ރިޕޯޓް

އިޓަލީގެ އާއިލާއަކުން ލޯތްބާއެކު ދިވެހި ރަހަތައް ދުނިޔެއަށް!

  • ރާއްޖެއާ ދިވެހިން ބަދަލުވީ އަހަރެމެންގެ ލޯމަތީ
  • ދިވެހި ރަހަތައް ދުނިޔެއަށް މަޝްހޫރުކޮށްދިން
  • ދެން އަންނާނީ ނެޝަނަލް ޖޯގްރަފިކް ޗެނަލާއެކު

މި ވާހަކަ ފަށަން ޖެހެނީ މީގެ 27 އަހަރުގެ ކުރިންނެވެ. ރާއްޖެއައި އިޓަލީ އާއިލާއެއް ރާއްޖެއަށް ލޯބިޖެހި ދިވެހި ރަހަތައް ހިފައިގެން ދުނިޔޭގެ ކުރިމައްޗަށް ނުކުތް ވާހަކަ އެވެ. އޮރިއެއްޓާ މަފެއި އާއި ކްލޯޑިއާ ސްޓިއާޓީ ރާއްޖެއަށްޓަކައި ލިޔެދިން "ޓޭސްޓް އޮފް މޯލްޑިވްސް" ފޮތުގެ ސަބަބުން ރާއްޖެ ދުނިޔެއަށް "ދިވެހި ރަހަ" ކަމުދިޔަ އެވެ. ބޭރުން ރާއްޖެއަށް ދިން ސަމާލުކަން ބޮޑުވި އެވެ.

މިހާރު ދަރުބާރުގޭގައި ކުރިޔަށްދާ އެފްއެޗްއޭއެމްގެ ތެރެއިން އޮރިއެއްޓާ އާއި އޭނާގެ ފިރިހެން ދަރިފުޅު ޖިއާން މާކޯ ސްޓިއާޓީ "އަވަސް" ގެ ނޫސްވެރިންނާ ދިމާވެ، އެ އާއިލާއިން ރާއްޖެއަށްޓަކައި ލިޔެދިން ފޮތުގެ ސޮފުހާތައް އުކާލައި ދިނެވެ. އެމީހުންގެ ވާހަކަ ހިއްސާކޮށްދިނެވެ.

ޖިއާން މާކޯ ބުނި ގޮތުގައި 1989 ވަނަ އަހަރު އޭނާ ގޮވައިގެން މައިންބަފައިން ރާއްޖެއަށް އައި ދަތުރުގައި އޭނާގެ ހިތް ވެސް ރާއްޖެއަށް ދޫކޮށްލެވުނެވެ.

"އަހަރެމެން އެންމެ ފުރަތަމަ ރާއްޖެ އައީ 1989 ވަނަ އަހަރު. ރާއްޖެ ކަހަލަ ތަނެއް އެންމެ ފުރަތަމަ ފެންނަ އިރު، ހިތަށް އަރާނީ 'ސުވަރުގެ' އޭ! މީ ހަމަ 'ސުވަރުގެ' އޭ! ދެން އަހަރެމެން ގިނަގިނައިން އަންނަން ފެށީ. ފުރަތަމަ ތިބީ ރިސޯޓުތަކުގައި. ދެން އަހަރެމެންނަށް ފުރުސަތު ލިބުނީ ރާއްޖޭގައި ގެސްޓްހައުސެއް ހިންގަން. އެހިސާބުން ފުރުސަތު ލިބުނީ ދިވެހިންނާއެކު އުޅެ ވަގުތު ހޭދަ ކުރަން. ދިވެހިންނަކީ ހިތްހެޔޮ ބައެއް، އަހަރެމެންގެ މުޅި އާއިލާ ދިވެހިން ދެކެ ވަރަށް ލޯބިވޭ،" އިޓަލީ ބަހުން އޭނާގެ މަންމަ ދެއްކި ވާހަކަ ތަރުޖަމާކޮށްދެމުން ޖިއާން މާކޯ ބުންޏެވެ.

ދިވެހިންނާ އެއް ހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދިޔައީ އެމީހުން ތިބި ރިސޯޓުގައި މަސައްކަތް ކުރި ރޫމް ބޯއިއެއް ދެއްކި މަގަކުންނެވެ.

"އޭނާ [ރޫމް ބޯއީ، އިދްރީސް] ވަރަށް ގިނައިން ދައުވަތު ދިން ވ. ކެޔޮދޫ އަށް ދާން. ވިސްނާލާ، އެއީ މީގެ އެތައް އަހަރެއް ކުރިން. އޭރު ގިނަ މީހުން އަހަރުމެންނާއި ދިމާލަށް ބަލާނީ އެހެން ގޮތަކަށް. މަންމައަށް ފެނުނު ރާއްޖޭގެ ހުރިހާ ކަމެއް ތަރައްގީވެ ބަދަލުވަމުން ދިޔަ ގޮތް. އޭރު ރަށްރަށުގައި ނުހުންނާނެ ކަރަންޓެއް. މަންމަ އުޅުނީ ދިވެހިންނާއެކީ، އެއްވެސް ވަސީލަތެއް ބޭހެއް ނުހުރޭ! އަހަރުމެންގެ އާއިލާއަށް ފެނުނު ފެނުނު ދިވެހިންގެ ވައްޓަފާޅި ބަދަލުވެގެންދިޔަ ގޮތް، އެއާ އެކީ ދިވެހިންގެ ސަގާފަތުން ބޮޑު ބައެއް ގެއްލިގެންދިޔަ ތަން. އަހަރެމެން ބޭނުންވީ އެކަން ބަދަލުކުރަން،" އާއިލާ އިން ރާއްޖެއަށްޓަކައި ފޮތެއް ލިޔުމަށް ބޭނުންވި ސަބަބު އޭނާ ކިޔައިދިނެވެ.

