- މި ބަދަލު އަންނަނީ އަންނަ މަހުން ފެށިގެން
- އާ ޗެކް ފޮތްތަކުގައިމައިކާ އަދި ބާކޯޑު
- ފައިސާ ލިބުން އަވަސް ވެގެންދާނެ
މެނުއަލްކޮށް މިހާރު ކުރަމުން ގެންދާ "ޗެކް ކްލިއަރިން" ގެ ހިދުމަތް ޒަމާނީ ނިޒާމަކަށް އަންނަ މަހު އެކަކުން ފެށިގެން ބަދަލުވާނެ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ. އެ ނިޒާމާ އެކު ޗެކްތައް ކްލެއަވުމަށް ނަގާ ވަގުތު އަވަސް ވާނެ އެވެ.
ޗެކް ކްލިއަރިންގެ މަސައްކަތައް ގެންނަ އަވަސް ބަދަލާ ބެހޭ ގޮތުން އެމްއެމްއޭ އިން އާއްމުކުރި ވީޑިއޯ ރިޕޯޓެއްގައިވާ ގޮތުން މި މަސައްކަތް އޮޓެމެޓިކް ނިޒާމަކަށް ބަދަލު ކުރުމުން ބޭންކްތަކަށް ކަސްޓަމަރުން ޖަމާކުރާ ޗެކްތަކަށް މިހާރަށް ވުރެ އަވަހަށް ފައިސާ ލިބިގެންދާނެ އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި އިލެކްޓްރޯނިކް ކްލިއަރިން ހެދުމަށް ބޭނުންވާ ޗެކްތަކަކީ ސްޓޭންޑަޑައިޒް ވެފައިވާ ޗެކްތަކަށް ވުން މުހިންމު ކަމަށާއި، މި ބަދަލުގެ ދަށުން އަންނަ މަހުން ފެށިގެން ރާއްޖޭގައި ބޭނުންކުރާނީ "މައިކާ އަދި ބާކޯޑު" ޗެކްތައް ކަމަށެވެ.
"ޗެކް ފޮތްތައް ސްޓޭންޑަޑައިޒް ކުރުމުގެ ގޮތުން ބޭންކްތަކުން ޗެކް ފޮތްތައް ވާނީ އެއްގޮތް ކޮށްފަ. ޗެކްތަކުގައި އެއްގޮތް ކުރެވިފައިވާ މުހިންމު ސިފަތަކީ ޗެކްގެ ސައިޒް [ދިގު މިނުގައި 7 އިންޗި، ފުޅާ މިނުގައި 3.6 އިންޗި] އަށް. ޗެކް ރައްދުވާ ފަރާތާއި އަދަދު ޖެހުމަށް ހާއްސަ ކުރެވިފައިވާ ބައި އެއް ސްޓޭންޑަޑަކަށް ހުރުން. އަދި ޗެކްގެ އިންކް ކަރެކްޓާ ރިކޮގްނިޝަން [މައިކަ] ބޭންޑް ނުވަތަ ބާކޯޑެއް ހުރުން،" އެމްއެމްއޭއިން ބުނެ އެވެ.
ޗެކް ލިއުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތައް:
- ބާކޯޑާއި މައިކްރޯ ޕްރިންޓް މަތީ ނުލިއުން
- ބާކޯޑާއި މައިކްރޯ ޕްރިންޓް މަތީ ސޮއި ނުކުރުން
- ބާކޯޑާއި މައިކްރޯ ޕްރިންޓް މަތީ ތަތްގަނޑު ނުޖެހުން
- ޗެކްތައް ފަތް ނުޖެހުން
- ޗެކްތަކަށް ހީރަސް ނުޖެހުން
މަރުކަޒީ ބޭންކުން ބުނީ މަތީގައިވާ ކަންތައްތަކަށް ސަމާލުކަން ދޭން ޖެހޭ ސަބަބަކީ ޗެކްގައި ހިމެނޭ މުހިންމު މައުލޫމާތު ހިމެނެނީ ޗެކްގެ ބާކޯޑާއި މައިކަ ޕްރިންޓް މަތީގައި ކަމަށްވާތީ ކަމަށެވެ.
"މި [ބާކޯޑާއި މައި ޕްރިންޓް] ބޭންޑް މަތީގައި ލިޔުމާއި ފަތް ޖެހުމުން ސްކޭން ކުރުމުގައި ދަތިތަކާ ކުރެވިމަތިވޭ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.