ދޫގަސް

ދޫގަސް ލިބޭތާ ދެ މަސްތެރޭ ޓޫރިސްޓުން ގެނެވޭނެ: ސީއީއޯ

Aug 21, 2016
1
  • ދޫގަސް އިން 200 ވަޒީފާ އުފެއްދޭނެ
  • ދޫގަސް އިތުރަށް ތަރައްގީ ކުރާނެ
  • ފޭދޫ ހޮޓަލުން ވެސް އިތުރު ވަޒީފާތައް

ސ. ގަމުގައި ހުންނަ ގޭން އައިލެންޑް ރިޓްރީޓް- ދޫގަސް، މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އަށް ހަވާލު ކުރުމަށް ސަރުކާރާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، އެ ތަން ހަވާލުކުރާތާ ދެ މަސް ދުވަހުގެ ތެރޭގައި ޓޫރިސްޓުން ގެންނަން ފެށޭނެވަރުވާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޕީއެލް ސަރަހައްދުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސީއީއޯ ޖުނައިދު ވިދާޅުވީ ދޫގަސް ހޯދުމަކީ އެ ކުންފުންޏަށް ވަރަށް ބޭނުން ކަމެއް ކަމަށެވެ. ސަބަބަކީ އައްޑު އަތޮޅުގައި ވަޒީފާތަކެއް އުފައްދަން ބޭނުންވުން ކަމަށެވެ.

"އަޅުގަނޑުވެސް ވަރަށް ބޭނުންވާ ކަމެއް [ދޫގަސް ހޯދުމަކީ]. އެކަމަށް އެމްޕީއެލް މިތިބި ފެން ބޮވައިގެންފައި. އެހެންވެ އަޅުގަނޑުމެން މަޝްވަރާތައް ކުރަމުން މިދަނީ ސަރުކާރާއެކު. ޓޫރިޒަމް މިނިސްޓަރު ވެސް ވަރަށް ބޮޑު ޔަގީކަމެއް ދެއްވާފައި އޮތީ އެކަމަށް. ނަމަވެސް އެ ތަނަކީ އެހެން ބައެއްގެ ތަނަކަށްވުމުން ލިޔެކިޔުންތަކާއި އެހެން މައްސަލަތައް ނިންމާފައި ލިބޭނީ،" ޖުނައިދު ވިދާޅުވި އެވެ.

ދޫގަސް މިހާރު ބޭނުންކުރަމުން ދަނީ ދެކުނުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބިޑް ކުރުމަކާ ނުލައި ހަވާލުކޮށްފައިވާ އެމްވީކޭއާ އެވެ. "ގޭން އައިލެންޑް ރިޓްރީޓް" ގެ ނަމުގައި ހިންގާ މި ރިސޯޓުގައި 50 ކޮޓަރި ހުރެ އެވެ. ނަމަވެސް ދޫގަސް މިހާރުހުރީ ވަރަށް ބޮޑަށް ބާވެފަ އެވެ.

އެމްޕީއެލްގެ ސީއީއޯ ޖުނައިދު ވިދާޅުވީ ދޫގަސް އެ ކުންފުންޏާ ހަވާލު ކުރުމުން އެތަން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ތަނުން އައްޑޫގެ ރައްޔިތުންނަށް 200 އެއްހާ ވަޒީފާ އުފެދޭނެ ކަމަށެވެ.

"އެ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުން އަޅުގަނޑުމެންނާ ވަރަށް އަވަހަށް ހަވާލު ކުރައްވާނެހެން ހީވަނީ. މިދަނޑިވަޅު ފާހަގަ ކޮށްލަން އައްޑު އަތޮޅުގައި މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ [ރައީސް ޔާމީން] އިތުރު ވަޒީފާތައް އިތުރު ކުރަން ބޭނުންފުޅުވޭ،" ޖުނައިދު ވިދާޅުވި އެވެ.

އެމްޕީއެލް އިން ދޫގަސް ނަގަނީ ދެކުނުގެ ދަތުރުފަތުގެ ހިދުމަތުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި އިތުރު ވިޔަފާރި ކުރުމަށެވެ. އެ ކުންފުނިން އަންދާޒާ ކޮށްފައިވާ ގޮތުގައި ދަތުރުފަތުރުން 19 މިލިއަން ރުފިޔާގެ ގެއްލުން އެ ކުންފުންޏަށް ވާނެ އެވެ. އެހެންކަމުން މި ގެއްލުން ކުޑަ ކުރުމަށްޓަކައި ހިތަދޫގައި ތިން ތަރީގެ 100 އެނދުގެ ސިޓީ ހޮޓަލެއް އެޅުމަށް ވެސް ނިންމާފަ އެވެ. މީގެ އިތުރުން ހުޅުމީދޫގައި ސްލިޕްވޭ އަކާއި ރެސްޓޯރެންޓެއް އެޅުމަށްވެސް ނިންމާފައިވެ އެވެ.