"ދެން އަހަރެމެން އައީ ފުޑް ސްޓައިލިސްޓަކާއި ފޮޓޯގްރާފަރަކާއެކީ. އެ ފަހަރު ތިބީ ކެޔޮދޫގައި ތިބީ، ސަރުކާރާއި ގުޅިގެން އެ މަސައްކަތް ކުރިއަށް ގެންދިޔައީ އިޓަލީގައި އޮތް އެކްސްޕޯއެއްގައި ފޮތް ބައިވެރިކުރުމަށް،" އޭނާ ބުންޏެވެ.

ފޮތް ގައިމުވެސް ވަރަށް ކާމިޔާބެވެ. ދިވެހިންގެ ސުފުރާތައް މަތިން އާންމުކޮށް ފެންނަ މަސްހުންޏާއި ރިހާކުރުން ހަދާފައިވާ ރެސިޕީތައް ވެގެންދިޔައީ ކިޔުންތެރިންނާއި އިޓަލީ ރައްޔިތުންގެ މެދުގައި މަގުބޫލު ރެސިޕީތަކަކަށެވެ. އިޓަލީގެ ކެއުމާއި ދިވެހި ކެއުން ވަރަށް ތަފާތު ނަމަވެސް މި ރެސިޕީތައް ކަމުގޮސް އިޓަލީގެ ތެރެއިން މިހާރު ވަނީ އެހެން ދިމަ ދިމާއަށް ދަތުރުކޮށް ރަނގަޅަށް ރަހަ ލައްވާލާފަ އެވެ.

"އިޓަލީގެ އުތުރާއި ދެކުނުގެ ކާތަކެތި ވަރަށް ތަފާތު. އެއީ އެތަށް މިލިއަން ރަހަތަކެއްގެ ސަގަފާތް، މި ފޮތް ލިޔުނީ އަސްލު ޓޫރިސްޓުންނަށް. ދެން ބެލީ ދިވެހި ހަވާދާއި ބަތާއި މަހާއި އިޓަލީގެ ޕާސްޓާއިން އިތުރަށް ކުރެވިދާނެ ކަންކަން. ފޮތުން ފެންނަ ރެސިޕީތަކުގައި ހުންނާނެ ރިހާކުރު ވިތް ސްޕެގެޓީ ފަދަ ރެސިޕީތައް ވެސް. އިޓަލީ މީހުންނަށް ވަރަށް ކަމުދިޔަ އޭތި،" ޖިއާން މާކޯ ބުންޏެވެ.

"އިޓަލީ މީހުންނަށް މި ވަރަށް ކަމުދިޔަ! މީގެ ތިން މަސްކުރިން އިޓަލީގައި ބޭއްވި އެކްސްޕޯއެއްގައި އަހަރެމެން ދަސްކޮށްދިނިން މި ފޮތުގައި ހުރި ރެސިޕީތައް ހަދަން. އެންޒީގެ ސްޕޮންސަރަކާއެކީ މި އެކްސްޕޯގައި އަހަރުމެން ބައިވިރިވީ. އެންޒީއަށް ވަރަށް ހާއްސަ ޝުކުރެއް އަހަރުމެން އަދާކުރަން ބޭނުންވޭ. އެންޒީ މީހުން ފޯރުކޮށްދިނީ ރިހާކުރާއި މަހާއި އިތުުރު އެއްޗެހި. އަހަރުމެން އެކްސްޕޯއަށް ތައްޔާރުކުރި ގުޅަ އާއި އެހެން ހެދިކާ ކާން ވެސް އެއް ފަހަރާ 300 ވަރަކަށް މީހުން އެއްވެފައިތިބި،"

ރާއްޖެއާއި މެދު މިއާއިލާއިން އުފެދިފައި ވަނީ ވަރުގަދަ ލޯތްެބެކެވެ. ސްޓިއާޓީ އާއިލާއިން ރާއްޖެއަށް އައި ދަތުރުތަކުން ހަމައެކަނި ނިންމާލީކީ އެއް ނޫނެވެ. ކެޔޮދޫގައި ތިމާވެށި ރައްކާތެރިކުރުމާއި ކެޔޮދޫ ސްކޫލް ތަަރައްގީކުރުމަށް ވެސް އެއާއިލާ އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެެވެ.

މިއާއިލާ އާއި ރާއްޖެއާއި އޮތް ގުޅުން އަދި އިތުރަށް ކުރިއަށްދާނޭކަމުގެ އިތުރު ހަބަރެއްވެސް ޖިއާން މާކޯ ވަނީ ދީފައެވެ. އަންނަ އޮކްޓޯބަރު މަހު ރާއްޖެ އާއި ބެހޭގޮތުން ޑޮކިއުމެންޓްރީއެއް ހަދަން ނެޝަނަލް ޖޯގްރަފިކް ޗެނަލްއާއެކު އަންނާނެ ކަމުގެ ހަބަރު އޭނާ ދިނީ ރާއްޖެ ދެކެ ލޯބިންނެވެ.