ދިވެހިންނަށް މަތީ ފަންތީގެ ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް 2015 ވަނަ އަހަރު މަސައްކަތް ފެށި ޓްރީޓޮޕް އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހިތްގައިމު ތަނަވަސް ހޮސްޕިޓަލާއެކު ދިވެހިންގެ އުންމީދުތައް އެތަކެއް ގުނަ އުހަށް ޖެހިލައިފި އެވެ. މާދަމާ ހުޅުވަން ތައްޔާރުކޮށްފައިވާ އެ ހޮސްޕިޓަލަކީ އެތައް ގޮތަކުން "ޗާލު" ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގެ އިންޓީރިއާއިން ފެށިގެން އައިސީޔޫގައި ބަހައްޓާފައިވާ މެޝިނަރީތަކާ ހަމައަށް ފެނިގެންދަނީ ހައި-އެންޑް ޓެކްނޮލޮޖީ އެވެ. ހޮސްޕިޓަލްގެ ލޮބީގެ މެދުގައިވާ މަސްނޫއީ އަލިމަހުގެ ޗާންދަލިޔާ އާއި އެއް ފަރާތުގައި އަރާ ފޭބުމަށް ބަހައްޓާފައިވާ ކަރަންޓު ސިޑި ކުލަކޮށްދެނީ ލަގްޒަރީ ހޮޓަލެއްގެ މައި ލޮބީ އެވެ. ބަލައިލަން އެ ފެންވަރުގެ ހޮސްޕިޓަލަކުން އުންމީދު ކުރެވެނީ ވެސް ހަމަ އެހާމެ ހިތްގައިމު ހިދުމަތްތަކަކަށެވެ. އެފަދައިން އުންމީދު ނުކުރަންވީ ސަބަބެއް ވެސް ނެތެވެ.
ރާއްޖޭގެ ސްމާޓް ސިޓީގެ ގޮތު ހަލުވި ސްޕީޑެއްގައި ކުރިއަރަމުން އަންނަ ހުޅުމާލޭގައި 90 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު ގާއިމްކޮށްފައިވާ ޓްރީޓޮޕަކީ 210 އެނދުގެ ތާޝަރީ ހޮސްޕިޓަލެކެވެ. އެއީ އަމިއްލަ ކުންފުންޏަކުން ރާއްޖޭގައި މިހާތަނަށް އަޅާ ފުރަތަމަ އަލްޓްރާ-މޮޑާން ނުވަތަ ހުރިހާ ގޮތަކުން އެންމެ ފަހުގެ އުފެއްދުންތަކާއެކު ފަށާ ފުރަތަމަ ހޮސްޕިޓަލެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ރާއްޖޭގައި އަލަށް އޯޕެން ހާޓް ސާޖަރީގެ ހިދުމަށް ދޭނެ އެވެ. އެކަމަށް ހާއްސަ ޑޮކުޓަރުންވެސް މިހާރު ވަނީ ރެކްރޫޓް ކޮށްފަ އެވެ. އެގޮތުން ދުނިޔޭގެ 35 ގައުމަކުން ޑޮކްޓަރުން ރެކްރޫޓް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް ޖާމަނީ އިންޑިއާ އަދި ޕާކިސްތާން ފަދަ ގައުމުތައް ހިމެނެ އެވެ. ޖުމްލަ 403 މުވައްޒަފުންނާއެކު މާދަމާ އެ ހޮސްޕިޓަލްގެ ހިދުމަތްތައް ފަށައިގަންނަ އިރު ހިދުމަތްދޭ 100 ނަރުހުންނާއި އޮޕަރޭޝަންތަކަށް ހާއްސަ މަލްޓި ސްޕެޝަލިސްޓުންނާއި އެކު 40 ޑޮކްޓަރުން ތިއްބަވާނެ އެވެ. ކުރިއަށް އޮތް ދުވަސްކޮޅެއްގެ ތެރޭގައި ޑޮކްޓަރުންގެ އަދަދު 80 އަށް އިތުރުވެގެންދާނެ އެވެ.
ޓްރީޓޮޕް ހާއްސަ ވަނީ ކީއްވެ؟
ރާއްޖެއަކީ ފަތުރުވެރިކަމުގައި ދެވަނައެއްނެތް މިސާލެކެވެ. ނަމަވެސް ލަގްޒަރީ ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ބޭނުންވާ ފެންވަރުގެ ސިއްހީ ހިދުމަތެއް މިހާތަނަށް ރާއްޖޭގައި ގާއިމްވެފައި ނެތުމަކީ އެ ފަރާތްތަކުން ކުރާ ޝަކުވާއެކެވެ. ލޯކަލް ކޮމިއުނިޓީއަށް ބަލާނަމަ ރާއްޖެއަކީ އާބާދީގެ ނިސްބަތުން ބޮޑެތި ބަލިތަކުގެ ފަރުވާއަށް މިހާރުވެސް ރާއްޖެއިން ބޭރަށް އެންމެ ގިނައިން މީހުން ދާ އެއް ގައުމަށް ވާނެ އެވެ. ބޭސް ފަރުވާއަށް ބޭރަށްދާ ހަރަދާ އެއްވަރަށް ފަރުވާގެ މުއްދަތުގައި އެތަންތަނުގައި ތިބެ ދިރިއުޅުމަށް ނުބައްދަލު އަދަދުތަކަކުން ހަރަދުކުރުން ވެފައިވަނީ ބޮޑު ބުރައަކަށެވެ. އެހާ ގިނަ އަދަދެއްގެ ފައިސާ ބޭރަށް ވިއްކަން މަޖުބޫރުވެފައި އޮތް އޮތުމަކީ އިގްތިސޯދަށް ކުރިމަތިވެފައިވާ ބިޔަ ގޮންޖެހުމެކެވެ. ޓްރީޓޮޕް ހާއްސަވެގެން އަންނަނީ މިހާ ހިސާބުންނެވެ.
