ދެ ބޭނގު ހިފައިގެން އޭނާގެ މިސްރާބު ބެހެއްޓީ އެ ކުޅިއާ މާދުރުނޫން ހިސާބެއްގައި ފަނުން ހަދާފައިވާ ޖިފުޓިއާ ދިމާއަށެވެ. ރަށުގެ އެންމެނާ އެކަހެރިވެ މުޅި ހިސާބަށް ފެތުރިފައިވާ ފަޅުކަމާއި ވީރާނާކަމުގެ ތެރެއިން އެކަނިވެރި ދިރިއުޅުމެއް ނަގަހައްޓަން އޭނާއަށް ޖެހުނު ސަބަބަކީ މިރަށުގެ ލޯބޯކޮށިވެ ހަމަ ބުއްދި ގެއްލިފައިވާ މަދު ބަޔަކަށް ނޫނީ އެނގޭނެ ސަބަބެއްނޫނެވެ. ރަށު މީހުންނަށް އޭނާއަކީ ބިރެކެވެ. ރަށުގެ ތުއްތު ކުދިން، އެކުދިންގެ މައިންބަފައިން ބުނާގޮތް ނަހަދައިފިނަމަ، ބިރުދައްކަން ބޭނުންކުރާ ހަތިޔާރެއް ކަހަލަ މީހެކެވެ.

ދޫނީ ސޫފާސޫފީގެ "ކީ..ކީ" ގެ އަޑާއި އޭނާގެ ފައިދަށުވެ ބިނދެމުންދިޔަ ހޯލި ތަކުގެ "މުރުމުރު" ގެ އަޑުން އޭނާ ދިރި އުޅެމުންދިޔަ ރުއްދަނޑުގެ ހިމޭންކަމަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ގެނުވަމުން އޭނާގޮސް ޖިފުޓި ތެރެއަށް ވަދެއްޖެއެވެ. ބޭރުން ފެންނަމުންދިޔަ ސާދާކަމާއި ފަޤީރުކަމުގެ ކުލަވަރުގެ ބޭރުން ތަރުތީބު ވެފައިވާ މުއްސަނދި ކަމެއް އެގޭގައިވެއެވެ. ޓީވީ އާއި ރޭޑިޔޯ އާއި، ތެލި ކަންވާރާއި އަގުބޮޑެތި ރަނާ ރިހީގެ ގަހަނާތައް ފަދަ ތަކެތި އެގޭތެރޭ ގައި އެތުރިފައިވަނީ ފެންނަ މީހަކަށް ސިހުން ގެނުވާވަރަށެވެ.

އެތަކެތިން އޭނާ ކުރާނެކަމެއް ނެތަސް ގެއަށް ވަނުމަށްފަހު ސޭކު ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން އެ ގޭތެރޭގައި އެތުރިފައިވާ ތަކެއްޗަށް ބަލަހައްޓައިގެން އޭނާ ހުއްޓެވެ. އެތަކެއްޗަކީ އޭނާގެ ލޮލުގެ ފިނިކަން ފަދައެވެ. ފަހުރުވެރި ހިނިތުންވުމެއް އޭނާގެ ދަތްކޮޅު ވެރި ވަޅުވަދެފައިވާ ތުންފަތް މައްޗަށް ވެރިވެފައިވަނީ އެހެންވެ ކަންނޭނގެއެވެ.

********

"މަގޭ ރަންފަށް ، މަގޭ ރަން އުޅާ.!،" ދުވަހުގެ އިރު މެންދުރު އަތަށް އަޅާލުމާއެކު ރަށުގެ މެދުތެރޭގައި ހުރި ގެއަކުން އަންހެންކު ނިކަން ބާރަށް ހޭރިގަތް އަޑާއެކު ކައިރި ގޭގޭގެ މީހުންތައް، ވެގެން އުޅޭ ގޮތް ބެލުމުގެ ދަހިވެތިކަމުގައި އެގޭތެރެއަށް ބޯދޭން ފަށައިފިއެވެ. އެއިރު ޚަދީޖާ ކަނޑާ ވައްޓާލި ރުއްގުޅިއެއްހެން ބިންމަށްޗަށް ތިރިވެގެން އޮވެ އަޑުގެ ނެތްތަނަށް ހަޅޭ ލަވަމުން އެބަދެއެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެއީ އޭނަގެ މުޅި އުމުރުގައި ވެސް އޭނާއަށް ލަތީފުގެ ފަރާތުން ލިބުނު އެންމެ އަގުބޮޑު ހަދިޔާއެވެ.

