އައްޑޫ ސިޓީ

އީސީސީގައި ހޮސްޕިޓަލް ތަރައްގީ ކުރަން ބީލަމަށްލައިފި

Aug 18, 2016
3

އައްޑޫ އަތޮޅު ހިތަދޫގައި ހުންނަ އިކްއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ކޮންޓަރެކްޓަރަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މިއީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ރާއްޖެއަށް ލޯނު އެހީގެ ގޮތުގައި ދީފައިވާ ފައިސާއިން ހިނގާ ޕްރޮޖެކްޓެކެވެ.

ފިނޭންސުން ބުނީ ހައުސިން މިނިސްޓްރީގެ އެދުމަށް އީސީސީގައި 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމާއި، އަދި އެ ސެންޓަރަށް އިތުރުކުރެވޭ އިމާރާތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި ބީލަން ހުށަހެޅުމުގެ ދަޢުވަތު ޝަރުޠު ހަމަވާ، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް އެބައޮތް ކަމަށެވެ.

ބީލަމުގައި ބައިވެރިވެވެނީ 1,500ރ. ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކައިގެނެވެ. ފައިސާ ބަލައިގަންނާނީ އަންނަ ހޯމަ ދުވަހުން ފެށިގެން އަޮކްޓޫބަރު މަހުގެ ދެވަނަ ދުވަހަށެވެ. ބީލަންފޮތުގެ ސޮފްޓްކޮޕީ މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެ އެވެ. މި ޕްރޮޖެކްޓުގެ ޕްރީބިޑް މީޓިން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ފިނޭންސްގަ އެވެ.

މި މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 90,000.00 އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރު އަދަދެއް، ދިވެހިރުފިޔާއިން ދައްކަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. މި މަޝްރޫޢުގެ ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓެވެ.

މިބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ. އަދި ބީލަން ހުޅުވުން އޮންނާނީ އަނަނައޮކްޓޫބަރު 13 ވަނަ ދުވަހު އެވެ.

ސާކް ސަމިޓް ބޭއްވުމަށް އައްޑޫ ސިޓީގައި ހަދާފައިވާ އީސީސީގައި ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ސަރުކާރުން ނިންމީ މީގެ ހަމަސް ކުރިންނެވެ.