ހަބަރު

ނަޝީދުގެ އިތުރުން ޑިފެންސް މިނިސްޓަރަށް ވެސް ޓެރަރިޒަމްގެ ދައުވާ

Feb 22, 2015
5

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި، ކުށް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ހައްޔަރު ކުރުމުގެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު ޓެރަރިޒަމްގެ ދައުވާ ކޮށްފި އެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ނަޝީދުގެ އިތުރުން ދައުވާ އުފުލީ އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި، މިހާރުގެ ޑިފެންސް މިނިސްޓަރު އަދި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އަދި ކާނަލް މުހައްމަދު ޒިޔާދަށެވެ. މި ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ ކޮށްފައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ނަޝީދުގެ މައްޗަށް ފުރަތަމަ ދައުވާ ކުރީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ކަމަށް ވިޔަސް މިފަހަރު ދައުވާ ކޮށްފައި ވަނީ ކްރިމިނަލް ކޯޓުގަ އެވެ. ނަޝީދު ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރުގައި ސޮއި ކުރައްވާފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފެވެ. އެނގިފައިވާ ގޮތުގައި އެ ކޯޓުގެ އިސް ގާޒީ އަދި ނަޝީދުގެ ވެރިކަމުގައި ހައްޔަރުކުރި އަބްދުﷲ ގާޒީ ވަނީ ޗުއްޓީއެއް ނަންނަގަވައިފަ އެވެ.

މޫސާ އަލީ ޖަލީލަށް ޑިފެންސް މިނިސްޓަރުކަން ދީފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރި، ދައުލަތާ ދެކޮޅު އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި މަގާމުން ވަކި ކުރުމަށް ފަހު އެވެ. މިހާރު ވަނީ ނާޒިމް ވެސް ހައްޔަރުކޮށްފަ އެވެ.

ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް އުފުލީ ކުށެއްް ނުކުރާ މީހަކު ގާނޫނާ ޚިލާފަށް ގަސްދުގައި ހިފާ ހައްޔަރު ކުރުމުގެ ދައުވާ އެވެ. އެކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ 2000ރ. އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. ނަމަވެސް ޓެރަރިޒަމްގެ މައްސަލަތަކުގައި ދިގު މުއްދަތަަކަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެ އެވެ.

ޓެރަރިޒަމާ ޓެރަރިޒަމާ ބެހޭ ގާނޫނުގައި ބުނާ ގޮތުން ޓެރަރިޒަމްގެ ކުށެެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށް ކުރި މީހާގެ އަދަބަކީ މެރުމެވެ. ނުވަތަ އުމުރަށް ޖަލަށް ލުން ނުވަތަ އަރުވާލުމެވެ. މިފަދަ ކުށެއް ކުރުމުގައި ނުވަތަ ރޭވުމުގައި ބައިވެރިވި މީހެއްގެ އަދަބަކީ ވެސް މެރުމެވެ. މިފަދަ ކުށަކަށް އެހީވެދިން މީހާ އާއި މިފަދަ ކުށެއްގެ މައުލޫމާތު ސިއްރުކުރި މީހާގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލުން ނުވަތަ އަރުވާލުމެވެ. މީހެއްގެ ފުރާނަ އަށް ގެއްލުމެއް ނުލިބޭ ޓެރަރިޒަމްގެ ކުށެއް ކުރި މީހެއްގެ އަދަަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުމެވެ. 

މީހަކު ނުވަތަ މީހުން ކިޑްނެޕްކުރުން ނުވަތަ ގަދަކަމުން ފޮރުވުން ނުވަތަ ރަހީނުންގެ ގޮތުގައި ހިފެހެއްޓުން ނުވަތަ މިއިން ކަމެއް ކުރަން އުޅުމަކީ ގާނޫނު ބުނާ ގޮތުން ޓެރަރިޒަމްގެ އަމަލުތަކެވެ.