ކޮންމެ މީހަކީވެސް ކާމިޔާބު މީހަކަށް ވާން ބޭނުން ވާނެ މީހެކެވެ. އެއްބަޔަކު ކާމިޔާބު ވަނީ ހަމައެކަނި މިދުނިޔޭގައެވެ. އަނެއްބަޔަކު ކާމިޔާބު ވަނީ ހަމަ އެކަނި އާޚިރަތު ގައެވެ. އަދި އެއްބަޔަކީ ދެ ދުނިޔޭގައި ވެސް ކާމިޔާބުވާ މީހުންނެވެ. އަދި އަނެއް މިދުނިޔޭގައި ވެސް އަދި އާޚިރަށް ދުވަހުގައިވެސް ނާކާމިޔާބު މީހުންނެވެ. އެމީހަކު ޖެހެނީ އެމީހަކު ކާމިޔާބު ބޭނުންވާގޮތް އިޚްތިޔާރު ކުރާށެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ ދެ ދުނިޔޭގައި ކާމިޔާބު ލިބޭނެ ގޮތުގެ މައްޗަށެވެ.
ކޮންމެ އިންސާނަކީވެސް ކޮންމެވެސް ގޮތަކުން މުއްސަނދި މީހެކެވެ. އެކި މީހުންނަށް ﷲ ދެއްވާފައިވަނީ އެކި ނިޢުމަތްތަކެވެ. އެމީހެއްގެ ގާބިލިއްޔަތު ހުރި މިންވަރަކަށެވެ. އިންސާނާ މަސައްކަތް ކުރާގޮތް އެންމެ ރަނގަޅަށް ދެނެ ވޮޑިގެންވާނެ ފަރާތަކީ އިންސާނާ ހެއްދެވި ފަރާތެވެ. މާތް ﷲ އިންސާނުން ހައްދަވާފައިވަނީ އެކަލާނގެ އަށް އަޅުކަން ކުރުމަށެވެ.
ކީރިތި ގުރްއާނުގެ 51 ވަނަ ސޫތަރުގެ 56 ވަނަ އާޔަތުގެ މާނައިގައި ވަނީ "ތިމަންރަސްކަލާނގެ އަށް އަޅުކަން ކުރުމަށް މެނުވީ، ތިމަރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަވަމެވެ."
މިކަމުން އެގެނީ އިންސާނާ ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް އެވާންވާނީ އަޅުކަމަކަށެވެ. މިސާލަކަށްބުނާ ކަމަށް ވަންޏާމު ޢިލްމު އުގެނުމަކީވެސް އަޅުކަމެކެވެ. ޢިލްމު އުގެނުން އަޅުކަމަކަށްވާނީ ﷲ އަށްޓަކައި ޢިލްމު އުގެނި އޭގެ ބޭނުން ﷲ އަންގަވާފައިވާ ގޮތަށް ކުރުމުންނެވެ. ވިޔަފާރި ކުރުމަކީވެސް އަޅުކަމެކެވެ. ވިޔަފާރި ކުރުން އަޅުކަމަކަށްވާނީވެސް ﷲ އަންގަވާފައިވާ ގޮތަށް އެކަލާނގެ ރުހުން ހޯދުމަށްޓަކައި ވިޔަފާރި ކުރުމުންނެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ދީނުގައި ވާ ގޮތަށް ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް ކޮށްފިއްޔާ އެވާނީ އަޅުކަމަކަށެވެ.
މިހާރު އަޅުގަޑުމެންގެ ގިނަމީހުންނަށް އަޅުގަނޑުމެންގެ އަސްލު ހުނަރާއި ގާބިލިއްޔަތުކަން ވަނީ ނޭގިފައެވެ. ނޫނީ ހުނަރުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ވަނީ ނޭގިފައެވެ. އަޅުގަޑުމެނަށް ކުރަން އުޅެވެނީ ކޮންމެވެސް މީހަކު ކުރާ ކަމެއް ކޮޕީ ކުރުމެވެ. މާތް ﷲ އިންސާނާޔަށް ދެއްވާފައިވާ މަތިވެރި ނިޢުމަތް ކަމުގައިވާ ސިކުނޑި ބޭނުންކޮށް ޤުރުއާނުގެ ޢިލްމު އުނގެނި ﷲ އެންގެވިގޮތަށް ޢަމަލު ކޮށްގެން ނޫނީ އަޅުގަނޑުމެން އެއްވެސް މުސްލިމަކަށް ﷲ ދެއްވާފައިވާ ހުނަރާއި އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން އެގިގެން ނުދާނެއެވެ.
