- މަސްތުގެ ދުނިޔެ އަށް ގެއްލުމުން ހިތާމަކުރޭ
- އަލަތު ސޯލޯ އަލްބަމް ނެރެން ތައްޔާރުވެފައި
- އެންމެ ބޮޑަށް މިސްވަނީ ދަރިފުޅު
ދިވެހި އޮރިޖިނަލް ނުވަތަ ދިވެހިވަންތަ ލަވައިގެ އާލަމަށް ދަތުރުކޮށް އޭގެ މޮޅުކަމާއި ފަށުވިކަމާއި ނަލަކަމުގެ ވާހަކަ ދައްކާ ނަމަ މިއީ އެ ފަންނާނަކަށް މަލުން ތައުރީފު ނުއޮއްސައި ދެވޭ ވަރަށް ވުރެން މުހިންމު ނަމެކެވެ.
އަބްދުﷲ އީސަ ނުވަތަ އަހަރެމެން އެންމެން ވެސް އޭނާ ދަންނަ ރައްޓެހި ނަމުން ނަމަ، އީސަ، ދިވެހި މިއުޒިކީ އާލަމްގެ "މި ޖީލުގެ އީސަދަރިއަކަށް" ވަނީ މި ދެންނެވި ސަބަބާ ހެދި އެވެ. ދިވެހި ބަހާއި ޅެމާއި ލަވައިން އޭނާ ތަޅައި ބަލިކޮށްލެވޭނެ މި ފެންވަރުގެ އެހެން ފަންނާނަކު ނުފެންނަތާ ވަރަށް ޒަމާންވެއްޖެ އެވެ.
އެކަމަކު އަވަސް ވީކެންޑްގެ ހާއްސަ މެހްމާނެއްގެ ގޮތުގައި އީސަ އާންމުންނާ ހަމަ އަށް އެނބުރި އަންނައިރު އޭނާގެ މިއުޒިކީ ހަޔާތް އަދި އަމިއްލަ ދިރިއުޅުމުގައި ވެސް ލަވައާއި ޅެމާއި ރައިވަރުގެ އެ ހަމަކަމެއް ނުވަތަ ނަލަ ހިތްގައިމުކަމެއް ހަގީގަތުގައި ނެތެވެ. އެކަމަކު އީސަގެ ވާހަކަ ނިމުނީކީއެއް ނޫނެވެ. އޭނާގެ ކުޅަދާނަ މިއުޒިކާއި ލަވަ އާއި ޅެންބަހުރުވައިގެ ދުނިޔެ އަށް އިރުއޮއްސުނީކީއެއް ވެސް ނޫނެވެ.
އޭނާ އަކީ އަދިވެސް ލެޖެންޑެކެވެ. ވާނީ ވެސް ލެޖެންޑަކަށެވެ. ތާއަބަދަށް ވެސް ދިވެހި ލަވަ އާއި މިއުޒިކްގެ ލެޖެންޑަކަށެވެ.
މިފަހަރު އޭނާގެ ވާހަކަ އީސަ ކިޔައިދެނީ ލަވަ އާއި މިއުޒިކާއި މަސްތުގެ ދުނިޔެއަކުންނެވެ. އާ އަލްބަމަކާއި އާ ލަވަތަކެއްގެ ނަލަ ރާގު ވެސް މި އިންޓަވިއު އިން އިވޭނެ އެވެ.
ތިރީގައި މި އޮތީ އަވަސް ވީކެންޑްގެ ހާއްސަ އިންޓަވިއު އެވެ. --ވަރަށް ލޯތްބާއެކުގަ އެވެ.
މި އިންޓަވިއު އަށް އަޅުގަނޑުމެން ގުޅާލީމަ ކީކޭ ހިތަށް އެރީ އެންމެ ފުރަތަމަ؟
"އަޅުގަނޑު 2013 އަށް ފަހު އެކި ސަބަބުތަކާ ގުޅިގެން މިއުޒިކާ ދުރަށް ގޮސްފައި ހުއްޓާ، ވަރަށް އާދަޔާހިލާފު ޝޮކެއް ލިބުނީ ކުއްލިއަކަށް އަވަސް އޮންލައިން އިން ގުޅާލާފައި އިންޓަވިއުއެއްކޮށްލަން ބޭނުންވާ ވާހަކަ ބުނީމަ. ބޮޑު ޝައުގުވެރިކަމެއް އުފެދުނު ދެން ހިތަށް އެރީ ރަނގަޅުކަމެކޭ. ދުވަސް ވެއްޖެއޭ ދުރުގައި އުޅޭތަން. ބަޔަކު މީހުން ބޭނުންވާނެއޭ އަޅުގަނޑުގެ ވާހަކަ އަޑުއަހާލަން. ވަރަށް އުފާވި މި ފުރުސަތު ލިބުނީމަ."
އީސަގެ މިހާރުގެ ހާލަތުން ފަށައިގަންނަ ނަމަ، ކިހިނެތް އަޅުގަނޑުމެންނަށް ކިޔައިދޭނީ އީސަގެ ވާހަކަ؟
"މިއުޒިކްގެ ރޮނގުގައި މިހާ ދުވަސްވެގެން، ދެން މިގޮތަށް ކަންތައްތައް ދިމާވެގެން އައީމަ، 2013ގެ ފަހުން ދެން ހަމަ، ބަލި ހާލަތުގެ ކަންތައްތަކާ އީސަ އަށް ކުރެވޭ ބައެއް ކަންތައްތަކާ ހެދި ވަރަށް ބައިވަރު ދުވަސްތަކެއް މިއުޒިކާ ނުލާ ގޮސްސަ، ދެން އަނެއްކާ މީގެ ތެރެއަށް ނުކުތީމަ ވަރަށް ބައިވަރު ދަތިތަކެއް ވެސް ކުރިމަތިވޭ. އަނެއްހެން މާ ބޮޑު ދަތިތަކެއް ނޫން. އެކަމަކު މި ދޭތެރެއިން އަޅުގަނޑުގެ ސިއްހީ ހާލަތު ވެސް ދެރަވުމާ ގުޅިގެން މި ޖެހުނީ ގާތްގަނޑަކަށް ބުނަންޏާމު އަލުން ފަށައިގެންދާ ކަހަލަ ގޮތަކަށް."
