ކުޅިވަރު

ބޭޑްލެބް މިސްޓަ މޯލްޑިވްސް: މިހާތަނަށް 19 ބައިވެރިން

  • އޮންލައިން ޕާޓްނަަރަކީ އަވަސް
  • ބައިވެރިން 29 ގެ ނިޔަލަށް
  • ތިން ކެޓަގަރީއެއް ހިމެނޭ

ބޭޑްލެބް- މިސްޓަ މޯލްޑިވްސްގައި މިހާތަނަށް 19 މީހަކު ބައިވެރިވެފައިވާ ކަމަށާއި މުބާރާތް އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ ކަމަށް، ޗޮޕާޓުން ބުނެފި އެވެ.

މި އަހަރުގެ މިސްޓަ މޯލްޑިވްސް އިންތިޒާމުކުރާ ޗޮޕާޓުގެ ޑައިރެކްޓާ މިހުސޯ އަބްދުއްސައްތާރު (މިހުސޯ) "އަވަސް" އަށް ވިދާޅުވީ މުޅިން ތަފާތު ގޮތަކަށް ބާއްވާ މި އަހަރުގެ މިސްޓަ މޯލްޑިވްސްގައި މިހާތަނަށް 19 މީހަކު ބައިވެރިވެފައިވާއިރު، ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް އަދި ވެސް އޮންނާނެ ކަމަށެވެ.

"ކުރީގެ އަހަރުތަކުގައި މުބާރާތް ތަކުގައި މުބާރާތް ނުބޭއްވުމުން އެތްލީޓުން ތިބީ މޯޓިވޭޝަން ގެއްލޭ ގޮތްވެފަ. ނަމަވެސް މިހާރު އެކަން މަޑުމަޑުން ރަނގަޅުވޭ. އެހެންވެ އުންމީދު ކުރަނީ އަދި އިތުރަށް ބައިވެރިވާނެ ކަމަށް. އެހެންވެ މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ފުރުސަތު ދެނީ،" މިހުސޯ ވިދާޅުވި އެވެ.

"މުބާރާތުގެ ދެ ކެޓަގަރީއަށް ވެސް މީހުން ދަނީ ކުރިމަތިލަމުން. ފިސީކް ކެޓަގަރީ އާއި ބޮޑީ ބިލްޑިން ބަޔަކަށް ވެސް ކުރިމަތިލާ. އެކަމު އެންމެ ގިނައިން ބައިވެރިވަނީ ބޮޑީ ބިލްޑިން ބައިގައި،" މިހުސޯ ވިދާޅުވި އެވެ.

ބޭޑްލެބް މިސްޓަ މޯލްޑިވްސް ބާއްވާ "ޗޮޕާޓުން" ދަނީ މުބާރާތް ފޯރިގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މުބާރާތުގެ ބައިވެރިންނާއި ޖަޖުން އަދި ބޮޑީ ބިލްޑިން ފެޑަރޭޝަނުން ވަނީ ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމުގައި ބައިވެރިން ސާފުކުރަން ބޭނުންވާ މައުލޫމާތުތައް ސާފު ކުރުމުގެ ފުރުސަތު ދީފައިވެ އެވެ.

މީގެ އިތުރުން މުބާރާތުގެ އޮފިޝަލް މީޑިޔާ ޕާޓްނަރުގެ ގޮތުގައި ކުރިން ހަމަޖައްސާފައިވާ "ދިޓީވީ" ހުއްޓާލުމާ ގުޅިގެން މުބާރާތަށް އޮފިޝަލް މީޑިޔާ ޕާޓްނަރަކަށް ވަނީ "ވީޓީވީ" ހަމަޖައްސައި، އެސޯސިއޭޓް ޕާޓްނަރަކަށް "އައިސް ޓީވީ" ހަމަޖައްސާފަ އެވެ.

ޗޮޕާޓުގެ މިހުސޯ ވިދާޅުވީ "ނޭޝަނަލް އާޓްގެލަރީ" ގައި އޮންނަ މުބާރާތް އެހެން އަހަރުތަކާ ތަފާތުވާނެ ކަމަށެވެ.

"ފުރަތަމަ ބައިވެރިން ރަންވޭ މަތީގައި ހިނގާލާ ހިސާބުން އިންޓްރޮޑިއުސްވާނީ،" މިހުސޯ ވިދާޅުވި އެވެ.

މި އަހަރުގެ މިސްޓަ މޯލްޑިވްސްގައި ވެސް ދެ ބައެއް އޮންނާނެ އެވެ. އެގޮތުން "ބޮޑީ ބިލްޑިން" ކެޓަގަރީގެ "ރަންވަނަ" ލިބޭނީ މުބާރާތުން އެއްވަނައަށްދާ ބައިވެރިއަކަށެވެ. އެއްވަނައަށް 30،000ރ. ގެ ފައިސާގެ އިނާމެއް ދޭނެ އެވެ. އަދި މި ކެޓަގަރީން ދެވަނަ އަދި ތިން ވަނައަށްދާ މީހަކަށް 25،000ރ. ލިބޭނެ އެވެ.

"ފިސީކް" ބައިގައި އެއްވަނައަށްދާ މީހަކަށް 15،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. އަދި މި ކެޓަގަރީގެ ދެވަނައަށް 10،000ރ. ގެ އިނާމެއް ދޭއިރު، ތިންވަނަ އިނާމަކަށް ހުށަހަޅާފައިވަނީ 8،000ރ. ގެ ފައިސާގެ އިނާމެކެވެ.

މިސްޓަ މޯލްޑިވްސްގެ ސްޕޮންސަރުން

  • ޓައިޓްލްސް ސްޕޮންސާ: އޭޑީކޭ
  • އެސޯސިއޭޓް ޕާޓްނަރު: ސޮނީ ސްޕޯސް
  • ބެވަރޭޖް ޕާޓްނަރު: އެސްޓީއޯ ސުޕަމާޓް
  • އޮންލައިން ޕާޓްނަރު: އަވަސް
  • މީޑިޔާ ޕާޓްނަރު: ވީޓީވީ
  • އެސޯސިއޭޓް މީޑިޔާ ޕާޓްނަރު: އައިސްޓީވީ
  • ސައުންޑް އެންޑް ލައިޓް ޕާޓްނަރު: ސްޓޭޖްކޯ

ކަސްރަތު ކުރާ މީހުންގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ "ބޭޑްލެބް މިސްޓަ މޯލްޑިވްސް" ގެ އޮންލައިން ޕާޓްނަރަކީ "އަވަސް އޮންލައިން" އެވެ.