ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕާއެކު ރާއްޖެއަށް ޓޫރިޒަމްގެ އާ ރަހައެއް!

  • މެޑިކަލް ޓޫރިޒަމްގައި ގިނަ ފުރުސަތު ތަކެއް
  • މެޑިކަލް ޓޫރިޒަމްގައި އެތައް މިލިއަން މީހުން ދަތުރުކުރޭ
  • ޓްރީ ޓޮޕްގެ އިންވެސްޓްމަންޓް 90 މިލިއަން ޑޮލަރު

ރާއްޖޭގެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ސަބަބަކީ އަރާމު ކޮށްލައި ރީތީކަން ދެކިލާށެވެ. ދެން އޮތީ ހަނީމޫން ހަދައިލުމެވެ. މީގެ އިތުރުން ރާއްޖެއަށް ޓޫރިސްޓުން އަންނަން "މަޖުބޫރުވާނެ" މާ ގިނަ ސަބަބެއް ނެތެވެ. ނަމަވެސް ރާއްޖޭގެ ޓޫރިޒަމަށް އިތުރު ރަހަތަކެއް ބޭނުންވެ އެވެ. މިގޮތުން ބަލާއިރު ދިވެހިންނަށް އަތް ނުލެވި އޮތް މާކެޓަކީ "މެޑިކަލް ޓޫރިޒަމް" މާކެޓެވެ. މިއީ އަވަށްޓެރި ގައުމުތަކުގައި އެންމެ ފުޅާ އެއް މާކެޓެވެ. މި ކަންވުމުގައި ރާއްޖެ އަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ރާއްޖޭގައި މަތީ ފަންތީގެ ސިއްހީ ހިދުމަތް އަދި ނެތުމެވެ. ނަމަވެސް ހުޅުމާލޭގައި އަންނަ އަހަރު ހުޅުވާ "ޓްރީޓޮޕް ހޮސްޕިޓަލް" ގެ ސަބަބުން ޓޫރިޒަމްގެ އާ ރަހައެއް ރާއްޖެ ވަންނާނެ ކަމަށް މި ވަނީ ބެލެވިފަ އެވެ.

"މެޑިކަލް ޓޫރިޒަމް ރާއްޖެއަށް ތައާރަފު ކުރުމަކީ މި ހޮސްޕިޓަލް އެޅުމުގެ އެއް ސަބަބު،" ހުޅުމާލޭގައި "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އެޑްގާ ޓޯރަލް ހެނާންޑޭޒް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން މީގެ އަހަރެއްހާ ދުވަސް ކުރިން ފައްޓަވައި ދެއްވި މި ހޮސްޕިޓަލް، ޓްރީޓޮޕް ތަރައްގީ ކުރަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ފުންނާބު އުސް ބޭފުޅުންނެވެ. ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު ކުންފުނި ޗަމްޕާ ބްރަދާޒްގެ ހިއްސާވާ ޓްރީޓޮޕް ހޮސްޕިޓަލްގައި ސުޕަ- ސްޕެޝަލިސްޓުންނާއި އެންމެ މަތީ ސިއްހީ ވަސީލަތްތައް ހުންނާނެ އެވެ. މެލޭޝިއާގެ ސައިމް ޑާބީއިން ހިންގާ، ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުގެ މި ހޮސްޕިޓަލުގައި އެންމެ ޒަމާނީ ވަސީލަތްތައް ގާއިމް ކުރާނެ އެވެ. މި ހޮސްޕިޓަލުގައި 250 އެނދު ހުންނައިރު އަންނަ އަހަރުގެ ދެވަނަ ކްއާޓަރުގައި ހޮސްޕިޓަލް ހުޅުވާނެ އެވެ.