"ދެން އެހެން ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޭނިލާފަ އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް މަސައްކަތްކުރެވެމުން މި ދަނީ އިރާދަކުރެއްވިއްޔާމު. އެކަމަށް ވަރަށް ޝުކުރުވެރިވަން."
ކޮންތާކު އީސަ ތިއުޅެނީ، ކޮބައިތަ އެންމެ ފަހުގެ އަޕްޑޭޓްތަކަކީ؟
"2011 އިން ފެށިގެން ކުޅެމުން އައިސް 2013 އަށް ނިންމާލާފައި ކަންތައްތަކާއި ހާލަތްތަކާ އެއްޗެހި ދިޔަގޮތުން އެކަމާ ތަންކޮޅެއް ދުރުގައި ވެސް އުޅެން ޖެހުނު. ދެން އެހެން ނަމަވެސް މިހާރު އެބަހުރި ވަރަށް ބައިވަރު ކަންތައްތަކެއް ރާވާފައި. އޭގެ ތެރޭގައި އަލްބަމެއް ހެދުމުގެ މަސައްކަތް ވެސް އެބައޮތް. އަދި ފަންނުވެރިންނަށް ލަވަ އެއްޗެހި ހަދައިދިނުމާއި ބައެއް ކަހަލަ އޯގަނައިޒޭޝަންތަކާއި ޖަމިއްޔާތަކަށް ވެސް. ދެން ޅެންވެރިކަމުގެ ކަންތައްތަކެއް ވެސް އެބަކުރެވޭ. އަދި ކުރިން ނެރުނު ބާވަންނަ ޅެން ފޮތުގެ ދެ ވަނަ ބަޔަކަށް ދާއިރު އޭތި ބައިހައްތިރިއަށް ބަދަލުކޮށް ދިގުކޮށްލާފައި އޭގައި ލަވަތަކާއި ކޯޑްސް ވެސް ހިމެނޭ ގޮތަށް ނެރެން ހަމަޖައްސަނީ."
ބުނެވިދާނެތަ އީސަގެ ތަރި އޮއްސި އަޑު ކެނޑުނީއޭ ނުވަތަ ކިހިނެތްތަ އަޅުގަނޑުމެން މި ހާލަތު ސިފަކުރަންވީ؟
"އާދެ އީސަގެ އަޑު ކެނޑުނީއޭ. ނުވަތަ އީސަ ގެއްލުނީއޭ ނުވަތަ އީސަ މިއުޒިކާ ދުރުވީއޭ ނުބުނެވޭނެ. އެކަމަކު 2013ގައި މެލޭޝިއާގައި ޝޯއެއް ކުޅެފައި އައިގޮތަށް ޝޯ ނުކުޅެ ބައިވަރު ދުވަސް ދިޔައީ. ކުރިން ވެސް ދެންނެވިހެން ބަލިހާލަތު ހުރި ގޮތުންނާއި އަމިއްލަ ޒާތީ ބައެއް ކަންތައްތައް ހުރިގޮތުން މިއުޒިކާ ދުރަށް ޖެހިލަން ޖެހުނީ."
"އެހެން ނަމަވެސް މިއުޒިކަކީ ލޭގެ ތެރޭގައި ދައުރުކުރާ އެއްޗެކޭ ބުނާ ފަދައިން މިއުޒިކެއް ދުލެއް ނުކޮށްލެވޭނެ. މިހާރު އަނެއްކާވެސް ކުޅެން ގަސްދުކޮށްފައި ކުޅެން މަސައްކަތްކުރަމުން މި ދަނީ. އެހެންވީމަ އަޑު ކެނޑިފަ އޮތީ. އެކަން ގަބޫލުކުރަން. ނުވެސް ފެންނަން ވެސް ނުފެންނަނީ. އެހެން ނަމަވެސް ކުރިއަށް އޮތްތާނގައި އަޑު ވެސް އިވޭނެ. ފެންނަން ވެސް ފެންނާނެ."
ބުނެވިދާނެތަ އީސަގެ މިއުޒިކީ ހަޔާތުގައި ބުރަކި ޖައްސާލި ނުވަތަ ދަބަރު ހިލުވާލި ކުށްވެރިޔަކީ މަސްތުވާތަކެތި ކަމަށް؟
"ވަރަށް ބޮޑު ތެދެއްގެ ގޮތުގައި ގަބޫލުކުރަނީ. 2013ގައި އަޅުގަނޑުގެ މިއުޒިކް ކެރިއަރު ހުއްޓާލަން ޖެހުނު އެންމެ ބޮޑު ސަބަބަކީ، އަޅުގަނޑު ގަބޫލުކުރާ ހިތްވަނީ، ތެދުތެދަށް ބުނަނީ ނަމަ އަޅުގަނޑުގެ އަމަލުތައް ބެހެއްޓުނު ގޮތުންނޭ. އަޅުގަނޑުގެ ސިއްހީ ހާލަތު އަދި އެހެން ކަންތައްތައް ވެސް ގޯސްވެގެން ދިޔައީ."
"ތެދުތެދަށް ދަންނަވަންޏާމު މިސާލަކަށް ޑްރަގްސްގެ ކަންތައް. ޑްރަގްސްގެ ކަންތަކުގެ ސަބަބުން ހަގީގަތުގައި އަޅުގަނޑުގެ ކެރިއަރު އެއްކޮށް ހުއްޓުމަކަށް އައީ. އެހެންވީމަ މިހާރު އަޅުގަނޑު ގަސްދުމިކުރަނީ އެކަން ދޫކޮށްލާފައި އަނެއްކާވެސް ކެރިއާއަށް ދާން. އެއީކީ އެއްވެސް މަންފާއެއް އޮތް ކަމެއް ނޫން. އާ ޖީލުތަކެއް އުފެއްދި ރާއްޖޭގެ މިއުޒިކް ތަރައްގީކުރަން މަސައްކަތްކުރެވޭނީ ހަމަގައިމުވެސް އެއާ ނުލައި ކަމަށްވާތީ މުސްތަގުބަލުގައި އެއ ނުލައި އަޅުގަނޑު އުޅެން ބޭނުންވަނީ."
މިއުޒިކްގެ އަޅުވެތިކަމުން މަސްތުގެ އަޅުވެތިކަމަށް ދާން ޖެހުނު ސަބަބަކީ ކޮބާ އީސަ؟ އީސަގެ ދިރިއުޅުން ބަދަލުކޮށްލި ސަބަބު ނުވަތަ ބަދަލުވާން ޖެހުނު ސަބަބު ފޭނުންނަށް މުހިންމު. ކޮބައިތަ އެ ސަބަބަކީ؟
"ކުރީގައި ވެސް ނަންގަތް ފަދައިން، ޑްރަގްސްގެ ތެރެއަށް ދިޔަ ހިސާބުން ފެށިގެން އަޅުގަނޑު ދިޔައީ މިއުޒިކާ ދުރަށް. އެކަމަކު ފުރަތަމަކޮޅު ހީވި، މިދަނީ ކައިރިއަށޭ ވެސް. އެހެން ނަމަވެސް މަޑުމަޑުން މަޑުމަޑުން އޭތީގެ ކަންތައްތައް އަންނަ ވަރަކަށް ދަނީ އެއާ ދުރަށް."
"ޑްރަގްސް އަށް ދިޔަ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަންޏާމު އަޅުގަނޑު ފައްޓާނީ އަޅުގަނޑުގެ ސްކޫލް ދުވަސްވަރު މިއުޒިކް ކުޅެން ފެށި ހިސާބުން. މަޖީދިއްޔާ ސްކޫލްގައި އޭރު، މިއުޒިކް ކުޅެން ފައްޓައިގެން ވަކި ގަޑިއެއް ލިބޭނެ މިއުޒިކް ކުޅެން ރަނގަޅަށް ޕްރެކްޓިސްކުރަން. ސްކޫލްގައި ފުރިހަމަ ވަގުތު ނުލިބޭތީ ރައްޓެހި ކުދިންނާ އެކު ލާރިކޮޅެއް އެއްކޮށްލައިގެން ތަނަކަށް ކުއްޔަށް ދިޔައީ މިއުޒިކް ކުޅެން. އެގޮތަށް އުޅުމުގެ ތެރޭގައި، ވަރަށް ޅަ އުމުރުގައި މަސްތުވާތަކެއްޗަށް ތައާރަފްވެވިއްޖެ"
"ދެން އެއާ އެކު މިއުޒިކް ކުޅެމުން ދިޔައީމަ މިހާ ޒަމާންތަކެއް ވަންދެން ނުފެންނަން ދިމާވި އެންމެ ބޮޑު ސަބަބަކީ ވެސް."
އެޑިކްޓަކަށް ވުމަކީ އެއީ ކޮން ކަހަލަ ކަމެއް؟ ވަކިން ހާއްސަކޮށް މިއުޒީޝަނަކަށްވެފައި، މަޝްހޫރު މޫނަކަށްވެފައި، އެހެން ނަމަވެސް އެޑިކްޝަންގައި ބެދިފައިވުން ކިހިނެތް ސިފަކުރާނީ؟
"ޑްރަގް އެޑިކްޝަންއަކީ މަސްތުވާތަކެއްޗަށް ދެވިހިފުން. ދެން ދެވިހިފައިފިއްޔާމު އެއާ ދުރަށް ދިއުމަކީ ވަރަށް ދަތިކަމެއް. މުސްތަހީލުކަމެއް ނޫން އެހެން ނަމަވެސް ދަތިކަމެއް. ނަޖާއުވުމުގެ ފުރުސަތު އެބައޮތް. އެކަމަށް ބޭނުންވަނީ ރަނގަޅަށް ތިބި ބައެއްގެ އަޅާލުމާއި ބައެއް އޯގާތެރިކަން. މިހެން އަޅުގަނޑު ދަންނަވާލީ، ބައެއް ވަރަށް ވާގޮތަކީ، މަސްތުވާތަކެތި ބޭނުންކޮށްފައި ތިބޭ މީހުންނަކީ ވަރަށް ހުނަރުވެރި ފަންނީ ކުދިން."
"މަސްތުވާއެއްޗަކުން ލިބިފައިވާ ގެއްލުމެއް ފޫބެއްދޭނެ ކަމީ ވެސް އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. ބޭނުންވަނީ އެކަން ހުއްޓާލުން. އެކަމަކު އެޑިކްޓްވެފައި ހުންނަ ނަމަ އެ މީހެއްގެ މިސާލަކީ ހަމަ ޑައިބެޓިކް ޕޭޝަންޓެއްގެ މިސާލު. ހަކުރު ބަލި ޖެހިފައި ހުންނަ މީހަކަށް ހަކުރެއް ނުކެވޭނެ. ހަމައެގޮތަށް މަސްތުވާތަކެއްޗަށް އެޑިކްޓްވެފައި ހުންނަ މީހާ ވެސް، ހަކުރު ބަލީގެ މީހާ ހަކުރަށް އެލާޖިކްވާފަދައިން، މަސްތުވާތަކެތި ބޭނުންކޮށްފި ނަމަ އެލާޖިކްވާނެ. އިތުރަށް ވާނީ ގޯސް. އެހެންވީމަ އެއާ ނުލައި ކުރިއަށް ގެންދަން ޖެހޭނީ."
އީސަ އަކީ ދިވެހި މިއުޒިކްގެ ވަރަށް މުހިންމު ނަމެއް. ލެޖެންޑެއް. ތިއީ އަދިވެސް އެ އީސަތަ؟
"އީސަގެ ލަވަތައް ކުރިން ވެސް ކިއީ އީސަ މިއީ. ތަފާތަކީ ބޮޑު ބްރޭކަކަށް ފަހު އައުން. 2011ގެ ކަމްބެކްގެ ކުރިން 1995އިން ފެށިގެން ދެން އައީ 2010. އެއަށް ފަހު 2011ގައި ދެން ކުޅުނީ. ދެން މިއީ ހަމަ އެއީސަ އަދިވެސް. ލަވަތަކަކަށް ވެސް ބަދަލެއް ނާންނާނެ ހަމަ. އީސަގެ ލަވަތައް އަޑުއަހާ މީހުންނާ އޮތް ގާތްކަން ވެސް ދެމި އޮންނާނެ. އެއްވެސް ބަދަލެއް ނާންނާނެ."
އީސަގެ މިއުޒިކާއި ޅެން، ވަކިން ހާއްސަކޮށް ބަސްކޮށާރުގެ މޮޅުކަން. ކޮބައިތަ މި ވަރުގެ ނުފޫޒެއް އެންމެ މީހެއްގެ ކިބައިން މިގޮތަށް ނެރެވުމުގެ ސިއްރަކީ؟
"އަޅުގަނޑުގެ ޅެން ހެދުމުގެ ކަންތައްތައް ފެށުނީ ސްކޫލް އިރުން. ދެން އޭރު ވެސް ދިވެހި (ބަހުގެ އަދަބީ) ކަންކަމުގައި ވަރަށް ގިނައިން އުޅެން. އެހެން އުޅެފައި ފުރަތަމަ ސްކޫލް ބޭންޑެއް ހަދައިގެން ފުރަތަމަ އެ ބޭންޑަށް ލަވައެއް ހަދަން ޓްރައިކުރީ. އެ ލަވަ ހެދުނީމަ ވަރަށް ބޮޑަށް ގައިމުވެއްޖެ ލަވަ ހެދިދާނެކަން"
"އެންމެ ބޮޑަށް އަޅުގަނޑު ބަލާ އެއް ކަމަކީ ދިވެހި ބަހުގައި ޅެން ލަވަ ރައިވަރު ކާ ބަނދި މިފަދަ އެއްޗެހިތަކުގެ ގަވާއިދުތަކުގެ ތެރޭގައި އުޅެވޭތޯ. އެހެން ނަމަވެސް ލަވަތަކުގައި ބައެއްފަހަރު ސަދުރާ އަޖުޒާ ދިމާނުވާ ނަމަ އަޖުޒު ދިގުކޮށްލަނީ."
"ބަސްކޮށާރު ތަފާތުވާން ދިމާވި އެންމެ ބޮޑު ސަބަބަކީ އާންމުގޮތެއްގައި އިވެނީ އެއް ބަސްތަކެއް. އެކައްޗެއް ކިޔާ ލަވަތަކެއް. ދެން ތަފާތު ބަސްތައް އެބަހުރި. ގާތްގަނޑަކަށް އަޅުގަނޑުމެންގެ ބަހުގައި 37500 އަށް ވުރެ ގިނަ ބަސް އެބައޮތް. އެކަމަކު އަޅުގަނޑުމެންނަށް މި ބޭނުންކުރެވެނީ ވާހަކަ ދެއްކުމުގައި އެވްރެޖުކޮށް 300 އާއި 500އާ ދެމެދުގެ ބަސް. އަނެއްބައި ހަމަ އެއްކޮށް ދޫކޮށްލެވިފައި މި އޮންނަނީ"
"އަބަދުވެސް އުއްމީދަނީ، ދިވެހި ބަހަށް ލައިފައި ހުރި ބައެއްވިއްޔާ އެ ބަހެއް އުވިގެން ނުދިއުން. އޭގެ މާނައާ އެއްޗެހި އެނގޭނެ ގޮތަކަށް އޮތުން. އެހެންވީމަ ލަވައެއްގެ ބީދައިގައި އެ ބަހެއް އޮތީމަ އަބަދުވެސް އިވޭނެ. އެއީ މަގުސަދަކީ."
މިއުޒިކްގެ ޒުވާން ޖީލަށް އީސަމެން ކަހަލަ ތަޖުރިބާކާރުންގެ ލަފައާއި އިރުޝާދު ވަރަށް ވެސް މުހިންމު. އަމިއްލަ ހަޔާތުގެ ތަޖުރިބާތަކުން އެ ކުދިންނަށް ކިޔައިދޭ ނަމަ ނަގައިދޭނީ ކޮން ފިލާވަޅެއް؟
"މިހާރު އުޅޭ ޒުވާން ކުދިން އަޅުގަނޑު ދަންނަވާނީ ހަމަ ވަރަށް ވަރަށް ރަނގަޅޭ. ވަަރަށް ހިތްވަރު ގަދަ، މިއުޒިކަށް ވަގުތު ދީގެން މަސައްކަތްކުރާ ކުދިން. ދެން މިއުޒިކަކީ، އަބަދުވެސް ބޭނުންވާނީ އޭގައި ތަމްރީން ހެދުމާއި ތަމްރީންކުރުން. ޕްރެކްޓިސް ކުރި ވަރަކަށް މޮޅުވާނީ. ދެން ބޭނުންވާނީ މިއުޒިކްގެ ތެރެއަށް މީހާގެ ސިކުނޑި ހުޅުވައިލެވުން. އޭތި އަންނާނެ ޒުވާންއިރުން ފެށި ނަމަވެސް. އުމުރުން ދުވަސްވާ ވަރަކަށް ޕްރޮފެޝަނަލް މީހުން ފަދައިން ތަޖުރިބާ ލިބެމުންދާނީ."
"ކަންކަން ހޯދާ ބަލައިގެން ލަވަ ހަދާށޭ އަޅުގަނޑުގެ އިލްތިމާސަކީ. ހަމަ އެއްޗަކަށް އެއްޗެއް ނަހަދާށޭ. ރަނގަޅަށް ހަދާފަ ނެރޭށޭ. ނެރުމަށް ފަހު އެ އެއްޗެއް ރަނގަޅެއް ނުކުރެވޭނެއޭ."
އެހެންވީމަ ބުނެވިދާނެތަ ރާއްޖޭގައި މިއުޒީޝަނުންނަށް އެކަށީގެންވާ ވަރުގެ ތަރުހީބަކާއި އިހްތިރާމެއް ނެތީ މިއުޒީޝަނުންގެ އަހުލާގަށް އަންނަ ބަދަލަކުން ކަމަށް؟
"ދިވެހި ރާއްޖޭގެ ސޮސައިޓީގައި މިއުޒިޝަނުން ކޮންމެވެސް ވަރަކަށް ވެލިއުކުރެވޭ. އެހެން ނަމަވެސް ބޮޑަށް ނުކުރެވޭ ސަބަބެއް ކަމަށް އަޅުގަނޑަށް ފެންނަނީ، ދިވެހިން ވާނީ ދިވެހި މިއުޒިކް ތައްޔާރުކުރަން. އެކަމަށް ތަންކޮޅެއް ފަރުވާ ކުޑަކުރެވިފައި ކޮމާޝަލް ދާއިރާ ނުވަތަ ވިޔަފާރީގެ ގޮތުން މިއުޒިކް ކުޅެ، ރިސޯޓްތަކަށް ގޮސް އެހެން ހަދަންފެށީމަ އަމިއްލަ މިއުޒިކެއް ތައްޔާރެއް ނުކުރެވޭ"
"އެހެންވީމަ ވާގޮތަކީ ދިވެހި އުފެއްދުންތައް ފަނޑުވާ ވަރަކަށް ދިވެހި މިއުޒީޝަނުންގެ ބޭނުން އެ ދަނީ ދުވަހުން ދުވަހަށް މަދުވަމުން. ދެން އެހެނެއް ނޫން، ރިސޯޓްގައި މިއުޒިކް ކުޅޭ ކުދިންނަށް ނަފާއެއް ލިބޭނެ. އެކަމަކު މިއުޒިކްގެ ތަރައްގީ އަށް ވިސްނައިފިއްޔާމު މިއުޒިކް ދަށްވާނީ. އެހެންވީމަ އަޅުގަނޑު އަބަދުވެސް ގަސްދުކުރަނީ ރިސޯޓް މިއުޒިކް ނުކުޅެ އަބަދުވެސް ދިވެހިންނާ އެކު ދިވެހިންގެ މިއުޒިކް ކުޅެން."
އަޅުގަނޑުމެންނަށް ކިޔައިދީބަލަ އީސަގެ އެންމެ ޅަ ޒުވާން ދުވަސްވަރުގެ ހަނދާންތަކާއި އެންމެ އުފާވެރި ހަނދާންތައް އޭގެ ތެރެއިން؟ ވަކިން ހާއްސަކޮށް މިއުޒިކީ ހަޔާތުގެ؟
"މިއުޒިކް ކުޅެން ފެށީއްސުރެން، ސްކޫލް އިރުގައި، އެންމެ ފުރަތަމަ އެންމެ ބޮޑު ޝޯއަކަށް ދިމާވީ މަޖީދިއްޔާގައި އޭރު ބޭއްވި ހެލްތު ޝޯއެއް. ދެން އޭގައި އެހެން ޕާފޯމްކުރެވި މީހުންގެ ސަޕޯޓް ލިބުނީމަ ވަރަށް އުފާވި އަސްލު. ވަރަށް ބޮޑު އިތުބާރެއް ލިބިފައި، އެކަން ކުރެވިދާނެކަން އަޅުގަނޑަށް އިހްސާސްވި ދުވަހެއް އެއީ."
ލަވައެއް ހަދާއިރު ނުވަތަ ލަވައެއް ލިޔާއިރު އީސަގެ މޫޑް ހުންނަ ގޮތާއި އެ މާހައުލެއް އޮންނަ ގޮތް ސިފަކޮށްދީބަލަ؟ އަދި ކޮން ކަހަލަ ކަންކަމެއް ހެއްޔޭ އީސަގެ ހިތްވަރަކަށް ވަނީ އެ މަސައްކަތުގައި؟
"އެއްވެސް ޝައްކެއް ނެތް، މިއުޒިކް ހަދާލަން، މިއުޒިކް ކޮމްޕޯޒްކޮށްލަން ބޭނުންވެއްޖެއްޔާމު ވަރަށް ހަމަހިމޭން މާހައުލެއް އެންމެނަށް ވެސް ރަނގަޅުވާނީ. ދެން އެކިއެކި އަޑު އިވެންޏާމު އެ އެއްޗަށް ދެވޭ ޝައުގުވެރިކަން ގެއްލިގެންދާނީ. ހަމަހިމޭން މާހައުލުތަކުގައި އީސަ އަށް ވެސް ލަވަތައް ހެދިފައިހުރީ ބޮޑަށް. ދެގޮތަކަށް ވެސް ލަވަ ހެދޭ. އެއީ އެންމެ ފުރަތަމަ ލަވަ ނުވަތަ ޅެމެއް ހެދުން. އެއަށް ފަހު އޭތި ރާގަށް ބަދަލުކޮށްލުން"
"އަނެއްގޮތަކީ ރާގެއް ހަދާފައި އެއަށް ޅެން ހެދުން. މި ދެ ކަންތަކަށް ވެސް އެ މީހެއްގެ މޫޑާއި މާހައުލަކީ ވަރަށް މުހިންމު އެއްޗެއް. މޫޑް ކުޑަކޮށް ވެސް ސަކަރާތްވެފައި ހުރެއްޖެއްޔާމު ކުރިއަކަށް ނުދާނެ. އެއީ އަޅުގަނޑުވެސް ތަޖުރިބާ. މަސައްކަތެއް ކުރަން އުޅުނަސް ކުރިއަކަށް ނުދާނެ. އެކަމަކު ފަހި މާހައުލެއް އައިފިއްޔާމު ވަރަށް ފަސޭހައިން ކުރިއަށް ދާނެ."
އެގޮތަށް ބޭނުންވާ މޫޑާއި މާހައުލު ނުލިބިގެން ހުންނާނެތަ ހުއްޓިފައި ހުރި ލަވަތަކެއް އީސަގެ؟
"އަޅުގަނޑުގެ ވެސް ހުންނާނެ އެގޮތަށް ހުއްޓިފައި ހުރި ބައެއް ލަވަތައް މީހުންނަށް ނުވެސް އެނގޭނެ އެ ލަވަތަކެއް. ގާތްގަނޑަކަށް ތިރީހަކަށް ލަވަ އުޅޭނެ އެގޮތަށް ބައި ބައި ނިމިފައި ކުރިއަށް ނުގެންދެވިގެން ހުއްޓާލާފައި ހުރި."
އީސަގެ ލަވަތަކުގެ ތެރެއިން ތިން ލަވައެއް ނަގާ ނަމަ، ކޮން ތިން ލަވައެއް ހޮވާނީ؟ އަދި އެއީ އެ ލަވަތައް މިވަރަށް ހާއްސަވާ ސަބަބު ވެސް ކިޔައިދެއްޗޭ؟
"އީސަ އެންމެ ހިތްހަމަޖެހޭ ތިން ލަވައެކޭ ދެންނެވީމަ ވަަރަށް އުނދަގޫ. ހުރިހާ ލަވައަކަށް ވެސް ހިތްހަމަޖެހޭ. އެކަމަކު ތިން ލަވައެއް ނަގާ ނަމަ އަޅުގަނޑު ހިމަނާލާނަން ރޯޅިން ޖެހޭވައި. އެއީ އޭގެ ޅެންވެރިކަމާއި ރާގަށް. އަޅުގަނޑަށް ވުރެ ބޮޑަށް އަދި އާންމުންނަށް ކަމުދިއުން. ދެ ވަނަ ލަވައަކަށް ނަގާނީ ފުރަސޫތާފެނުފަން (އާ ލަވައެއް). އެ ލަވަ އަދި އާންމުނަށް އިވިވަޑައިނުގެންފާނެ. އެ ލަވައިގައި މުޅިން ވެސް ބޭނުންކޮށްފައި ހުންނާނީ ބޭނުން ނުކުރާ ބޯދާ ބަސް"
"ދެން ފާހަގަކޮށްލާނީ ބޮޑާ. އެއީ ވަަރަށް ބައިވަރު ހާދިސާތަކާ ގުޅިގެންނާއި ހަގީގަތް ވެސް ހިމެނޭ ލަވަތަކެއް."
މި ލަވަތަކުގައި ކިހާ ވަރަކަށްތަ އީސަގެ ހަޔާތުގެ ވާހަކަތައް އައިސްފައި ހުންނާނީ؟
"އީސަ ބަލަނީ ވީހާ ވެސް އީސަގެ ހަޔާތާ އެއްގޮތަށް ލަވަތައް ނެހެދޭތޯ. ގިނަ ފަހަރު ހަދާ ގޮތަކީ ރައްޓެހިންގެ ކޮންސެޕްޓެއް ހޯދާފައި އެމީހުންގެ ކޮންސެޕްޓަށް ލަވައެއް ހަދަނީ. އެހެން ނަމަވެސް ހުންނާނެ އަމިއްލަ ޒާތުގެ ލަވަ ވެސް. މިސާލަކަށް ގަޔާވި ރޯޅި. އެއީ އަޅުގަނޑުގެ އެކްސް ވައިފާ އެކު އުޅުނުއިރު ހެދިފައި ހުރި ލަވައެއް. އެއީ ހައްލަކަށްވި ލަވައެއް"
"ތަޖުރިބާ އަކީ ވެސް ވަރަށް މުހިންމު އެއްޗެއް. ހިކުމަތަކީ ވެސް ވަރަށް މުހިންމު އެއްޗެއް. އެމީހާގެ ފިކުރަކީ ވެސް ވަރަށް މުހިންމު އެއްޗެއް. ހިޔާލާތަކީ ވެސް މުހިންމު އެއްޗެއް. އަދި އެމީހެއްގެ ތަސައްވުރެއް ވެސް އޮންނަން ޖެހޭ. އެގޮތަށް ލަވައެއް ހެދީމަ އަސްލު ލަވައެއް ހެދެނީ. އެހެން ނޫން ގޮތަކަށް ލޯބީގެ ލަވައެއް ހެދިދާނެ. އެކަމަކު އަސަރުކުރުވާ ކަހަލަ ލަވަ ހަދާ ނަމަ އިލްމާއި ހިލްމު ހިމެނެން ޖެހޭ އޭގައި."
ޖަލުގެ ހަނދާންތަކާއި ޖަލުގައި ހޭދަކުރި ދުވަސްތަކުގައި އުފެއްދި ލަވަ އާއި ފަންނީ ހިޔާލުތައް ސިފަކުރާނީ ކިހިނެތް؟
"އަޅުގަނޑު ހުރަގޭގައި ހުންނަން ޖެހުނު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން. ހުރަގޭގައި އެކަނި ވެސް އަޅުގަނޑު ހެދިން ގާތްގަނޑަކަށް 130 އަށް ވުރެ ގިނަ ލަވަ. އަޅުގަނޑު ދަންނަވާނީ ހުރަގެ ކަހަލަ މާހައުލެއް، އެއީ ލަވަ ހަދަން އަޅުގަނޑަށް އެންމެ ރަނގަޅު ތަނޭ. ގިނަވެގެން 80 އިންސައްތަ އެހެރީ ހުރަގޭގައި ހެދިފައި. އެ މާހައުލުގެ އިތުރުން ނަފުސިއްޔާތު ވެސް ހުންނަނީ އޭރު ސާފުވެފައި. އެ ސާފުކަން މަތީގައި ހުރެ ހެދޭ ލަވަތައް ތަންކޮޅެއް ރަނގަޅުވެފައި ވިސްނުމާ އެއްޗެހި ރަނގަޅުވީމަ އޭގައި އިބްރަތް ވެސް ހިމެނޭ."
އީސަމެންގެ ރަންޒަމާނުގައި ރާއްޖޭގައި މިއުޒިކް ސީން އޮތް ގޮތާއި މިއަދުގެ މިއުޒިކް ސީން އޮތް ގޮތް އަޅާކިޔާ ނަމަ ސިފަކުރާނީ ކިހިނެތް؟ އަދި އޭރާއި މިހާރުގެ އެންމެ ސަޅި ދެ ތިން ކަމެއް ފާހަގަކޮށްލަބަލަ؟
"މިއުޒިކް ސީންގައި ކުރީގެ މީހުންނަށް ބަލައިފިއްޔާމު އެމީހުން މަސައްކަތްކުރީ ވަރަށް ހިތްވަރާއި މަސައްކަތުން. އެވާގޮތަކީ އެ ޒަމާނާއި މަކާނާ ވިސްނާއިރު ބޭނުންވާ އާލާތްތަކެއް ވެސް ނުހުރޭ. ކުރީގެ މިއުޒީޝަނުން މާ ހިތްވަރުގަދައޭ އަޅުގަނޑު ބުނާނީ. އޭގެ ފަހުން ނާޝިދުމެން. ދެން ފަސީމެންގެ ޖެނެރޭޝަން. ދެން މިހާރު މި އޮތް ޖެނެރޭޝަން"
"މި ޖެނެރޭޝަން އައިއިރުގަ، ފާހަގަކުރެވޭ 1996 އާއި 2000 ދޭތެރޭ މިއުޒިކަށް އައި އިންގިލާބު. އެއީ ޕްރޮގްރާމް މިއުޒިކް ކުޅެން ފެށުން. އޭގެ ސަބަބުން ވަރަށް ގިނަ ފަންނާނުންގެ ހުނަރުވެރިކަން ގެއްލިގެން ދިޔަ. އެހެން ނަމަވެސް މި ޖެނެރޭޝަނުގައި ލައިވްކޮށް މިއުޒިކްކުޅެ ހެދީމަ މި ޖެނެރޭޝަން މާ ބޮޑަށް ކަމުދޭ މިހާރު އަޅުގަނޑަށް."
އީސަގެ ހަޔާތުގައި މިއަދު އެންމެ ބޮޑަށް މިސްވަނީ ކޮން ކަމެއް؟
"އީސަގެ ހަޔާތުގައި މިސް ވަނީ އީސަގެ ހަމައެކަނި ހުރި ރެހެންދި. ރެހެންދި ކިޔަނީ އަލަތު އަންހެން ދަރިފުޅަށް. އަޅުގަނޑުގެ ހުންނާނީ އަންހެން ދަރިފުޅެއް. އޭނަ އެންމެ ބޮޑަށް މިސްވަނީ. ދެން މިއުޒިކަލްކޮށް ކަމަށް ބުނަންޏާ އެންމެ މިސްވަނީ، މިއަދު އަޅުގަނޑު ބޭނުންވޭ ވަރަށް ބައިވަރު އިންސްޓްރުމަންޓްތަކެއް ކުޅޭނެ ބަޔަކު. އެހެން ނަމަވެސް އެކަހަލަ ބަޔަކު ހޯދަން ބަލާއިރު އެމީހުން ނުލިބުމުގެ ހުސްކަން ވަރަށް ބޮޑު."
ކޮންމެއަކަސް ވަރަށް ރަނގަޅު ދުވަސްކޮޅަކާ އީސައާ އަޅުގަނޑުމެންނާ މި ދިމާވީ. އާ އަލްބަމެއްގެ މަސައްކަތް ވެސް ދަނީ ކުރިއަށް. ފުރަތަމަ ސޯލޯ އަލްބަމް. ކިހިނެތް ކިހިނެތްވާ އަލްބަމެއް މިއީ؟
"އަޅުގަނޑުގެ ސޯލޯ އަލްބަމެއް ހެދުމުގެ ހިޔާލުގައި އެންމެ ފުރަތަމަ މަޝްވަރާކޮށްލީ އަބަދުވެސް އެންމެ މޮޅު މީހެއް ކަމަށް ދެކޭ ފްލޫނިޔާ ނާޝިދުއާ. އަޅުގަނޑު އެގޮތަށް އަހާލުމުން ނާޝިދު ވިދާޅުވީ، އީސައޭ، އެގޮތަށް ރިކޯޑްކޮށްގެން އަލްބަމެއް ނެރޭ ނަމަ އެއް ފަހަރު ދިހަ ފަހަރު ނުވަތަ ސަތޭކަ ފަހަރު ވެސް އަޑުއަހާފައި އޭގައި މިސްކޭޓެއް ހުރެއްޖެއްޔާމު އެކަން ރަނގަޅުކޮށްފައި ނޫނިއްޔާމު ނުނެރެއްޗޭ"
"އެފަހުން ވަރަށް ޒަމާންވެއްޖެ. ވަަރަށް ބައިވަރު ގޮންޖެހުންތަކާ އެކު މިހިސާބަށް އާދެވިފައި މިހުރީ ވެސް. މިހާތަނަށް މުޅިން ވެސް ހެދިފައި ހުރީ ލައިވް ޝޯތަކާއި ރިކޯޑްކުރަން ހަދާފައި ހުރި ޑެމޯ ލަވަތައް. އެއްވެސް އެއްޗެއް މާސްޓަރެއް ވެސް ނުކުރަން އަދި. މާސްޓާކުރަން އުޅޭ ފުރަތަމަ އަލްބަމް ވަަރަށް އަވަހަށް އެބަ ރިލީޒްވޭ. އެއީ ޑިންބާ ފެމިލީ އާއި އަޅުގަނޑު ގުޅިގެން ހަދާ އަޅުގަނޑުގެ ސޯލޯ އަލްބަމެއް"
"މިއީ ހަތް ލަވަ އާއި އަށް ލަވައާ ދެމެދުގެ އަލްބަމެއް. ޑިންބާ އަޅުގަނޑު ޗޫޒްކުރި ސަބަބަކީ ވަަރަށް ބައިވަރު ކުދިން މި ދާއިރާއިން އުފައްދައި ހިތްވަރު ދޭ ބަޔަކަށްވާތީ. ދެން ކުޑައިރުން ފެށިގެން (ޑިންބާ) އިޝާންޓޭ އަކީ އަޅުގަނޑުގެ ބެސްޓް ފްރެންޑް."
މަސްތުވާތަކެތީގެ ތެރެއަށް ވަދެވި ދިރިއުޅުމަށް މިފަދަ އަސަރުތަކެއް ކުރުމަކީ އީސަ އެކަމާ ދެރަވާ ކަމެއްތަ؟ އެ އިހްސާސްތައް ކިޔައިދޭނީ ކިހިނެތް އީސަ؟
"މަސްތުވާތަކެތީގައި އަޅުގަނޑު ވަަރަށް ކުޑަކުޑައިރުން ފެށިގެން ޖެހިފައި ހުރީ. މިއުޒިކް ކުޅެން ފެށިއިރާއެކު. ދެން މިހެން އުޅެވިފައި ހުރީމަ އަޅުގަނޑު ގަބޫލުކުރަނީ މަސްތުވާއެއްޗަކީ އެއްވެސް ފައިދާއެއް ކުރާނެ އެއްޗެއް ނޫން ކަމަށް. އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭނެ"
"މަސްތުވާތަކެތި ބޭނުންކުރެވިފައި ހުރީމަ އަޅުގަނޑު ރިގްރެޓްކުރަނީކީ ކޮންމެހެން އެ ބޭނުންކުރެވިގެން އެކަމުގެ ސަބަބުން ވީ ކަންތައްތައް އަނބުރާ ނުގެނެވޭނެތީކީއެއް. ރިގްރެޓްކުރަނީ ބޭނުންކުރެވުނީތީ. ވަރަށް ބައިވަރު ގެއްލުންތަކެއްވެ، ވަރަށް ބައިވަރު ދުވަސްތަކެއް ބޭކާރުކުރެވިގެން ދިޔައީމަ."
- ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
- ސްޓައިލިން އަދި މޭކަޕް: ޖަސްޓިން
- ވޯޑްރޯބް: ޒީ ބްޓީކް
- ވީޑިއޯ އެންޑް އެޑިޓިން: އަހުމަދު ޝުރާއު އަދި މާސްކޭ ސްޓޫޑިއޯ