ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ބްރެޒިލްގެ ރޮނާލްޑޯގެ އޯލްސްޓާ ޓީމުން މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީކޮށްފި އެވެ.
1994 ވަނަ އަހަރާއި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ހޯދައިދިން ރޮނާލްޑޯ ނެގި ޑްރީމް ޓީމުގައި އޭނާގެ ނަމުން މުހާތަބް ކުރެވޭ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޖާގަދީފައިނުވާ ވަކި ސަބަބެއް ނުބުނެ އެވެ. ނަމަވެސް މި ޓީމުގައި އާޖެންޓީނާގެ ތަރި ލަޔޮނަލް މެސީ އަށް ޖާގަ ދީފައިވެ އެވެ. މެސީ އަކީ މި ޓީމުގައި ހިމެނޭ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިނުވާ އެންމެ މަޝްހޫރު ކުޅުންތެރިޔާ އެވެ.
މި ޓީމުގެ ގޯލްކީޕަރަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ އަށް ކާމިޔާބުކޮށްދިން ކީޕަރު ޔުވެންޓަސްގެ ޖިއާން ލުއިޖީ ބުފޮން އެވެ. ކަނާތު ބެކަކީ 2002 ވަނަ އަހަރުގެ ވޯލްޑް އުފުލާލި ބްރެޒިލް ޓީމުގެ ކެޕްޓަން ކަފޫ އެވެ. ވާތުބެކަކީ އެ ޓީމުގައި ހިމެނުނު ބްރެޒިލްގެ ރޮބާޓޯ ކާލޯސް އެވެ. ސެންޓްރަލް ދެ ޑިފެންޑަރުންނަކީ 2006 ގެ ވޯލްޑްކަޕުގައި އިޓަލީގެ ކެޕްޓަންކަން ކުރި އަދި އެއަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ފަބިއޯ ކަނަވާރޯ އެވެ. އަނެއް ޑިފެންޑަރަކީ އިޓަލީގެ ކުރީގެ ކެޕްޓަން ޕައުލޯ މަލްޑިނީ އެވެ.
މެދުތެރެއަށް ނަގާފައިވަނީ ބްރެޒިލް ބަލިކޮށް 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް އުފުލާލި ފްރާންސްގެ ތަރި ޒައިނުއްދީން ޒިދާނާއި އިޓަލީގެ އަންދްރޭ ޕިރްލޯ އާއި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިން ޑިއެގޯ މަރަޑޯނާ އެވެ. ދެން ހިމެނެނީ ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ބާސެލޯނާގެ މެސީ އެވެ.
އެންމެ ކުރިއަށް ރޮނާލްޑޯ ނަގާފައިވަނީ އޭނާއާއެކު ބްރެޒިލްގެ މަޝްހޫރު ޕެލޭ އެވެ. އޭނާ އަކީ ތިން ފަހަރު ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބުކޮށްދީފައިވާ ފޯވަޑެކެވެ.