ކައިވެނިކޮށްގެން މިވީހާ ދުވަހު ލަތީފުގެ ފަރާތުން އެނޫނީ އޭނައަށް ރަނގަޅު ހަދިޔާ ގަނޑެއްވެސް ލިބިފައެއްނެތެވެ. މަހުން ލަފައިގެން އަންނައިރު، އެއެއްޗެހި ގެއްލުނުކަން ލަތީފުއަށް އެނގޭ ހިސާބުން ކަންތަކާ ލައިގަންނާނެއެވެ. ހިތުން ރުހުމުން ލޯބިން އެއްޗެއް ދިނުމަށްވުރެ ލަތީފް އިސްކުރީ ދެއްކުންތެރިކަމެވެ. އަނބިމީހާގެ ކަރުގައި ރަންއަޅުވައިގެން އޭނާ ސާބިތުކޮށްދެން ބޭނުންވީ މަސްވެރިއެއްކަމަކު އޭނާއަކީ ފައިސާ ލިބޭ މީހެއްކަމެވެ.

މަޣުރިބް ނަމާދަށް ބަންގިގޮވުމުގެ ކުރިން ލަތީފުމެން މަހުންލަފައިގެން އައިސް ގެއަށް ވަދެއްޖެއެވެ. އެއިރުވެސް ޚަދީޖާ އިނީ ގެއްލުނު ގަހަނާކޮޅާ ދޭތެރޭ ވިސްނުމުގައެވެ. ހަދީޖާ ފެނުމާއެކު ކަންތައްތައް މުޅިން ރަނގަޅު ނޫންކަން ލަތީފު ދެނެގަނެފިއެވެ.

"ކިހިނެތްވެފަ ތިއިނީ،" ޝައްކުގެ ނަޒަރަކުން ބަލައިލަމުން ލަތީފް އެހިއެވެ. ޚަދީޖާ ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު އިނދެލުމަށްފަހު، ހިތަށް ކުޅަ ގަދަ އަސަރުން މަޑު މަޑުން ގިސްލެވެން ފަށައިފިއެވެ. ލަތީފު އަންނާނެ ރުޅިއާއި ގޮވާނެ އެއްޗެހި ހިތަށް އެރުމުން މުޅި މީހާގެ ގައިން އޮއްދާ ހިއްލާ ލައިފި އެވެ.

"ބަލަ ޚަދީޖާ. ކިހިނެތްތަ ތިވަނީ؟ މޮޔަ ވީތަ؟،" ވާނުވާ ނޭނގި ހުރެ ލަތީފު ގޮސް ޚަދީޖާ އިށީނދެ އިން ބޮޑު އަށީގައި އިށީދެލަމުން ސުވާލުގެ ނަޒަރަކުން ބަލާލަމުން އަނެއްކާވެސް އެހިއެވެ.

ހަދަންވީ ގޮތެއް ނޭނގުމުން ކޮންމެ ގޮތެއް ވަރިހަމަ ކަމަށް ހަދައި ވެގެން އުޅޭގޮތް ލަތީފުއަށް ޚަދީޖާ ކިޔައިދިނެވެ. އެ ގަހަނާތައް ގެއްލުމުން ލަތީފް ގާތަށް ރުޅިއައެވެ. ހަދީޖާގެ ފަރުވާކުޑަކަމަށްޓައި އެތަށް އެއްޗިއްސެއް ކިޔާލުމަށްފަހު އައި ރުޅީގައި އޭނާ ގެއިން ނުކުމެގެން ދިޔައިއެވެ.

އޭގެ ދެ ހަފްތާ ފަހެވެ. ރަށުގެ ކުޅިއާ ދިމާލުގައި އޮންނަ ރުއް ދަނޑަށް ލަތީފު ދިޔައީ ކާށި ހޮވާށެވެ. އެއިރު ރުއްދަނޑުތެރޭ ހެދިފައިވާ މިދިލިގަހެއް ގައި އިނދެ ކާޅެއް ނިކަން ބާރަށް ގޮވަމުންދިޔައެވެ. ކާޅުގެ ގޮވުމަކީ ކޮންމެވެސް ކަމަކަށް ދެވޭ ނުބައި އިންޒާރެކޭ ބުނާ އަޑު ލަތީފުވެސް އަހައެވެ.

އެހެންވެ ނިކަން އަވަހަށް ހޮވުނު ކާށިކޮޅު ގޯންޏަކަށް އަޅައިގެން ރުއްދަނޑުގައިވާ "ގުދުބެ" ގެ ޖިފުޓީ ހުރަސްކޮށް އެތަނުން ނުކުންނަށް ހިނގައިގަތް ވަގުތު ޖެހިލި ވައި ރޯޅިއަކާ އެކުވެ ނޭފަތުގައި ޖެހުނު ކުނި ވަހަށް ލަތީފުއަށް ހުއްޓެވިއްޖެއެވެ. އެވަސް އައީ އެ ޖިފުޓިންކަން ލަތީފު ނިކަން ފަސޭހައިން ދެނެގަތެވެ. މަޑު ހިނގުމެއްގައި ގޮސް އެ ޖިފުޓީގެ ދޮރާހަމައަށްގޮސް އޭނާއަށް ހުއްޓެވިއްޖެއެވެ.