ރަގަޅު ގޮތުގައި މުސްލިމު މުޖްތަމައެއް މުއްސަނދި ވެގެން ދާނީ ﷲ އަށްޓަކައި ހުރިހާމީހުން ގުޅިގެން އެކަކު އަނެކަކަށް އެހީތެރިވެ ﷲ އެންގެވި ގޮތަށް އުޅެގެންނެވެ. ﷲ އެންގެވި ގޮތަށް އުޅުމަކީ ހަމައެކަނި ނަމާދުކޮށް ރޯދަހިފާ ޤުރުއާން ކިޔަވާ ޒަކާތްދީ ޙައްޖު ވުމެއްވެސް ނޫނެވެ. ދުނިޔޭގައި އިންސާނާ ދިރިއުޅެންވީ ގޮތުގެ ތަފްސީލު ޤުރުއާނާއި ސުންނަތުން ވަނީ އަންގަވާ ދެއްވާފައެވެ. މިކަން ތަޖުރިބާކޮށް ދެނެގަންނަން ބޭނުންނަމަ ޖެހޭނީ އެގޮތަށް ޢަމަލު ކުރާށެވެ. ހިތްނިޔަތް ހާލިސްކޮށް ﷲ އަށްޓަކައި ހުރިހާ ކަމެއް ކުރާށެވެ. ކާމިޔާބީގެ ސިއްރަކީ ﷲ އަށް ބޯލަބައި ކިޔަމަންވެ އެގޮތަށް ޢަމަލު ކޮށް ދިމާވާ ދަތިތަކަށް ކެތްތެރި ވުމެވެ.
އެއްވެސް މީހަކީ އެމީހެއްގެ އަމިއްލަ ބާރުން އުޅޭ މީހެއް ނޫނެވެ. ހުރިހާ އެއްޗެއްވެސް ދެއްވާ ފަރާތަކީ ﷲ އެވެ. ﷲ ދެއްވި އެއްޗެއްނޫނީ އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. މިދުނިޔެ އަކީ މަސައްކަތް ކުރުމުގެ ދުނިޔެ އެކެވެ. އެމީހަކަށް ލިބެނީ އެމީހަކު ހޯދި ކަމެކެވެ. މިދުނިޔެއަކީ އިމްތިހާނުގެ ހޯލެކެވެ.
ސޫރަތުލް މުލްކްގެ ދެ ވަނަ އާޔަތުގެ މާނައިގައި ވަނީ "އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލް ރަގަޅީ ކާކުތޯ އިމްތިހާނު ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން އުފެއްދެވި ރަސްކަލާނގެ އެވެ. އަދި އެކަލާނގެއީ ޢަޒީޒް ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ އެވެ."
ހަގީގަތަކީ މުސްލިމުންނާ ކުރިމަތިވާ ކޮންމެ ދެރަކަމަކީ އިމްތިހާނެކެވެ. ނުވަތަ ފާފަފުއްސެވުމެކެވެ.
އަލް ބުޚާރީ 5641، އަދި މުސްލިމް 2573 ހަދީޡް ގައިވަނީ "ﷲ އަށް އީމާންވެގެންވާ މީހަކަށް ލިބޭ އުދަގުލަކީ އެއީ
ކަށްޓެއް ހެރުން ކަމުގައިވިޔަސް އެކަމަކުން ﷲ އެމީހަކު މަތިވެރި ކުރައްވަ އެވެ. ނުވަތަ ފާފައެއް ފުއްސަވަ އެވެ."
ކާމިޔާބު ލިބޭ މީހުންނަކީ ކެތްތެރިންނެވެ.
ސޫރަތުއްޒުމަރުގެ 10 ވަނަ އާޔަތުގެ މާނައިގައި ވަނީ "ކަލޭގެފާނު ވިދާޅުވާށެވެ. އޭ އީމާންވި ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އަށް ތިޔަބައިމީހުން ތަޤުވާ ވެރި ވާށެވެ. މިދުނިޔޭގައި ހެޔޮކޮށް ކަންތައް ކުޅަ މީހުންނަށް ހެޔޮދަރުމަ ހުއްޓެވެ. އަދި ﷲގެ ބިން ވަނީ ތަނަވަސް ވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާ ހުށިކަން ކަށަވަރީ ހިސާބެއްނެތި އެވެ."
