ހަބަރު

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ފަށަން ހާއްސަ ޔުނިޓެއް އުފައްދަނީ

Aug 24, 2016
1

ރާއްޖޭގެ ތާރީހުގައި ބިނާކުރާ އެންމެ ބިޔަ މިސްކިތް ކަމަށްވާ "ކިންގް ސަލްމާން މިސްކިތު"ގެ މަސައްކަތް ފަށަން، ހައުސިން މިނިސްޓްރީގައި އެ މަޝްރޫއަށް ހާއްސަ، ޕްރޮޖެކްޓް މެނޭޖުމަންޓް ޔުނިޓެއް އުފައްދަން، ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ކިންގް ސަލްމާން މިސްކިތް" ގެ މަޝްރޫއުގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓެއް (ޕީއެމްޔޫ) ގާއިމުކުރާތީ، އެ ޔުނިޓްގައި މަސައްކަތް ކުރުމަށް ސިވިލް އިންޖިނިއަރަކު ބޭނުންވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ސިވިލް އިންޖިނއަރުގެ މަގާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 3,000 އެމެރިކާ ޑޮލަރާ (ގާތްގަނޑަކަށް 46،260ރ) އެއްވަރުގެ އުޖޫރައެއް ދިވެހި ރުފިޔާ އިން ދެވޭނެ ކަމަށާއ، މަގާމުގެ މުއްދަތަކީ ދެ އަހަރު ކަމަށެވެ. ވީމާ، ސިވިލް އިންޖިނިއަރެއްގެ މަގާމުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، އަދި ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީ އަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހަޅަން ވާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ސައުދީ އަރަބިއްޔާގެ ހިލޭ އެހީގެ ދަށުން ހެންވޭރު ކޮޅުގައި އަޅަން ހަމަޖެހިފައިވާ "ކިންގް ސަލްމާން" މިސްކިތް އެޅުމަށް ކާނިވާ ސަރަހައްދުގެ ބޮޑު ބައެއް ހުސްކުރަން ހައުސިން މިނިސްޓްރީ އިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

"ކިންގް ސަލްމާން މިސްކިތް" ގެ ނަމުން ނަންދީފައިވާ، އަގު ބޮޑު ބިނާ އަޅަން ނިންމާފައިވަނީ ބްރިޖާއި ދިމާލުން މާލޭގެ މަލަމަތި ފެންނައިރު ހިތްގައިމުކަމާއެކު ފެންނާނެ ފަދަ ގޮތަކަށެވެ. ގާތްގަނޑަކަށް 6000 މީހުންނަށް އެއްފަހަރާ ނަމާދުކުރުމަށް 41500 އަކަފޫޓުގެ ޖާގައަކާ އެކު ބިނާކުރާ އެ މިސްކިތުގައި ހަ ފަންގިފިލާ ހިމެނެ އެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ހުންނަ އިރު، މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް ހާއްސަކޮށްފައި ވެ އެވެ.