އެއާއެކު ނޭފަތުގައި އަތްއަޅައި ފޮރުވާލަމުން ރަށުތެރެއަށް ނުކުމެ، ހައެއްކަ ފިރިހެނުން ގޮވައިގެން އައިސް އެ ގޭތެރެއަށް އޭނާ ވަދެއްޖެއެވެ. އެ ޖިފުޓިއަށް ވަންނަށް ހުންނަ ދޮރުގެ އެއްފަރާތެއްގައި ހުރި އޮށި އެނދުގައި މަރުގެ ދާނުގައި އަބަދަށްޓަކައި ދެމިގެން ވާ ފުންނިއްޖެއްގެ ތެރެއަށް ގެނބި، މަރުވެ ކުނިވެފައި އޮތީ ގުދުބެއެވެ. އެއަށްވުރެ ބޮޑު ހައިރާންކަމެއް އެތަނަށް އައި ކޮންމެ މީހަކަށްވެސް ލިބުނީ މިވީހާ ދުވަހު އެމީހުންގެ ގެއިން ގެއްލިފައިވާ ތަކެތި އެގޭތެރެއިން ފެނުމުންނެވެ.

ހަދީޖާގެ ރަންފަށާއި އުޅާވެސް އޮތީ އެގޭތެރޭގައެވެ. އެތަކެތި އެގެއަށްގެނެސް އެއްވެސް ބޭނުމެއް ކޮށްފައިވާ ހެނެއް ހިޔެއްވެސް ނުވެއެވެ.

ގުދުބެގެ ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު އޭނާ ގެ ފުރާނަނެތް މަސްގަނޑުވެސް ކަށްވަޅާ ހަވާލުކުރަމުން އެއްމެން ގަބުރުސްތާނުން ނުކުމެއްޖެއެއެވެ.

ކޮންމެ މީހެއްގެ ހިތުގައިވެސް ވަނީ ހުސް ސުވާލެވެ. ގުދުބެއަކީ ވަގެއް ހެއްޔެވެ؟ އެ އުމުރުގައި އޭނާ ވައްކަން ކުރީ ކިހިނެތް ހެއްޔެވެ؟

ހަޤީޤަތަކީ ވެސް އެއީ އެވެ. އޭނައަކީ ވަގެކެވެ. އޭނާގެ އެ އެކަހެރި ދިރިއުޅުމާ ގުޅިފައިވަނީ އުމުރުގެ ވަރަށް ޅައިރު ފެށުނު ވައްކަމުގެ ނުބައި އާދައެވެ. އެއީ ރަށުގެ ތިބި އާއްމު ރައްޔިތުންނަށް ޖެހުނު ބޮޑު މުސީބާތެއްފަދަ މީހެކެވެ. ވައްކަމެއް ކޮށް ނުލެވެނީސް އޭނާއަށް ހަމަ ނިދި ނުލިބޭ ވަރަށް އެނުބައި އަމަލަށް އޭނާ ވަނީ ދެވިހިފާފައެވެ. އޭނާގެ އުނދަގޫ ބޮޑުވެ އޭނާގެ ވަރަށް ޅައުމުރުގައި ރަށުގެ އާއްމުން ދިރިއުޅޭ ހިސާބަށް ނޭރުމަށް އަމުރުކޮށް ރަށުގެ އާބާދުވެފައިވާ ހިސާބުން ރަށުގެ ވަލުތެރެއަށް އޭނާ ފޮނުވާލީ ވެސް އެސަބަބާހުރެއެވެ. ކަށީގައި ހިފާފައިވާ އާދައެއް ބަދަލުކުރުމަކީ އުނދަގޫކަމެކެވެ. ތޮށިގަޑުގެ ނިވަލުގައި ހުރެ ބޭނުންހާ ގޮތަކަށް ދުނިޔެމަތީ އުޅެވިދާނެއެވެ. ދުރުން ފެންނައިރު އެއްޗެއްގައި ހުންނަ އޮފުދާރުކަން ކައިރިއަށް އަމުމުން ގެއްލިދާ ފަހަރުވެސް އާދެއެވެ. ޙަޤީޤަތް ގިނަ ފަހަރު އެނގެނީ ތޮށިގަނޑުން ބޭރުވީމައެވެ. (ނިމުނީ)