އެހެންވީމަ ހުރިހާ ކަމެއް ވެސް ވަރަށް ސާފެވެ. ހަގީގީ ކާމިޔާބީ އަކީ ދީނަށްޓަކައި ﷲ އެންގެވި ގޮތަށް ޢަމަލު ބަހައްޓައިގެންލިބޭ ކާމިޔާބެވެ. ދެ ދުނިޔޭގައި ކާމިޔާބު ވުމަކީ ހަގީގީ ކާމިޔާބެވެ. ދެ ދުނިޔޭގެ ކާމިޔާބު ބޭނުންވާ މީހަކު ވިސްނާނީ ހަމައެކަނި އާޚިރަތާއި މެދުގައެވެ. މަސައްކަތް ކުރާނީ ފަނާވުމެއްނެތް ދުނިޔެ ކާމިޔާބު ކުރުމަށެވެ. މިދުނިޔެ އާއި މެދު ވިސްނާ މީހަކަށް ލިބޭނީ މި ދުނިޔެ އިން ކާމިޔާބީގެ ކުޑަ މިންވަރެކެވެ.
ސޫރަތުލް އާޝޫރާގެ 20 ވަނަ އާޔަތުގެ މާނައިގައި ވަނީ "އާޚިރަތުގެ ޘަވާބަށް އެދި މަސައްކަތް ކުރާ މީހާ އަށް އޭނާގެ ޘަވާބު ތިމަން ރަސްކަލާނގެ އިތުރު ކުރައްވާ ހުށީމެވެ. އަދި ދުނިޔޭގެ މަންފާ ތަކަށް އެދޭ މީހާ އަށް ތިމަންރަސްކަލާނގެ އެއިން ދެއްވާ ހުށީމެވެ. އަދި އާޚިރަތުގައި އޭނާ އަށް (ޘަވާބުގެ) އެއްވެސް ނަސީބެއް ނެތެވެ."
ސޫރަތް ޔޫނުސްގެ 63 ،62 އަދި 64 ވަނަ އާޔަތް ތަކުގެ މާނައިގައި ވަނީ "ދަންނާށެވެ. ހަމަކަށަވަރުން، ﷲ ގެ ވަލިއްޔުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަ ކުރާނޭ ބަޔަކު ކަމުގައި ވެސް ނުމެވޭމެއެވެ."
"އެއުރެންނަކީ އީމާންވެ ތަޤްވާ ވެރިވެ އުޅުނު މީހުންނެވެ."
"ދުނިޔޭގެ ޙަޔާތުގައްޔާއި، އާޚިރަތުގައި އެއުރެންނަށް އުފާވެރި ކަމުގެ ޚަބަރު ހުއްޓެވެ. ﷲގެ ކަލިމަފުޅުތަކަށް ބަދަލުވުމެއް ނާންނަ ހުއްޓެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމަ އެއީ އެވެ."
އެހެންމީހުންނަށް ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް ބަލާ އެއެއްޗެހި ބޭނުން ވެގެން އުޅޭ ކަމަށްވާނަމަ ކާމިޔާބު މީހަކަށް ނުވެ ހިގައިދާނެ އެވެ. ކޮންމެ މީހަކީ ތަފާތު މީހެކެވެ. އެހެންކަމުން ﷲ ދެއްވި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ އަމިއްލަ ނަފްސު އިސްލާޙް ކުރުމަށް މަސައްކަތް ކޮށްގެންނެވެ. އެމީހަކަށް ދެއްވާފައިވާ ހުނަރު ދެނެގަނެ ދިނުގައިވާ ގޮތަށް ހުނަރުގެ ބޭނުން ކޮށްގެންނެވެ.
ސޫރަތުލް ތާހާ ގެ 131 ވަނަ އާޔަތުގެ މާނައިގައި ވަނީ، "އަދި އެއުރެންގެ ތެރެއިން ބަޔަކަށް ދުންޔަވީ ހަޔާތުގެ ޒީނަތްތެރި ކަމުގެ ގޮތުން ތިމަންރަސްކަލާނގެ އެތަކެއްޗާމެދު އެއުރެން އިމްތިހާނު ކުރެއްވުމަށްޓަކައި، ދެއްވި ތަކެއްޗަށް އެދިވަޑައިގެން، ކަލޭގެފާނު ނުބައްލަވާށެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ދެއްވަވާ ތަކެތި ހެޔޮކަން ބޮޑެވެ. އަދި ދެމިހުރުން މާބޮޑުއެވެ."
ދެ ދުނިޔޭގައި ކާމިޔާބުމީހަކަށް ވާން ބޭނުންނަމަ ކުރަންވީ ކަމަކީ ﷲ މިދުނިޔެ އަށް ފޮނުއްވި އެންމެ ކާމިޔާބު އިންސާނާ، މި އުއްމަތުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް ނަމޫނާ އަކަށްބަލައި އެކަލޭގެފާނުގެ ޢަމަލު ފުޅުތަށް ކޮޕީ ކުރުމެވެ.