ލައިފްސްޓައިލް

އެއް ކަމެއް ނުކުރިއަސް ހަފްތާ ބަންދުގައި ނިދި ހަމަކުރާތި!

ހަފްތާ ފެށުނީއްސުރެ އުންމީދުކުރަމުން އައި ދުވަސް ޖެހުނީ އެވެ. މެދުކެނޑުމެއް ނެތި ފަސް ދުވަސް ނުވަތަ ހަ ދުވަހު މަސައްކަތް ކުރެވިއްޖެ އެވެ. ކުރިއަށް މިއޮތީ ހަފްތާ ބަންދެވެ. ރައްޓެހިންތައް މިހާރު ޕްލޭންތައް ހަދާ ނިންމާލައިފި އެވެ. ކޮންމެ ހަފްތާ ބަންދަކަށްވެސް ހާއްސަ ކަންތައްތަކެއް ޕްލޭން ކުރެ އެވެ. ހަފްތާގެ އެހެން ދުވަސްތަކުގައި ވަޒީފާގައި ބުރަކޮށް އުޅުމުން ރައްޓެހިންނަކަށް ވަގުތެއް ނުދެވެ އެވެ. އެމީހުން އޭގެ ބޭނުން ހިފާލަނީ އެވެ.

އެމީހުންގެ ޕްލޭން ވަރަށް ފުރިހަމަ އެވެ. ހެނދުނު ހަޔަކުން ރޭގަނޑު ދެއެއް ނުވަތަ ތިނެއް ޖަހަންދެން ކުރާނެ ކަންތައްތަކެވެ. ހައްތަހާވެސް މުނިފޫހިފިލުވައިދޭ ކަހަލަ ކުޅިވަރުތަކެވެ. މަސް ބާނަން ދިއުމާއި މޫދަށް އެރުމެވެ. ބާބަކިއު އެވެ. ބުރު ޖަހަން ދިއުމާއި ފިލްމު ބެލުމެވެ. އެކަމަކު އެންމެ މުހިންމު ކަންތައް ހިމަނާފައެއް ނެތެވެ.

ނިންޖަކަށް ވަގުތެއް ނެތެވެ. ހަފްތާގެ އެހެން ދުވަސްތަކުގައިވެސް މަސައްކަތް ބުރަކަމުން ރަނގަޅަށް ނިދާ ނުލެވެ އެވެ. އޮފީހުން އައިސް ގޭތެރޭގައި ބޮއްސުން ލާފައި ހުރި ކަންތައް ކޮށްފައި ނިދާލަން ލިބެނީ ހަތަރު ވަރަކަށް ގަޑިއިރެވެ. ސިކުނޑިއަށް ލިބިފައި ހުރި ވަރުބަލިކަން ފިލުވައެއް ނުލެވެ އެވެ. އުންމީދު ތިކުރަނީ ހަފްތާ ބަންދުގެ ޕްލޭންގައި ހުރި ހުރިހާ ކަމެއް ނިންމާާއިރު މައިންށް ރިފްރެޝްވާނެ ކަމަށް ހެއްޔެވެ؟ ނޫނެކެވެ. މުޅިއަކުން އެހެން ނެއް ނުވާނެ އެވެ. މާ އަވަހަށް ސްޓްރެސް ތިވަނީވެސް ނިދި ހަމަ ނުވާތީ އެވެ. ކޫސަނި ބަލިތައް ޖެހެނީވެސް އެހެންވެ އެވެ. ހަފްތާ ބަންދުގައި ނިދާށެވެ. މުޅި ހަފްތާގެ ނިދި ހަމަކުރާށެވެ. މިބުނީ ދެން ދުވާލު ހަތަރު ނިދަން އޮންނާށެކޭ ނޫނެވެ. ނިދަން ވަގުތު ލިބޭ ގޮތަށް ޕްލޭންތައް ރާވާށެވެ.

މޫޑު ބަދަލުވެ އުފާވެރިކަން އިހުސާސްވާނެ

މުޅި ދުވަހު ތިހުންނަނީ މޫޑު ގޯސްވެފަ އެވެ. ބޭރަށް ފާޅުނުކުރިއަސް އެތެރެއިން ތިހުންނަީ ފަޅައގެންދާ ވަރަށް ހިތްހަމަ ނުޖެހިފަ އެވެ. އެއްވެސް ކަމެއްގެ ރަނގަޅު ފަރާތެއް ނުފެނެ އެވެ. ކުދިކުދި ކަންތައްތަކާއިވެސް އޯވަރިއެކްޓް ކުރެވެނީ އެވެ. ހައްތަހާވެސް ނިދި ހަމަނުވެ ސްޓްރެސްވާތީ ވާހާ ގޮތެވެ. އެހެންވީމަ ހަފްތާ ބަންދުގައި ރަނގަޅަށް ނިދާށެވެ. މޫޑު ވަރަށް ބޮޑަށް ރަނގަޅުވެ މީހާއަށް އުފާވެރިކަން އިހުސާސްވާނެ އެވެ.

އަވަހަށް ތިހަނދާންނެތޭ ނެތުމަކަށްވެސް ނިމުމެއްވެސް އަތުވެދާނެ އެވެ. ދިރާސާތަކުން ދައްކަނީ ބަރާބަރަށް ނިދާނަމަ ހަނދާންގަދަވާނެ ކަމަށެވެ. އަދި މީގެއިތުރުން 45 މިނެޓާއި 60 މިނެޓާ ދެމެދުގެ ވަގުތަކަށް ކޮންމެ ދުވަހެއްގަވެސް ދުވާލު ނިދާލާނަމަ ހަނދާންގަދަވާނެ ކަމަށެވެ. ކަންކަމަށް ސަމާލުކަންދެވޭ މިންވަރުވެސް އިތުރުވާނެ އެވެ.

ސިއްހަތަށް އިތުރު ފައިދާތަކެއް

ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ނިދި ހަމަ ނުވުމަކީ ހިތުގެ ބަލިތަކަށްވެސް ހުޅުވާލެވޭ ދޮރެކެވެ. ލޭގެ ޕްރެޝަރު މަތިވުމާއި، ހަކުރު ބަލި އަދި ސްޓްރޯކް ޖެހުމަށް މަގުފަހިކޮށްދެ އެވެ. ނިދިހަމަ ކުރަން ޖެހޭ އެއް ސަބަބަކީ އެއީ އެވެ. ނިދި ހަމަ ނުވުމަކީ މީހާގެ މޫނުމަތިން ވަރުބަލިކަން ފެންނަން ހުންނަ އިރު މިއީ ލޮލަށްވެސް ގެއްލުން ލިބޭ ކަމެކެވެ. ލޯކައިރި ކަޅުވެ ލޯ ވަޅުވަންނަ ސަބަބެކެވެ. މީހާވެސް އުމުރަށްވުރެ ދުވަސްވީކަމަށް ދައްކައިދެ އެވެ.

މިއީ ސިއްހަތަށް އެއްވެސް ފައިދާއެއް ނުކުރާ ލުއިކާނާ ކެއުމަށްވެސް މަގުފަހުކުރުވާ ކަމެކެވެ. އަވަހަށް ނުނިދާ ދަންވަންދެއް ހޭލާ އުޅޭނަމަ ޖަންކްފުޑްސް ކެވޭ މިންވަރު އިތުރުކަމަށް ދިރާސާތަކުން ދައްކަ އެވެ. މިކަމުގެ ސަބަބުން ބަރުދަން އިތުރުވެ ސިއްހަތަށް އިތުރު ގެއްލުންތަކެއް ލިބެ އެވެ.