ށ. ފުނަދޫގައި ކުނިކޮށީގައި މަސައްކަތް ކުރާ ދެ މީހަކު މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ. އަށާރަ ކިލޯގެ އެ އެތި ހޮވާފައިވަނީ ގޮނޑުގައި ހިމެނޭ ވަކި ބާވަތެއްގެ ކުނި މޫދަށް އުކާލުމަށް އެރަށު އުތުރު ފަރާތު ގޮނޑުދޮށަށް ގޮސް އުޅުމުގެ ތެރޭގަ އެވެ. ގޮނޑުގައި މަސައްކަތް ކުރާ އެ ދެ މީހުންނަކީ އެރަށު ކައުންސިލްގެ އިދާރާގެ ދެ މުވައްޒަފުންނެވެ.
ފުނަދޫ ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ މެމްބަރު އަހްމަދު ނަޒީރު މިއަދު ވިދާޅުވީ އެ ދެ މުވައްޒަފުން މާވަހަރު ހޮވީ ކުނި އުކާލަން ގޮސް އުޅުމުގެ ތެރޭގައި މިއަދު ހެނދުނު މޫދުން ކަމަށެވެ.
"އަޅުގަނޑަކަށް ނުކެރޭނެ އެއީ މިވެނި ކަހަލަ މާވަހަރެކޭ ބުނާކަށް. އެކަމަކު ހުދު މާވަހަރަކާ ވައްތަރު އެއްޗެ. ވަރަށް [މާވަހަރު] ވަސް ވެސް އެބަހުރި އޭތި ޓެސްޓު ކުރުމަށް ކުރަންޖެހޭ ކަންތައް ކުރަމުން މިހާރު ދަނީ،" ނަޒީރު ވިދާޅުވި އެވެ.
އެ ރަށުގައި ކުނި އުކާލުމުގެ މަސައްކަތުގައި ބިދޭސީން ވެސް ހަރަކާތްތެރިވެ އެވެ. ނަމަވެސް މާވަހަރެއްކަމަށް ބެލެވިފައިވާ އެތި ހޮވާފައިވަނީ ދިވެހި ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ އެ މަސައްކަތުގައި އުޅޭ ހަމަ އެކަނި ދިވެހިންނެވެ.