ގދ. ތިނަދޫ

ތިނަދޫން އެމްޑީޕީއަށް ބިމެއް ދިން މައްސަލަ ޕީޖީއަށް ފޮނުވައިފި

Aug 23, 2016
2

ގދ. ތިނަދޫން އެމްޑީޕީއަށް ބިމެއް ދޫކުރި މައްސަލާގައި އެ ރަށުގެ ކައުންސިލްގެ ކުރީގެ ރައީސްގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވައިފި އެވެ.

އޭސީސީން ބުނީ މި މައްސަލަ ބެލި އިރު ސިޔާސީ ޕާޓީއެއްގެ ތިނަދޫ ދާއިރާގެ އޮފީހުގެ ދެ ސިޓީއަކުން ގދ. ތިނަދޫން ބިމެއް ހޯދަން އެދުނު ނަަމަވެސް އެ ދެ ސިޓީއާ ގުޅިގެން ބިމެއް ދޭން ކައުންސިލުން ނިންމާފައިވާކަން އެނގެން ނެތް ކަމަށެވެ. ޕާޓީން ބިން ހޯދުމަށް އެދި ހުށަހެޅި ސިޓީތަކާ ގުޅޭގޮތުން ކައުންސިލްގައި މަޝްވަރާކޮށްފައިވާކަން ވެސް އެނގެން ނެތް ކަމަށާއި ނަމަވެސް ކައުންސިލްގެ ބައްދަލުވުމެއްގައި ސިޔާސީ ޕާޓީތަކުގެ އޮފީސް އަޅަން ތިނަދޫއިން ބިން ދޫކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށްފަހު 15,000 މެމްބަރުން ހިމެނޭ ޕާޓީތަކަށް ބިން ދިނުމަށް ނިންމި ނިންމުމަށް ތިނަދޫ ކައުންސިލްގެ ހުރިހާ މެމްބަރުން ތާއީދުކޮށްފައިވާ ކަމަށެވެ.

ބިމާބެހޭ ޤާނޫނުގައި ބިމާބެހޭ ސިޔާސަތު ކަނޑައަޅާނީ، ވަޒީރުންގެ މަޖުލީހުގެ މަޝްވަރާއާއެކު، ރައީސުލްޖުމްހޫރިއްޔާ ކަމަށް ބަޔާންކޮށްފައިވާއިރު، ތިނަދޫ ކައުންސިލުން ސިޔާސީ ޕާޓީތަކަށް ބިންދޫކުރުމަށް ކަނޑަނޭޅޭނެކަން ފާހަގަކުރެވޭތީ ތިނަދޫ ކައުންސިލްގެ ބައްދަލުވުމުގެ އެޖެންޑާގައި މަޝްވަރާކުރުމަށްފަހު ނިންމާފައިވާ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ސިޔާސީ ޕާޓީގެ ޤާނޫނު އައުމުގެ ކުރިން އެއްވެސް ގާނޫނަކުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރާނެ އުސޫލެއް ބަޔާންކޮށްފައިނުވާއިރު، ތިނަދޫއިން އެމްޑީޕީއަށް ބިން ދޫކޮށްފައިވަނީ އޭގެ ކުރިންކަން ފާހަގަ ކުރެވޭ ކަމަށާއި ބިމާބެހޭ ގާނޫނުގައި ބިން އެކަށައެޅޭނީ، ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި، އިމާރާތްކުރުމަށް ކަމަށާއި އިޤްތިސޯދީ ބޭނުންތަކަށާއި އިޖުތިމާއީ ބޭނުންތަކަށާއި ތިމާވެށި ރައްކާތެރިކުރުމަށް އަދި ދަޢުލަތުގެ ބޭނުމަށް ކަމަށް ބަޔާންކޮށްފައިވާއިރު، ތިނަދޫ ކައުންސިލްގެ އިދާރާއިން ނޮވެމްބަރު 14، 2011 ގައި އެމްޑީޕީއަށް ތިނަދޫ އިން 4,000 އަކަފޫޓުގެ ބިމެއް ދޫކޮށްފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ފާހަގަކުރެވޭތީ ބިން ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތިނަދޫ ކައުންސިލްގެ އޭރުގެ ރައީސް ކަމަށްވާތީ ތިނަދޫ ކައުންސިލްގެ ރައީސް ނިސްބަތްވާ ޕާޓީއަށް ބިން ދިނުމަކީ އޭނާ ނިސްބަތްވާ ޕާޓީއަށް ނާޖާއިޒު ފައިދާއެއް ލިބޭގޮތަށް ކޮށްފައިވާ ކަމެއްކަން ފާހަގަކުރެވޭ ކަމަށެވެ.

ތިނަދޫ އިން އެމްޑީޕީއަށް 4,000 އަކަފޫޓުގެ ބިމެއް ދޫކޮށްފައިވަނީ ބިމާބެހޭ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިޚްތިސޯސް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު އަދި ސިޔާސީ ޕާޓީގެ ގަވާއިދު 2005 (މިހާތަނަށް ގެނެވުނު އިޞްލާޙުތަކާއެކު، 18 ނޮވެމްބަރ 2006) އާ ޚިލާފަށް ކަމަށްވާތީ އެ އަމަލަކީ ކައުންސިލްގެ ރައީސް ނިސްބަތްވާ ޕާޓީއަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް ކޮށްފައިވާ ޢަމަލެއްކަން ތަޙްޤީޤަށް ފާހަގަކުރެވޭތީ، އެއީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރަން ފޮނުވާފައިވާ ކަމަށެވެ.