ހަބަރު

ސަދަގާތު ފައުންޑޭޝަނާ ގުޅިގެން އުރީދޫ އިން ގިނަ އެހީތަކެއް!

Aug 20, 2016
  • 25 ސަރަހައްދުގައި ޓެލެސެންޓަރު
  • 15 އިލެކްޓްރޯނިކް ވީލް ޗެއާ ހަދިޔާކުރި
  • 500 މޮޑަލް، އެއް އަހަރު ހިލޭ އިންޓަނެޓު

ރާއްޖޭގެ 25 ސަރަހައްދެއްގައި ކޮމަޕިއުޓަރު ސިސްޓަމާއި އިންޓަނެޓުގެ ހިދުމަތް ލިބޭނެ "ޓެލެސެންޓަރު" ތަކެއް، ސަދަގާތު ފައުންޑޭޝަނާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ގާއިމު ކުރަން ނިންމައިފި އެވެ.

އުރީދޫގެ 11 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުޑަކުދިން ޓެކްނޮލޮޖީއާ ހޭލުންތެރި ކުރުވުމަށް މިއަދު ކުޑަކުދިންގެ ބަގީޗާގައި ކުރިޔަށް ގެންދިޔަ ހަވީރުގައި، އުރީދޫ މޯލްޑިވްސްގެ ފަރާތުން ވަނީ ސަދަގާތު ފައުންޑޭޝަނަށް 25 ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާ ކޮށްފަ އެވެ.

އުރީދޫން ބުނީ މި ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީ އެންމެ ބޭނުންވެފައިވާ، އަދި އޭގެ ސަބަބުން އެންމެ ފައިދާ ކުރާނެ ފަރާތްތަކަށް މި ވަސީލަތްތައް ހަވާލުވުކުރުޓަކައި، އުރީދޫ ވަނީ ސަދަގާތް ފައުންޑޭޝަންގެ އެހީ ހޯދާފައިވާ ކަމަށެވެ.

ސަދަގާތް ފައުންޑޭޝަނަކީ އެހީ އަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ފައުންޑޭޝަނެކެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އެ ކުންފުނިން އިސްކަން ދެނީ މުޖުތަމައަށް ފައިދާހުރި ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

"އުރީދޫގެ ހުރިހާ މާރކެޓުތަކުގައި ވެސް، އެކުންފުނިން އެންމެ އިސްކަންދޭ އެއް ކަމަކީ އުފެއްދުންތެރި ޓެކްނޮލޮޖީތަކާއި އާ އީޖާތުތައް މެދުވެރިކޮށް މުޖުތަމައުގެ އިޖްތިމާއީ އަދި އިޤްތިސޯދީ ކުރިއެރުމަށް ބާރުދިނުން. އުރީދޫ އިން ރާއްޖޭގައި އެގާރަ އަހަރު ފާހަގަ ކުރަމުންދާއިރު، އުރީދޫ އިން ދިވެހި ރައްޔިތުންނަށް މިއަދު މި ހަދިޔާ ކުރާ ޑިޖިޓަލް ޓެކްނޮލޮޖީ ތަކަކީ އެހީ އަށް ބޭނުންވެފައިވާ ފަރާތްތަކުގެ ހަޔާތަށް ބޮޑެތި، އަދި ވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ތަކެތި. ކުރިއަށް އޮތް ތަނުގައި، އަދުގެ ދުނިޔޭގައި ފަހިވަމުންދާ އައު ފުރުސަތުތަކާއި އުއްމީދުތަކާއި އެކު، ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްދިނުމުގަޔާއި، މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރުމުގައި އަޅުގަނޑުމެންގެ އިޖްތިމާއީ ޒިންމާ އިތުރު ހަރުފަތަކަށް ގެންދާނަން." އުރީދޫގެ ސީއީއޯ ވިކްރަމް ވިދާޅުވި އެވެ.

އުރީދޫ އާއި ސަގަދާތު ފައުންޑޭޝަނުން ގުޅިގެން ފެށި މަސައްކަތުގެ ދަށުން މިއަދު އުރީދޫ އިން ވަނީ ސްމާޓް ޓެކްނޮލޮޖީއެއް މެދުވެރިކޮށް ހާއްސަ އެހީ އަށް ބޭނުންވާ ކުޑަކުދީންނަށް އައު ހުވަފެންތަކާއި ފުރުސަތުތަކާއި ގުޅުވާލަދީފަ އެވެ.

މިގޮތުން ހާއްސަ އެހީއަށް ބޭނުންވާ 15 ކުޑަކުދިންނަށް އުރީދޫ އިން ހަދިޔާކޮށްފައިވާ އިލެކްޓްރޮނިކް ވީލްޗެއާ މެދުވެރިކޮށް، އެކުދިންގެ އާންމު ދިރިއުޅުމުގައި ބޮޑެތި ފަސޭހަތަކެއް ލިބި، މުޖުތަމައުގެ ކަންކަމުގައި ބައިވެރިވުމަށް އިތުރު މިނިވަންކަމެއް ލިބިގެންދާނެ އެވެ. މީގެ އިތުރުން ރާއްޖޭގައި އިންސާނީ ތަރައްގީ އާއި މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރާ ތަފާތު ޖަމިއްޔާ ތަކަށް އިންޓަނެޓްގެ ފައިދާތަކާއި ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، އުރީދޫ އާއި ހުއާވޭ އާއި ގުޅިގެން ވަނީ 500 މޮޑެމް އާއިއެކު އެއް އަހަރު ދުވަހުގެ ހިލޭ އިންޓަނެޓް ހަދިޔާ ކޮށްފަ އެވެ.

"އިންޓަނެޓް އަކީ އިލްމު އުނގެނުމަށާއި، ކުރިއެރުން ހޯދުމަށް ގިނަ އިޤްތިސާދީ އަދި އިޖްތިމާއީ ފުރުސަތުތަކާއި ގުޅުވާލަދޭ ވަސީލަތެކެވެ. މިއަދު އުރީދޫ އިން ހަދިޔާކޮށްފައި ވާ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ތެރޭގައި ރާއްޖޭގެ އެކު ހިސާބުތަކުގައި ގާއިމް ކުރެވޭނެ 25 ޓެލެސެންޓަރ އަށް ކޮމްޕިއުޓަރ ސިސްޓަމް އަދި އިންޓަނެޓްގެ ހިދުމަތް ހިމެނެ އެވެ. މި ޓެލެސެންޓަރު ތައް މެދުވެރިކޮށް، ކޮންމެ ފަރާތަކަށް ވެސް އެއްވެސް އިތުރު ޚަރަދަކާއި ނުލާ ކޮމްޕިއުޓަރ އަދި އިންޓަނެޓް ބޭނުންކޮށްގެން ޑިޖިޓަލް ހުނަރުތައް ދަސްކޮށް، އާލާކުރެވޭނެ އެވެ،" އުރީދޫން ބުނެފައިވެ އެވެ.