ބޭންކް އޮފް މޯލްޑިވްސް

ޑޮލަރު ދަތިކަން ހައްލުކުރަން ބީއެމްއެލްއިން ފިޔަވަޅުތަކެއް އަޅަނީ

Aug 18, 2016
  • މިހާރަށްވުރެ ގިނަ ދަތުރުވެރިންނަށް ޑޮލަރު ވިއްކާނެ
  • ސީ ޓްރެކްސް ގޮފިން ކުރިއަށް އޮތް ދެ ހަފްތާގައި ޑޮލަރު ވިއްކާނެ
  • ހިދުމަތް ނުހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވާނެ

ޑޮލަރު ގަންނަން ބޭނުންވާ ދަތުރުވެރިންނަށް ލުއި ގޮތެއް ހޯދައިދިނުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ މިހާރަށްވުރެ ގިނަ ދަތުރުވެރިންނަށް ޑޮލަރު ވިއްކުމުގެ އިތުރުން ކަސްޓަމްސް ސަރަހައްދުގައި ހުންނަ ސީ ޓްރެކްސް ބިލްޑިންގައި ގާއިމްކޮށްފައިވާ އެ ބޭންކްގެ ބްރާންޗުން ޑޮލަރު ލިބޭނޭ އިންތިޒާމް ކުރިއަށް އޮތް ދެ ހަފްތާއަށް ހަމަޖެހިގެން ދާނެ ކަމަށާއި މިދިއަ ހަފްތާތަކުގައި ބީއެމްއެލް އިން ދުވާލަކަށް ގާތްގަޑަކަށް 350 ދަތުރުވެރިންނަށް އެ މީހުން ދަތުރުކުރާ ޓިކެޓް ހުށަހެޅުމުން އެއިން ކޮންމެ ދަތުރުވެރިޔަކަށް ވެސް 500 ޑޮލަރު ދޫކޮށްފައިވާނެ ކަމަށެވެ.

"ނަމަވެސް ކުރިއަށް އޮތް ދެ ހަފްތާގައި ބޭންކްއިން މަދުވެގެން ދުވާލަކު 500 ދަތުރުވެރިންނަަށް ޑޮލަރު ލިބޭނޭ އިންތިޒާމް ހަމަޖައްސައިދޭނެ،" ބޭންކުން ބުންޏެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް ފަސޭހައިން ޑޮލަރު ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެމްއެމްއޭ އިން މީގެ ދެއަހަރު ކުރިން ފެށި މަސައްކަތެކެވެ. އެ މަސައްކަތަށް އެންމެ ބޮޑު އެހީއެއް ވަނީ ބީއެމްއެލް އިންނެވެ. ތަފާސްހިސާބުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް އެކަނިވެސް 39 މިލިޔަން އެމެރިކާ ޑޮލަރު ވިއްކި އެވެ.

އެ އަދަދަކީ އެމްއެމްއޭއިން ބޭންކަށް ދޫކުރާ ޑޮލަރުގެ އިތުރުން، ބީއެމްއެލް އިން ވެސް މިކަމަށް ބޮޑުއަދަދެއް ކަންޑައަޅައިގެން ވިއްކާ ޑޮލަރެވެ. ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް ޑޮލަރު ގަތުމަށް އޮތް ޑިމާންޑްގެ ސަބަބުން ބީއެމްއެލްއިން މިކަމަށް ޚާއްސަކޮށްފައިވާ ޑޮލަރު މިހާރު އިތުރުކުރަން ވެސް ވަނީ ނިންމާފައެވެ.

"މިއީ ޑޮލަރު ގަތުމަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރެއްކަން ބޭންކަށް އެނގޭ، ޚާއްސަކޮށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރާ ދަތުރުވެރިންގެ މެދުގައި. ކަސްޓަމަރުންގެ އަޑުތައް އަޅުގަނޑުމެން އަހައިފިން އަދި އަޅުގަޑުމެން މިދަނީ ކަސްޓަމަރުން އެދޭ ގޮތަށް ޚިދުމަތް ދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހިލީ ވިދާޅުވި އެވެ.

ދަތުރުވެރިންނަށް ޑޮލަރު ވިއްކާ ސްކީމްގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމުގެ ގޮތުންވެސް ފިޔަވަޅުތަކެއް އަޅަން ބީއެމްއެލް އިން މިހާރު ވަނީ ނިންމާފަ އެވެ. އޭގެތެރޭގައި ޓިކެޓް ހިފައިގެން ޑޮލަރު ގަންނަން ދާ ފަރާތަކީ ދަތުރު ކުރާ ފަރާތްކަމުގައި ވުމާއި އަދި އާއިލާއާއެކު ދަތުރުކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ބޭނުންވާ ހުރިހާ ޑޮކިއުމެންޓެއް ހުށަހެޅުމުން ގިނަވެގެން ފަސް ޓިކެޓަށްވާ ޑޮލަރު ދަތުރު ކުރާ ކޮންމެވެސް އެއްފަރާތެއް ބޭންކަށް ދިއުމުން ލިބޭނޭ އިންތިޒާމް ހިމެނެ އެވެ.

ބޭންކުން ބުނީ ކުރިންވެސް އިއުލާންކޮށްފައިވާ ގޮތަށް ބީއެމްއެލް ބާޒާރު ބްރާންޗްގެ ޚިދުމަތްތައް އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުރި ބޭންކުގެ ބްރާންޗަށް އަންނަ އާދީއްތަ ދުވަހު ބަދަލުވާނެ އެވެ. ނަމަވެސް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސީ ޓްރެކްސް އިމާރާތުގައި މިހާރުވެސް ދެމުންގެންދާ ޑޮލަރު ވިއްކުމުގެ ޚިދުމަތް ކުރިއަށް އޮތް ދެ ހަފްތާގައިވެސް ދޭނެ އެވެ.