ބޭރު ކުޅިވަރު

ބޭލްގެ މުސާރަ ބޮޑުކޮށް، ރޮނާލްޑޯ ވެސް ބަހައްޓަނީ

ގްރެތް ބޭލްގެ މުސާރަ 11 މިލިއަން ޔޫރޯ އަށް ބޮޑުކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ޓީމުގައި ބަހައްޓަން ރެއާލް މެޑްރިޑުން ނިންމައިފި އެވެ.

ސްޕޭނުގެ ނޫސްތަކުން ބުނާގޮތުގައި ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އޮއްވައި ބޭލް 2021 ވަނަ އަހަރާ ހަމައަށް ކުލަބުގައި ބަހައްޓަން އާކޮންޓްރެކްޓެއް ދޭން މިހާރުވަނީ ތައްޔާރުވެފަ އެވެ. އަދި ދެ ފަރާތުން މިހާރު މިކޮންޓްރެކްޓަށް އެއްބަސްވެފައިވާ ކަމަށްވެ އެވެ.

ބޭލް އަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި މީގެ ތިން އަހަރު ކުރިން ރެއާލްއަށް ގެނައި ކުޅުންތެރިއެކެވެ. އޭނާގެ ކުރިން އެންމެ އަގުބޮޑު ކުޅުންތެރިޔާ އަކީ ރޮނާލްޑޯ އެވެ. ނަމަވެސް މިހާރު އެންމެ އަގުބޮޑު ކުޅުންތެރިއަކީ މެންޗެސްޓާ ޔުނައިޓެޑުގެ ޕައުލް ޕޮގްބާ އެވެ.

އާ ކޮންޓްރެކްޓްގައި ބޭލްގެ މުސާރަ ބޮޑުކޮށްފައިވީ ނަމަވެސް އެންމެ މުސާރަބޮޑު ކުޅުންތެރިޔާ އަށް ވާނީ 17 މިލިއަން ޔޫރޯ އަހަރަކު ލިބޭ ރޮނާލްޑޯ އެވެ. މި އަހަރުގެ ޔޫރޯ ކާމިޔާބުކުރި ކުޅުންތެރިޔާ ވެސް 2021 ވަނަ އަހަރާ ހަމައަށް ކުލަބުގައި ބަހައްޓަން ނިންމާފައިވާ ކަމަށްވެ އެވެ. މިހެންވެއްޖެނަމަ މިހާރު އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ 36 އަހަރު ވަންދެން ހުންނާނީ ރެއާލްގަ އެވެ.

މީގެ އިތުރުން 16 އަހަރުގެ މާޓިން އޮޑެގާޑްގެ ކޮންޓްރެކްޓް ވެސް އާކުރަން ވަނީ ނިންމާފަ އެވެ.