ރޭ ވަނީ މި އަހަރުގެ މިސްޓަ މޯލްޑިވްސް މުބާރާތް ވަރަށް ކުލަގަދަ ހަފުލާއެއްގައި ބާއްވާފަ އެވެ. އެ ކުލަގަދަ ހަފުލާގެ ކުލަތަކުގެ ބެބުޅުމާއެކު ހަށިގަނޑު ރީތި ގިނަ ފިރިހެނުންތަކެއްގެ ހަރަކާތްތައް ފެނިގެންދިޔަ އެވެ. އެ ހަރަކާތްތަކުގެ ތެރެއިން ވެސް އެންމެގެ ނަޒަރު ހުއްޓި، އެންމެންގެ ސަމާލުކަން ދަމައިގަތީ، އުމުރުން 18 އަހަރުގެ އަހްމަދު ރިފްއާން ރަޝީދެވެ.
ރިފްއާންއަކީ 2015 ވަނަ އަހަރު ދަރުމަވަންތަ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ދަރިވަރެވެ. ހަށިގަނޑަށް ބަދަލުތަކެއް ގެނެސް ރީތި ހަށިގަނޑެއްގެ ވެރިޔަކަށްވުމަށް ރިފްއާންގެ ޑެޑިކޭޝަން ވަރަށް ބޮޑެވެ. ކިޔވުމަށް ދިން ސަމާލުކަން އެކަމަށް ވެސް އޭނާ ދިނެވެ.
އެންމެ މޮޅު ދަރިވަރުގެ މަގާމު ރިފްއާން ހޯދި ގޮތަށް އޭނާގެ ހަށިގަނޑު ވެސް އެވަނީ އެންމެ ނަލަކޮށްލާފަ އެވެ. އެ އުމުރުގައި އެފަދަ ދެވަނަ ހަށިގަނޑު ހުރި ދިވެއްސަކު ހުރެދާނެ ކަމަށް ނުބެލެވެ އެވެ. ރޭ ރިފްއާން ވާދަކޮށްފައިވަނީ، 165 ސެމްޓިމީޓަރަށް ވުރެ މަތީގެ ކެޓަގަރީގަ އެވެ. ހަ މީހުން ވާދަ ކުރި، އެ ކެޓަގަރީން ރިފްއާންއަށް ވަނީ ދެ ވަނަ ރަނަރަފްކަން ހޯދާފަ އެވެ.
ރިފްއާންއަކީ ދަ ހެމާ ޖިމްގެ އެމްބެސެޑާމެ އެވެ. އެހާ ޅައުމުރުގައި އެ ޖިމްގެ އެމްބެސެޑާކަން އޭނާ ލިބިފައިވަނީ ވެސް އެކަމަށް އޭނާގެ ހުންނަ ޝައުގެއްގެ ބޮޑުކަމުންނެވެ.
"މިއީ ރިފްއާންގެ ޑެޑިކޭޝަން، ވަރަށް ޑިސްޕލިން ބާރަބަރަށް ޖިމަށް އަންނާނެ، އޭނާ ވަނީ މިކަމަށް ހުރި ޝާއުގުވެރިކަން ސަބިތުކޮށްދީފަ،" ހެމާގެ ޖެނަރަލް މެނޭޖާ އިބްރާހިމް ވަހީދު މީގެކުރިން ރިފްއާން ބެހޭ ގޮތުން އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
އޭނާ ޖިމަށް އަންނަނީ ކޮންމެ ދުވަހަކު، ވިލިމާލޭ އިންނެވެ. ވިލިމާލެ ފެރީ ޓާމިނަލުން ފައިބައިގެން އޭނާ ޖިމަށް އަންނަނީ ހިނގާފައެވެ. އެނބުރި ޖިމް ނިންމާފައި ހިނގާފައި ގޮސް ވިލިމާލޭ ފެރީ ޓާމިނަލަށެވެ. މިވަރުން ވެސް އޭނާ މިކަމަށް އޮތް ޝައުގުވެރިކަން ހާމެވެ އެވެ.
ކޮންމެއަކަސް ވަރަށް ޅަ އުމުރުގައި ރިފްއާން މިވަނީ ކާމިޔާބީއެއް ހޯދާފަ އެވެ. އަދި ކަމަކަށް ކެރިގެން ކުރިމަތިލައި އެކަމަށް ސާބިތުވެ ހުރެއްޖެނަމަ އެއްވެސް ކަމަކީ އުނދަގޫ ކަމެއް ނޫންކަން ސާބިތުކޮށްދީފަ އެވެ. މިއީ މި ދާއިރާގައި އަލަށް އަރާފައިވާ އަލިގަދަ ތަރިއެކެވެ. މި ތަރީގެ އަލި މުޅި މި ދާއިރާއަށް ފެތުރިގެން ގޮސް އެންމެ ބޮޑެތި ކާމިޔާބީތައް ވެސް ހޯދާނެ ކަމާމެދު ޝައްކެއް ނެތެވެ.