ޓްރީޓޮޕްގެ ފަހަތުގައި އޮތީ ގާބިލު ޓީމެކެވެ. އެ ހޮސްޕިޓަލްގެ ހުންގާނުގައި އޮތީ ހައި ކޮލިޓީ ސިއްހީ ހިދުމަތް ދިނުމުގެ ދާއިރާއިން މަތީ ޝަރަފުތަކެއް ހޯދާފައިވާ މެލޭޝިއާގެ ސިމްޑާބީ އާއި އޮސްޓްރޭލިއާގެ ރަމްސޭ ހެލްތް ކެއާ އެވެ. ޖޮއިންޓް ވެންޗާކޮށް ހިންގާ އެ ދެ ކުންފުނިން އެ ދެ ގައުމުގައި ހިންގާ ހޮސްޕިޓަލްތަކާ އެއް ނެޓްވޯކަކުން ޓްރީޓޮޕް ވެސް ގުޅައިލެވޭނެ އެވެ.
"އަހަރެމެންގެ އަމާޒަކީ ރާއްޖޭގެ ސިއްހީ ނިޒާމު ބަދަލުކޮށްލުން. ބޭސް ފަރުވާއަށް ދިވެހިން ބޭރަށް ދާން ނުޖެހޭވަރުގެ ސަބަބެއް ދެއްކުން. ދިވެހިންނަށް ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ނުފުރޮޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވާނަން،" ރަމްސޭ ސިމް ޑާބީގެ ގްރޫޕް މެޑިކަލް އެޑްވައިޒާ ޑރ. ޖެކޮބް ތޯމަސް ވިދާޅުވި އެވެ.
ޖެކޮބްގެ ނަޒަރުގައި ޓްރީޓޮޕަކީ ރާއްޖެއަށް މިހާރަށްވުރެ ގިނަ ފަތުރުވެރިން އެތެރެކޮށްދޭނެ ޕޯޓަލް އެކެވެ. އެ ހޮސްޕިޓަލުން ފަތުރުވެރިންނަށް އޮފާކުރަން ތައްޔާރު ކޮށްފައިވަނީ އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކެވެ. އެ ހިދުމަތްތަކާއެކު ރާއްޖޭގައި "މެޑިކަލް ޓޫރިޒަމް" އުފަންވުމަކީ ދުރުގައި އޮތްކަމެއް ނޫންކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ.
"ވަސީލަތްތަކުގެ ގޮތުން ކުރިއަރާފައިވާ ބައެއް ގައުމުތަކުގެ ހޮސްޕިޓަލްތަކާ ޓްރީޓޮޕް ނުބައްދަލު. މި ހޮސްޕިޓަލުން ގެނެސްދޭ ހިދުމަތްތަކާއެކު ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ފެށިއްޖެނަމަ ހައިރާންނެއް ނުވާނަން. މި ހިދުމަތްތަކަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ އިންތައް އެތައް ގުނައެއް ފުޅާކޮށްލަ ދޭނެ ހިދުމަތްތަކެއް،" ޖެކޮބް ވިދާޅުވި އެވެ.
ސިއްހީ ހިދުމަތާއެކު އެކި ދާއިރާތަކުން ދިވެހި ޑޮކްޓަރުން ތަމްރީންކުރުމުގައި ވެސް ޓްރީޓޮޕުން ނަމޫނާ މަސައްކަތްތަކެއް ކުރިއަށްއޮތްތަނުގައި ފެނިގެންދާ ނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ޓްރީޓޮޕާއެކު ރާއްޖޭގެ ސިއްހީ ނިޒާމަށް ދެން އަންނާނެ އެންމެ މުހިއްމު ބަދަލެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވާފައިވަނީ އެހެން ހޮސްޕިޓަލްތަކުން ދޭ ހިދުމަތްތަކުގެ ވެސް ފެންވަރު މަތިވެގެން ދިއުމެވެ. ހިދުމަތްދިނުމުގެ ދާއިރާގައި ރާއްޖޭގައި މިހާރު ހުރި ހޮސްޕިޓަލްތަކާއެކު ވާދަވެރި މާހައުލެއްގައި އެހެން ނަމަވެސް ގުޅިގެން މަސައްކަތްކުރުމަކީ އެ ހޮސްޕިޓަލަށް ލިބޭނެ ކުރިއެރުމެއްގެ ގޮތު ޖެކޮބް ސިފަކުރެއްވި އެވެ.
