ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރަން ނާޒިމްގެ ފަރާތުން ހުށަހެޅި މައްސަލަ ހައި ކޯޓުން މިއަދު ބަލައިގެންފި އެވެ.
ނާޒިމްގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭ ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓު ފާސްކުރަން ނެރުނު އަމުރެވެ. އެ އަމުރުގެ ދަށުން އެތަން ބަލައި ފާސްކުރުމުން ހަނގުރާމަވެރި ހަތިޔާރު އެތަނުން ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ އަމުރު އިސްތިއުނާފްކުރަން މިދިޔަ ބުރާސްފަތި ދުވަހު ނާޒިމްގެ ފަރާތުން ހުށަހެޅި މައްސަލަ ހައި ކޯޓުން މިއަދު ބަލައިގަތްކަން ނާޒިމްގެ ވަކީލުން މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ކަށަވަރުކޮށްދީފަ އެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކުރަން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު ނާޒިމް ހައްޔަރު ކުރަން ނެރުނު އަމުރާއި ނާޒިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ނާޒިމްގެ ފަރާތުން ހައި ކޯޓުގައި ކުރިން އިސްތިއުނާފްކުރި އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވަނީ އެ ދެ އަމުރަށް ތާއީދުކޮށްފަ އެވެ.
އެ ދެ އަމުރަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ނާޒިމްގެ ވަކީލުން ދަނީ ކުރަމުންނެވެ. ނާޒިމް ބަންދުގައި ބަހައްޓަން ކޯޓުން ދީފައިވާ 15 ދުވަހުގެ މުއްދަތު އަންނަ ބުދަ ދުވަހުގެ ހަވީރަށް ހަމަވާނެ އެވެ.