މާވަހަރު

ޓްރެކް ކައިރިން 1.3 ކިލޯގެ މާވަހަރެއް!

ހުސެން ރަޝީދު މިއަދުވެސް ޓްރެކް ސަރަހައްދަށް މޫދަށް ދިޔައީ ވަކި ކަމަކަށް އުންމީދު ކޮށްގެންނެއް ނޫނެވެ. ބުރަކަށީގެ ރިހުމަށް ލުޔެއް ދޭން ކޮންމެ ދުވަހަކުވެސް މޫދަށް ދާތީވެ މިއަދުވެސް ދިޔައީ އެވެ. ދިޔައީ ވެސް އެކަންޏެވެ.

ނަމަވެސް މިއަދު މިވަނީ އޭނާގެ ނަސީބު އަތުގައި ހިފާފަ އެވެ. ޓްރެކް ސަރަހައްދުން ހުސެން މިވަނީ 1.3 ކިލޯގެ މާވަހަރެއް ހޮވާފަ އެވެ. ކަމުގެ ތަޖުރިބާ ހުރި ދެތިން މީހަކަށް ދައްކާލުމުން އެއީ ހުދަންބަރެއް ކަމަށް މިވަނީ ނިންމާފަ އެވެ.

"މޫދަށް އެރި އުޅެނިކޮށް ޓްރެކާ ދިމާ ބޭރުން ފެނުނީ ގާތަކުގެ އެފަރާތުން. އޭތި [މާވަހަރު] ފެނުނު ތަނާ އެނގިއްޖެ އެ މާވަހަރެއްކަން. އަބަދު މޫދަށް ގޮސް އުޅެންޏާ ލައްކަ އެއްޗެހި ފެނިފަތާ ހުންނާނީ ވެސް. ދެން ފުރަތަމަ އެކަތިކޮޅު ނަގާފައި މަޑުކޮށްލީ. އެހެން އޮޔާ އަންނަމުން އަންނަމުން އައިސް ހަމަވީ،" ޓްރެކް ސަރަހައްދުން މާވަހަރު ހޮވި އުމުރުން 30 އަހަރުގެ ޒުވާނާ ބުންޏެވެ.

ހުސެން މިހާރުދަނީ އެއީ ހުދަންބަރެއްކަން ޔަގީން ވެއްޖެނަމަ ވިއްކާލަން ތައްޔާރުވަމުންނެވެ. ނަމަވެސް ވިއްކާލައިގެން ލިބޭ ފައިސާއިން ކުރާނެ ވަކިކަމެއް އޭނަ އަދި ނުނިންމަ އެވެ.

"މިހާރު ބަލައިފިން ބާޒާރުގައި މީގެ މާވަހަރުގެ އަގުތައް އުޅޭ ގޮތް. އަގު މިއުޅެނީ 25 ޑޮލަރާއި 80 ޑޮލަރާއި ދެމެދުގައި. އެއަގަށް ވިއްކާލަން ނިންމައިން އަދި މިހިރީ. ގަންނާނެ ބަޔަކު ވީހާ އަވަހަކަށް ވިއްކާލާނަން،" ހުސެން ބުންޏެވެ.