މެޑިކަލް ޓޫރިޒަމްއަކީ ކޮބާ؟

މެޑިކަލް ޓޫރިޒަމް ނުވަތަ "ހެލްތް ޓޫރިޒަމް" އަކީ ބޭސް ފަރުމާއެކު އެހެނިހެން ވަސީލަތްތައް ލިބޭ ގޮތަށް ދޭ ޓޫރިޒަމްގެ ވައްތަރެކެވެ. މި ބާވަތުގެ ޓޫރިޒަމް އަށް ދަތުރުކުރާ މީހުން ބޭސް ފަރުވާ ކުރުމާއެކު ޗުއްޓީ ހޭދަކުރުން ނޫނީ ވިޔަފާރިކުރުން ފަދަ ކަމެއް ކުރެ އެވެ. މެޑިކަލް ޓޫރިޒަމް އަށް މި ސަރަހައްދުން އެންމެ މަޝްހޫރު ދެ ގައުމަކީ އިންޑިޔާ އާއި ސްރީލަންކާ އެވެ. އަދި ދުނިޔޭގެ ފެންވަރުގައި މެޑިކަލް ޓޫރިޒަމް އެންމެ ފުޅާކޮށްދޭ އެއް ގައުމަކީ ދިވެހިން ވެސް ބޭސް ފަރުވާއަށްދާ ތައިލޭންޑެވެ.

"ގްލޯބަލް ޓޫރިޒަމް މާކެޓް" ގެ ދިރާސާއެއް ދައްކާ ގޮތުގައި މެޑިކަލް ޓޫރިޒަމަށް އެންމެ މަޝްހޫރު ތައިލޭންޑަށް 2012 ވަނަ އަހަރު މެޑިކަލް ޓޫރިޒަމްއަށް 2.5 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. އަދި އެ އަހަރު ދުނިޔޭގެ އެކި ގައުމުތަކަށް މެޑިކަލް ޓޫރިޒަމުން 10.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ދިރާސާ އިން ދައްކަ އެވެ. އަދި މި އަދަދު 2019 ވަނަ އަހަރު އަންނަންވާއިރަށް 32 ބިލިއަން ޑޮލަރަށް އަރާނެ އެވެ.

އެހެންކަމުން މިއީ ރާއްޖެ ފަދަ ޓޫރިޒަމް ގައުމަކަށް ހޯދިދާނެ މާކެޓެއް ކަމަށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންދެކެ އެވެ. މީގެ ސަބަބުން ޗުއްޓީ ހޭދަ ކުރުމަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ކުންފުނިތަކުން ދެކެ އެވެ.

ދިވެހިންނަށް އަވައްޓެރި ގައުމުތަކުން މެޑިކަލް ޓޫރިޒަމް ޕެކޭޖުތައް ވިއްކަމުން ގެންދާ މޯލްޑިވްސް ހޮލިޑޭ ކަލެކްޝަންސްގެ ޑިރެކްޓަރު ސޭލްސް އެންޑް މާކެޓިން ޝައުޝާން ޝަފީގު ވިދާޅުވި ގޮތުގައި ދުނިޔޭގައި މީހުން ދަތުރުކުރަނީ ހަތަރު ސަބަބެއް އޮވެގެން ކަމަށެވެ.

"މީހުން ދަތުރުކުރަނީ އެޑްވެންޗާ އާއި ވެކޭޝަން އަދި ވިޔަފާރި ކުރުމަށާއި ސިއްހީ ފަރުވާއަށް. އެހެންވެ މެޑިކަލް ޓޫރިޒަމްއަކީ މުހިންމު އެއް ބައި،" ޝައުޝާން ވިދާޅުވި އެވެ،

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ފެންވަރު މަތީ ހޮސްޕިޓަލެއް ތަރައްގީ ކުރެވިއްޖެނަމަ، އޭގެ ފައިދާ ރާއްޖޭގެ ޓޫރިޒަމް ވެސް ކުރާނެ އެވެ. އެ ކުންފުނިންވެސް މިކަމަށް ދަނީ ތައްޔާރުވަމުންނެވެ.

"މުއްސަނދިން ދަތުރު ކުރޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ހިސާބުތަކަށް ޗުއްޓީއަށް. ތައިލޭންޑުގެ ބެންކޮކް ފަދަ ތަންތަން މަގުބޫލުވަނީ އެހެންވެ،" ޝައުޝާން ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ސަބަބުން ހަމައެކަނި ރަނގަޅުވަނީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރެއް ނޫނެވެ. މި ހޮސްޕިޓަލް ހުޅުވިގެން ދިއުމާއެކު ރާއްޖޭގެ އިގްތިސާދަށް މީގެ ފައިދާ ބޮޑުވާނެ އެވެ. މިގޮތުން "މެޑިކަލް ޓޫރިޒަމް" ފަދަ ޓޫރިޒަމްގެ އާ ވައްތަރުތައް ތައާރަފުވުމަކީ އިގްތިސޯދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.