ވިޔަފާރި

މަޖޫރީންގެ ޖަަގަހަ ތަރައްގީކޮށް ފަސޭހަ ތަނަކަށް ބަދަލު ކުރަނީ

Aug 21, 2016
4
  • ޖަންގްޝަން ވަށައި ފާރެއް ރާނާނެ
  • ފަސޭހައިން ތިބެވޭނެ ގޮތް ހަދާނެ
  • މި މަސައްކަތް ކުރަނީ އެމްޕީއެލްއިން

މާލެ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތްކުރާ މަޖޫރީންގެ ޖަަގަހަ ތަރައްގީކޮށް، ފަސޭހަ ތަނަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.

މަޖޫރީން ތިބުމަށް ހާއްސަކޮށްގެން އެމްޕީއެލްއިން ތަައްޔާރުކުރި ޖޯލިފަތިތަކެއް ހަދިޔާކުރުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި ސީއީއޯ ޖުނައިދު ވިދާޅުވީ މަޖޫރީން ތިބޭ ސަރަހައްދު ތަރައްގީ ކުރުމުގެ ގޮތުން ހައުސިން މިނިސްޓްރީގައި ހުއްދަ ހޯދުމަށް އެދިފައިވާ ކަމަށާއި، އެކަމަށް ހައުސިން މިނިސްޓްރީން ވަރަށް ޕޮޒިޓިވް ޖަވާބެއް ދީފައިވާ ކަމަށެވެ.

"އޭރުން މިތަނުގައި ހިޔަލުގައި ތިބެވޭނެ ޖާގަ ހެދިގެންދާނެ. މިތަން ހެދުމުން ގިނަ ބަޔަަށް އިށީނދެގެން ތިބެވޭނެ،" ޖުނައިދު ވިދާޅުވި އެވެ.

ސީއީއޯ ޖުނައިދު ވިދާޅުވީ މަޖޫރީންގެ ޖަގަހަ ހަދާއިރު، އެތަނުގައި ހުންނަ ޖަންގްޝަންގެ ވަށައިގެން ފާރެއް ރޭނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އެމްޕީއެލްގެ ހަރަދުގައި ގޮނޑި ޖަހާފައި ހުންނާނީ. ތިޔަ ބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނެ އެތަނުގައި ހުންނަ [މަޖޫރީން ބޭނުންކުރާ] ހެލްޕެޓްތައް މިހާރު ހުންނަނީ އުކާލާފަ. ބައެއް ހެލްމެޓްތަކުގައި އެބަހުރޭ ތަޅު އަޅުވާފައި ވެސް. މިއީ އެމްޕީއެލް ކަހަލަ މުއްސަސާއަކުން ހިދުމަތް ހޯދާ ބަޔަކަށް އޮންނަން ޖެހޭ ގޮތެއް ނޫން. މިއަށް ވުރެ ރަނގަޅުކޮށް އޮންނަން ވާނީ،" ޖުނައިދު ވިދާޅުވި އެވެ.

އެމްޕީއެލް އިން ސަރަހައްދުގައި ކޮންޓެއިނާ ހުސްކުރުމުގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތްކުރެ އެވެ.