ރިޕޯޓް

ކްރެޑިޓް ގެރެންޓީ ސްކީމް: ކުދި ވިޔަފާރިއަށް ފައިދާއަކީ ކޮބާ؟

Aug 25, 2016
4
  • ސްކީމުގެ ލޯނަށް ކުޑަ އިންޓްރެސްޓެއް
  • އެއް މިލިއަނާ ހަމައަށް ލޯނު ލިބޭ
  • ކުދި ވިޔަފާރިއަށް އެހީއެއް

ކުޑަ ވިޔަފާރިއެއް ފަށަން ރާއްޖޭގައި މާގިނަ ގޮތް ތަކެއް ނުހުރެ އެވެ. ހަމަ އެކަނި އޮތް މަގަކީ ރައްކާކޮށްފައި ހުރި، ފައިސާކޮޅާއެކު ފަށާއިރު، ލޯނެއް ނަގައި ވިޔަފާރި ފެށުމެވެ. ލޯނެއް ނަގަން ބަލާއިރު "ރަހުނު" ބަހައްޓަން ޖެހުމަކީ ހުރަހެކެވެ. މިފަދަ ވަގުތުތަކުގައި ރަހުނަކަށް ކަމުދާ ހަރު މުދަލެއް ނެތްނަމަ އެކަން ވާނެ ގޮތެއް ނޯވެ އެވެ. ނަމަވެސް މި ކަމަށް ހައްލު މި ގެނެސްދެނީ އެމްއެމްއޭ އިން ދާދި ފަހުން ތައާރަފުކޮށްފައިވާ "ކްރެޑިޑް ގެރެންޓީ ސްކީމް" އެވެ. މީގެން އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮތް ފައިދާއަކީ ކޮބައި ހެއްޔެވެ؟

"ބޭރު ގައުމުތަކުގައި ވެސް ކުދި ވިޔަފާރިވެރިން ނަށް މިކަހަލަ ސްކީމް ހުރޭ. މިފަދަ ސްކީމްތައް ހުންނަނީ ކުދި ވިޔަފާރިވެރިން ކުރިއެރުން ދޭން ވެގެން. މެދު ފަންތީގެ ވިޔަފާރިތަކަކީ ގައުމުގައި މުހިންމު ރޯލެއް ކުޅޭ ބައެއް އެމީހުންނަށް ވީހާ ވެސް އެކްސެސް ފައިނޭންސް ކޮށްދިނުން،" ކްރެޑިޓު ގެރެންޓީ ސްކީމުގެ ހެޑް އިބްރާހިމް ނާސިރު ވިދާޅުވި އެވެ.

ލޯނު ނަގަން ރަހުނެއް ބޭނުމެއް ނުވޭ

އިކޮނޮމިކް މިނިސްޓްރީގެ އިސް ނެގުމަކަށް ފަރުމާކުރި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ތައާރަފުކުރި ކްރެޓިޓް ގެރެންޓީ ސްކީމުން ލޯނު ދޫކުރަނީ ކުޑަ އިންޓްރެސްޓެއްގަ އެވެ. މި ސްކީމްގެ ބޭނުމަކީ ލޯނު ނަގަން އަންނަ މީހާ އަށް ރަހުނު ބަހައްޓަން ޖެހޭ ވަގުތުގައި މި ފަންޑުން ކުޑަ އިންޓްރެސްޓެއްގައި އެކަން ކޮށްދިނުމެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން ގެރެންޓީ ދީގެން ހިންގާ 50 މިލިއަން ރުފިޔާގެ ސްކީމްގެ ދަށުން 100،000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުގެ ލޯނު ލިބޭނެ އެވެ.

މި ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ތަރައްގީ ކުރުމުގެ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި މި ސްކީމުގެ ދަށުން މޯލްޑިވްސް އިސްލާމިކް ބޭންކުން ފައިނޭންސްކޮށް ދޭނީ އެ ބޭންކުގެ "މުރާބަހާ ޖެނެރަލް އެސެޓް އާއި ވެސެލް ފައިނޭންސިން" އަށެވެ. އެގޮތުން އެ ބޭންކުން ފައިނޭންސް ކޮށްދޭނީ ނުވަ ޕަސެންޓް ފައިދާއެއް ލައިފަ އެވެ.

މި ސްކީމްގައި މި ވަގުތު ބައިވެރިވެފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިންނެވެ. މި ސްކީމުން ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓަކީ ނުވަ ޕަސެންޓެވެ. ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރު ލިބެ އެވެ. އަދި ގްރޭސް ޕީރިއަޑްގެ ގޮތުގައި ހަ މަސް ދުވަސް ލިބޭނެ އެވެ.

ގެސްޓް ހައުސް ވެސް ހެދިދާނެ

މި ސްކީމް ފަރުމާކޮށްފައިވަނީ އިގްތިސާދުގެ ދުވެލި ބާރުވާނެ ދާއިރާތަކުން އިންވެސްޓްކުރެވޭނެ ގޮތަކަށެވެ. ކްރެޑިޓް ގެރެންޓީ ސްކީމް ދިނުމުގައި އިސްކަމެއް ދޭނީ ޓޫރިޒަމާއި މަސްވެރިކަން އަދި ދަންޑުވެރިކަމުގެ އިތުރުން އިމާރާތް ކުރުމާއި ދަތުރުފަތުރުގެ ހިދުމަތްދޭ ވިޔަފާރިތަކަށް ހާއްސަ ކޮށްގެންނެވެ.

މި ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ތަރައްގީ ކުރުމުގެ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި މި ސްކީމުގެ ދަށުން މޯލްޑިވްސް އިސްލާމިކް ބޭންކުން ފައިނޭންސްކޮށް ދޭނީ އެ ބޭންކުގެ "މުރާބަހާ ޖެނެރަލް އެސެޓް އާއި ވެސެލް ފައިނޭންސިން" އަށެވެ. އެގޮތުން އެ ބޭންކުން ފައިނޭންސް ކޮށްދޭނީ ނުވަ ވަ ޕަސެންޓް ފައިދާއެއް ލައިފަ އެވެ.

އިގްތިސާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. ހަމަގައިމުވެސް މި ސްކީމް ވެގެންދާނީ މިފަދަ ވިޔަފާރިތަކަށް ލިބޭނެ ބޮޑު ކުރިއެރުމަށެވެ.