ބޭރު ކުޅިވަރު

ކީޕަރު ހާޓާހުރެ އިނގިރޭސި ކޯޗަށް ނުތަވަނަސްކަން

އިނގިރޭސި ގައުމީ ކީޕަރު ޖޯހާޓަށް ކުލަބުގައި ކުޅުމުގެ ފުރުސަތު ނުލިބޭތީވެ އިނގިރޭސި ކޯޗު ސޭމް އެލާޑީސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އޭނާ ބުނީ ހާޓަކީ އިނގިރޭސިވިލާތުގައި ހުރި އެންމެ މޮޅު ކީޕަރު ކަމަށާއި ގައުމީ ޓީމުގައި އޭނާގެ ދަައުރު ވަރަށް ބޮޑު ކަމަށެވެ.

"މިހެންވީމަ ވެސް އަހަރެން ބޭނުން އޭނާ ގަވާއިދުން ކުޅެން. އަހަރެން ބޭނުންވަނީ އިނގިރޭސި ހުރިހާ ކުޅުންތެރިން ވެސް ގަވާއިދުން ކުލަބުގައި ކުޅެން. އެހެންނޫނީ ގައުމީ ޓީމަށް ފައިދާއެއްނުވާނެ،" އެލާޑީސް ބުންޏެވެ.

އޭނާ އަދި ބުނީ އިނގިރެސި ލީގުގެ ޓީމުތަކުގެ ފުރަތަމަ 11ގައި ކުޅޭ އިނގިރޭސި ކުޅުންތެރިންގެ އަދަދު މަދު ކަމަށާއި މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

ހާޓްގެ ކުރިމަގާމެދު ސުވާލު އުފެދުނީ ސިޓީގެ އާކޯޗު ޕެޕް ގާޑިއޯލާ އޭނާ ބެންޗަށް ބަދަލު ކުރުމުންނެވެ. އަދި ހާޓް ވިއްކާލަން ނިންމައި ބާސެލޯނާގެ ޗިލީ ކީޕަރު ގެނައުމަށް ވެސް ވަނީ ނިންމާފަ އެވެ.