ބޭރު ކުޅިވަރު

ކޯޗު ވެންގާ އަށް ވިއޭރާ ފާޑުކިޔައިފި

އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް އެކުލަބުގެ ކުރީގެ ކެޕްޓަން ޕެޓްރިކް ވިއޭރޭ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ވެންގާގެ ކޯޗުކަމުގައި ގިނަ ކާމިޔާބީތަކެއް ހޯދި ފްރާންސްގެ ކުރީގެ މިޑްފީލްޑަރު ބުނީ އާސެނަލްގައި ކުރީގެ ކުޅުންތެރިންނަށް ފުރުސަތު ނެތުމަކީ ވަރަށް ބޮޑު މައްސަަލައެއް ކަމަށެވެ. އޭނާގެ ފާޑުކިއުން މިއައީ ވިއޭރާއާއެކު އާސެނަލް އަށް ކުޅުނު ފްރާންސްގެ ކުރީގެ ފޯވަޑް ތިއޭރީ އޮންރީ، ވެންގާއާ މައްސަލަޖެހި ޓީމު ދޫކޮލާފައިވަނިކޮށެވެ.

"އަރަމުން އަންނަ ކުޅުންތެރިންނަށް ވަރަށް މުހިންމު ކަމެއް ތިއޭރީ އޮންރީ އާއި ޓޯނީ އެޑަމްސް އާއި ފްރެޑިކް ލިއުންބާގް، ސޯލް ކެމްބެލް ފަދަ ކުރީގެ ކުޅުންތެރިން ކުލަބުގައި ތިބުމަކީ. އެއީ އެކުލަބެއްގެ ހައިބަތު ބޮޑުބޮށްދޭނެ ކަމެއް،" މީގެ ކުރިން ވެސް ވެންގާއަށް ފާޑުކިޔާފައިވާ ވިއޭރާ ބުންޏެވެ.

ކުޅުން ހުއްޓާލުމަށްފަހު ވިއޭރާ ފެނިގެންދިޔައީ އާސެނަލްއާ އެންމެ ވާދަވެރި އެއްކުލަބު މެންޗެސްޓާ ސިޓީގެ އޮފިޝަލެއްގެ ގޮތުގަ އެވެ. މިހާރު އޭނާ އަކީ ސިޓީ ހިންގާ އަބޫދާބީގެ މަހުޖަނުން ހިންގާ އެމެރިކާގެ ކުލަބު ނިއުޔޯކް އެފްސީގެ ކޯޗެވެ.

"ކުރީގެ ކުޅުންތެރިންނަށް ފުރުސަތު އޮތުން ވަރަށް މުހިންމު. މިކަމަށް އެންމެ ރަނގަޅު މިސާލެއް ފެންނަން އޮތް ކުލަބަކީ އަޔެކްސް. ކުލަބުގައި އަބަދުވެސް އެއުޅެނީ ކުރީގެ ކުޅުންތެރިން. އެމީހުންނަށް އަބަދުވެސް ކުލަބުގެ ދޮރު ހުންނަނީ ހުޅުވާލާފައި. މިއީ އާސެނަލް މިހާރު ކުރަންވެއްޖެކަމެއް،" ވިއޭރާ ބުންޏެވެ.

އޭނާ ބުނީ އާސެނަލް ކުޅެނީ ވަރަށް ރީތި ފުޓްބޯޅައެއް ކަމަށާއި ނަމަވެސް މޮޅުވާންޖެހޭ މެޗުތަކުން ބަލިވެފައި އެބަހުރި ކަމަށާއި މެޗަކުން މޮޅުވާން ބޭނުންވާ ފިޒިކަލް ފިޓްނަސް އާއި ކެރެކްޓާ އާސެނަލްގައި ނެތް ކަމަށެވެ.