ސީރިއާގެ ހަލަބަށް އުފަން ލެޔާއި ހިރަފުހުން މޫނާއި ހަށިގަނޑު ފޮރުވިފައި އުމްރާން ދަގްނީޝް ނޭނގޭ މީހަކު މިހާރު މިއޮއް ބޮޑު ދުނިޔޭގައި މަދުވާނެ އެވެ. އުމްރާންގެ ވީޑިއޯއެއް އާންމުވުމާއެކު މުޅި ދުނިޔެ ވަނީ ހިމޭންކޮށްލާފަ އެވެ. އަދި އުމްރާންގެ ހިމޭންކަން ވަނީ ދުނިޔޭގެ ހަތަރު ބިތަށް އެތައް މެސެޖްތަކެއް ފޮނުވާލާފަ އެވެ.
އުމްރާންގެ ބައްޕަ ވަނީ އެ ދުވަހުގެ ވާހަކަތައް މީޑިއާއަށް ކިޔައިދީފަ އެވެ. ނަމަވެސް އޭނާ މީޑިއާތަކަށް މައުލޫމާތު ދިނީ އެއީ ކާކުކަން ނޭނގޭ ގޮތަށް އޭނާގެ ވަނަން ބޭނުންކޮށްގެންނެވެ. އިނގިރޭސި ވިލާތުގެ ޓެލެގްރާފަށް އަމްރާންގެ ބައްޕަ އަބޫ އަލީ (ވަނަމެއް) ބުނި ގޮތުގައި އެ އާއިލާ ދިރިއުޅެމުންދިޔަ ގެއަށް އެ ދުވަހުގެ ހަމަލާ އަމާޒުވިއިރު އެ ދެބަފައިން ތިބީ އެ ގޭ ސިޓިން ރޫމްގަ އެވެ. އެތާނގައި އަބޫ އަލީގެ އިތުރު ފިރިހެން ކުއްޖަކާއި ދެ އަންހެން ކުދިން ވެސް ތިއްބެވެ. އެވަގުތު ގެއިން ބޭރުގައި ވެސް އިތުރު ކުއްޖަކު ހުއްޓެވެ.
އެ އާއިލާގެ ދުނިޔެ، ހުއްޓުވާލި ހަމަލާ ގެއަށް އަމާޒުވީ، އިރު އޮއްސުމާއެކު އަބޫ އަލީ ވެސް އަރާމުކޮށްލުމަށް ސޯފާގައި ޖައްސާލައިގެން އޮއްވަ އެވެ. ހަމަލަ އަމާޒުވި ވަގުތު އެމީހުން އިށީނދެ ތިބި ސޯފާ ދެ ބުރިވެގެން ދިޔަ އެވެ. ދަރިންތައް ވެއްޓި އުކެމުންދާ މަންޒަރު އޭނާގެ ލޮލަށް ފެންނަމުން ދިޔަ އެވެ.
"ދަރިން އެފަދަ ހާލެއްގައި ފެނުމަކީ ހިތަށް ކެތްނުވާވަރުގެ ވޭންހުރި ކަމެއް،" އެތައް ގިނަ ޒަހަމްތަކެއް ލިބިފައިވާ އަބޫ އަލީ ބުންޏެވެ.
ހަމަލާގައި ގެ ސުންނާފަތިވި އެވެ. ގޭ ފާރުތައް ވެއްޓި، އެ އާއިލާ ދަށުލައި ވަޅުލި އެވެ. އެންމެ ފުރަތަމަ އަބޫ އަލީ އަމިއްލައަށް ވަޅެއް ކޮނެ ގާތަކުގެ ތެރެއިން ނިކުތެވެ. އެއަށްފަހު ޒަހަމްވެފައިވާ އުމްރާން ސަލާމަތްކުރި އެވެ. އެއީ އެންމެ ފުރަތަމަ ސަލާމްތްކުރެވުނު ދަރި އެވެ.
އުމްރާނަށް ފަހު އޭނާގެ ބޭބެ ވެސް އެ ގާތަކުގެ ތެރެއިން ސަލާމަތްކުރި އެވެ. އަދި އެ ވަގުތު އެ ގެއަށް އައި ރެސްކިއު ޓީމަށް އުމްރާން އާއި އޭނާގެ ބޭބެ ހަވާލުކުރި އެވެ. ވީޑިއޯއިން ފެނިގެން ދަނީ ރެސްކިއު ޓީމާ އުމްރާން ހަވާލުކުރުމުން އޭނާއަށް ފަރުވާ ދޭން އެމްބިއުލާންސްގައި ބައިންދާފައި އިންދަ އެވެ.
އެ ދެ ދަރިން ސަލާމަތްކުރުމަށްފަހު ބާކީ ތިބި ދަރިން ސަލާމަތްކުރުމުގެ މަސައްކަތް ވެސް އޭނާ ފެށި އެވެ. އެ މަސައްކަތް އޭނާ ކާމިޔާބު ވެސް ކުރި އެވެ. ނަމަވެސް ފަރުވާދެމުން ދަނިކޮށް އުމްރާންގެ ބޭބެ އަލީ މަރުވީ އެވެ. އެ އާއިލާގެ އެހެން މެންބަރުންނަށް ވެސް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއްވެފައިވާއިރު އުމްރާންގެ މަންމައަށް އަދިވެސް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނީ އެވެ.
ހަލަބަށް ވައިގެ އެތައް ހަމަލާތަކެއް ދެމުންދާއިރު އެ އަވަށް މިހާރު ވަނީ އެއްކޮށް ސުންނާފަތިވެފަ އެވެ. އަދި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ. އުމްރާންއަށް އަނިޔާވި މި ހަމަލާގައި ވެސް ފަސް ކުޑަ ކުދިންނާއި ތިން މީހުން މަރުވި އެވެ.
މި ހަމަލާއަކީ ރަޝިޔާއިން ދިން ހަމަލާއެއް ކަމަށް ތުހުމަތުކުރެވުނު ނަމަވެސް އެ ގައުމުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. ރަޝިޔާއިން ދަނީ ސީރިޔާގެ ސަރުކާރަށް ވާގިވެރިވެ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ސީރިޔާއަށް ދެމުންނެވެ. މި ހަމަލާތަކުގައި އާންމުން މަރުވަމުންދާތީ ރަޝިޔާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.