މާވަހަރު

މާވަހަރަކާއެކު ޒުވާނަކަށް ދެ އީދު އެއްފަހަރާ!

ހދ. ކުމުންދޫގައި މީހަކު ބޮޑު މާވަހަރެއް ހޮވައިފި އެވެ. މި މާވަހަރު ހޮވާފައިވަނީ އެރަށަށް އީދު ޗުއްޓީއަށް ގޮސް އުޅުނު ޒުވާނެކެވެ. މާވަހަރު ފެނިފައިވަނީ އެ ރަށު ބޮޑުމަގު އަތިރީ ގޮނޑު ދޮށުންނެވެ. އީދަށް ރަށަށް ދިޔަ ޒުވާނާ ހޮވި މާވަހަރުގައި ގާތްގަނޑަކަށް 47 ކިލޯ ހަމަވެ އެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު މިއަދު ވިދާޅުވީ، މާވަހަރު ހޮވާފައިވަނީ އިއްޔެގެ ހެނދުނު ގާތްގަނޑަކަށް 9:00 އާއި 10:00 އާ ދެމެދު ކަމަށެވެ. އެ މާވަހަރު ހޮވާފައިވަނީ އެ ރަށު އަންހެން ކުއްޖަކާ ކައިވެނިކޮށްގެން އުޅޭ މާލޭ ޒުވާނެއް ކަމަށް ވެސް އަމީން ވިދާޅުވި އެވެ. އޭނާ ރަށަށް ދިޔައީ އީދު ޗުއްޓީ އަށެވެ.

އަމީން ވިދާޅުވީ، އެ މާވަހަރު މިހާރު އޮތީ އެ ޒުވާނާގެ އަންހެނުންގެ ގޭގައި ކަމަށާއި އެ މާވަހަރު ބަލަން އެ ގެއަށް ގިނަ އަދަދެއްގެ ބަޔަކު އިއްޔެއިން ފެށިގެން ޖަމާވަމުންދާ ކަމަށެވެ. އަދި މީގެ ކުރިން މާވަހަރު ފެނިފައި ތިބި މީހުން އެއީ މާވަހަރެއްކަން ޔަގީންވާ ކަމަށް ބުނެފައިވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެއީ މާވަހަރެއްކަން މުޅިން ކަށަވަރު ވާނީ އިތުރަށް ބަލައިގެން ކަމަށާއި އެކަން ކުރަމުން އަންނަ ކަމަށެވެ.