ޓްރީ ޓޮޕުން ދޭ ބައެއް މުހިއްމު ހިދުމަތްތައް
- އެމްއާރްއައި
- ސީޓި ސްކޭން
- ކާޑިއެކް ސާޖަރީ
- ތޮރެސިކް ސާޖަރީ
- ނިއުރޯ ސާޖަރީ
- އޮންކޮލޮޖީ/ކީމޯ ތެރަޕީ
- ނެފްރޯލޮޖީ/ޑަޔަލިސިސް
- ޗައިލްޑް ސައިކޮލޮޖީ
ހިދުމަތުގެ ފެންވަރު ގަވާއިދުން މޮނިޓާކުރާނެ
ހޮސްޕިޓަލުން ދޭ ހިދުމަތްތައް މެދުކެނޑުމެއްނެތި އާންމުންނަށް ފޯރުކޮށްދިނުމަކީ ޓްރީޓޮޕް ޓީމުގެ އެންމެ ބޮޑު އެއް މަގްސަދެވެ. އެގޮތުން ހޮސްޕިޓަލަށް ދިމާވާ "މެޝިނަރީ ބްރޭކްޑައުން" ތަކަށް ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޕިލިޕްސް އިން ކޭޓާ ކުރާނެ އެވެ. އެހެންކަމުން މެޝިނަކަށް މައްސަލައެއް ދިމާވެގެން ހިދުމަތް ހުއްޓުމަކަށް އައިސްފައި އޮންނާކަށް ނުޖެހޭނެ އެވެ. ހަމަ އެއާއެކު ޑޮކްޓަރުންދޭ ހިދުމަތުގެ ކޮލިޓީ ދަށްވިޔަނުދީ އެއްފެންވަރެއްގައި ނުވަތަ އެއަށްވުރެވެސް ފެންވަރު ރަނގަޅުކުރުމަށް ވެސް ހާއްސަ ޓީމެއް ވަނީ އެކުލަވާލާފަ އެވެ.
"ޓްރީޓޮޕުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޑޮކްޓަރުން ދެއްވާ ހިދުމަތުގެ ފެންވަރު މޮނިޓާކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ. އޭގެ ތެރޭގައި ހިމެނޭނީ ހަމައެކަނި ޑޮކްޓަރުންގެ ހިދުމަތް މޮނިޓާ ކުރުމެއް ނޫން. މެޝިނަރީތަކާއި އެނޫންވެސް ޕޭޝަންޓުންނަށް ދޭ ހިދުމަތާ ގުޅިގައިވާ ހުރިހާ ކަމެއް ގަވާއިދުން ޗެކްކުރާނެ،" ޓްރީޓޮޕްގެ ކޮލިޓީ މެނޭޖްމަންޓްގެ ސީނިއާ މެނޭޖަރެއްގެ މަގާމުގައި ހުންނެވި އަސްމާ އަލީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިސްރުގައި މަސައްކަތްކުރުމަށްފަހު ރާއްޖެ އަންނަން ނިންމި ނިންމުމާ ދޭތެރޭ ވަރަށް ބޮޑަށް އުފާވެފައިވާ ކަމަށެވެ.
ހުޅުވާއިރު ވެސް އާސަންދަ ލިބޭ ގޮތަށް ތަރައްގީކޮށްފައިވާ މި ހޮސްޕިޓަލާމެދު ދިވެހިން ކުރާ އުންމީދު ފޮންޏެވެ.
ހުޅުމާލޭގައި 20،000 އަކަމީޓަރުގެ ސަރަހައްދެއްގައި ޓްރީޓޮޕް ތަރައްގީކޮށްފައިވަނީ އެކޮމޮޑޭޝަންގެ ގޮތުގައި ދޫކުރާ 24 ކޮޓަރިއާއެކު އެކޮމޮޑޭޝަން ބްލޮކަކާއި ރެސްޓޯރަންޓް އަދި އެމެޖެންސީ ޕަވަ ސިސްޓަމެއް ވެސް ހިމަނައިގެންނެވެ.
ކާސާ ހޯލްޑިންސް އާއި ޗަމްޕާ ބްރަދާސް އަދި ކުރެއްދޫ ހޯލްޑިންގްސް ގުޅިގެން އުފައްދާފައިވާ "ޓްރީ ޓޮޕް އިންވެސްޓްމަންޓުން" ހުޅުމާލޭގައި ތަރައްގީކުރާ މި ހޮސްޕިޓަލްގެ ބިންގާ މީގެ އަހަރެއްހާ ދުވަސް ކުރިން އަޅުއްވައިދެއްވީ ރައީސް އަބްދުﷲ ޔާމީނާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެވެ.