މިއުޒިކް

މެޓާލިކާގެ އާ އަލްބަމެއް: ފާޑުކިޔުންތަކުން ސަލާމަތްވެވިދާނެތަ؟

ބައެއް މީހުން ބުނާ ގޮތުން އެމެރިކާގެ މަޝްހޫރު ހެވީ މެޓަލް ބޭންޑް، މެޓާލިކާގެ ދުވަސްތަކަށް ވަނީ 1997 ވަނަ އަހަރު ނިމުން އައިސްފަ އެވެ. އެ އަހަރު ނެރުނު ކާމިޔާބު އަލްބަމް "ރީލޯޑް" އަށް ފަހު މެޓާލިކާ އަލުން ރަނގަޅަށް ރީލޯޑްނުވާ ކަމުގެ ޝަކުވާ މިއުޒިކަށް ލޯބިކުރާ ފަރާތްތަކާއި ބޭންޑްގެ ފޭނުން ވެސް ކުރެ އެވެ.

އެގޮތުން އަށް އަހަރުގެ މެދުކެނޑުކަމަށް ފަހު ބޭންޑުން އަނެއްކާވެސް އާ އަލްބަމެއް، "ހާޑްވަޔާޑް.. ޓް ސެލްފް ޑިސްޓްރަކްޓް" ގެ ނަމުގައި އިއުލާނުކޮށްފައިވާއިރު މީގެ އަށް އަހަރު ކުރިން ނެރުނު އަލްބަމް، "ޑެތު މެގްނެޓިކް" އަށް ވެސް އުއްމީދުކުރި ވަރުގެ ތަރުހީބެއް ނުލިބެ އެވެ. އެހެންކަމުން "ސެލްފް ޑިސްޓްރަކްޓް" އަކީ މެޓަލިކާ އަމިއްލަ އަށް އަނެއްކާވެސް ހަލާކުގެ ތެރެއަށް ވެއްޓިގަތުމެއް ކަމަށް ބުނާ ބަޔަކު ވެސް މިއުޒިކްގެ ދުނިޔޭގައި އެބަތިއްބެވެ.

އަމިއްލަ ލޭބަލް، ބްލެކެންޑް ރިކޯޑިންގްސްގެ ދަށުން ނެރޭ މި އަލްބަމް ބާޒާރަށް ދޫކޮށްލާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 18ގަ އެވެ. ދެ ޑިސްކަށް ދިގުދެމިގެންދާ މި އަލްބަމުގައި ޖުމްލަ 12 ލަވަ ހިމެނެ އެވެ. މި އަލްބަމް ވެގެންދާނީ މެޓާލިކާގެ 10 ވަނަ ސްޓޫޑިއޯ އަލްބަމަށެވެ.

ބޭންޑުން ވަނީ އާ އަލްބަމްގެ ފުރަތަމަ ސިންގަލް "ޑިސްޓްރަކްޓް" ގެ ވީޑިއޯ ލަވަ ވެސް މިހާރު ނެރެފަ އެވެ.

ތްރޭޝް މެޓަލް ވުޖޫދަށް ގެނައި މުހިންމު ބޭންޑެއް ކަމުގައިވާ މެޓާލިކާ އަކީ ހެވީ މެޓަލްގެ ދުނިޔޭގައި ނިކަން ބޮޑު އިހްތިރާމަކާއި ލޯތްބެއް ލިބިފައިވާ ބޭންޑެކެވެ.