މިއުޒިކް

ޑީޓިއުންގެ އާ ލަވަ އަށް އިންތިޒާރުކުރަން ޖެހޭ ފަސް ސަބަބު!

ޒުވާން ފަސް ހުނަރުވެރިންގެ މައްޗަށް އެކުލެވިގެން އަންނަ ޑީ ޓިއުން ބޭންޑުން ދިވެހި މިއުޒިކަށް ގެނައީ އިންގިލާބެކޭ ނުބުނެ ދޫކޮށްލާ ވަރަށް ވުރެ އެމީހުންގެ އަޑާއި ނުފޫޒު މިއަދުގެ މިއުޒިކް ސީންގައި ގަދަ އެވެ. ދިވެހި މިއުޒިކާއި ލަވައިގެ ދުނިޔެ އަށް ވެރިވެފައި އޮތް ފޫހިކަމާއި ވައިކަން ފިލުވާލައި، ނަށައި، ފޫކޮޅުތަޅުވަން އަލުން ދަސްކޮށްދިން ހުނަރުވެރިންނަކީ މި ބޭންޑްގެ ފެޒޫއަކާއި ފުޖީ އަކާއި އައްމަޑޭއަކާއި އައްޔަކާއި ފާތިހެކޭ ބުނުމަކުން އެހެން މިއުޒީޝަނުންގެ އަބުރަށް އަރައިގަތުމަކަށް އެކަން ވާނޭ ހަމަ އެއްގޮތެއް ވެސް އޮތް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

މި ހާސަރެއް ނުދަމައި، ޑީޓިއުންގެ އެންމެ ފަހުގެ ޚަބަރަކީ ކޮބައިތޯ ބަލާ ނަމަ އެ ވާހަކައެއްގައި އޮތީ އުފާވެރިކަމެކެވެ. ބޭންޑްގެ އާ މިއުޒިކް ވީޑިއޯ އަންނަ އާދީއްތަ ދުވަހު ރިލީޒްކުރަނީ އެވެ. އަދި އެއަށް ވުރެން އުފާވެރި ޚަބަރަކީ، މިއީ އަދި އާދައިގެ މިއުޒިކް ވީޑިއޯއެއް ނޫން ކަމެވެ.

ވީޑިއޯގްރެފީގެ ހިތްގައިމުކަމަށް މަޝްހޫރު ޗޮޕާޓާ ގުޅިގެން ޑީޓިއުން ގެނެސްދޭ މި ލަވައެއް ހާއްސަވާ ސަބަބުތައް ވަރަށް ވެސް ގިނަ އެވެ. އެކަމަކު އަހަރެމެން ބަލައިލާނީ އޭގެ ތެރެއިން އެންމެ ހާއްސަ ފަސް ސަބަބަށެވެ.

އެންމެ ފުރަތަމަ ސަބަބަކީ ވެސް ޑީޓިއުން އެވެ!

ކުރިން ވެސް ބުނިހެން ފަސް މެމްބަރުންގެ މި ކުޑަކުޑަ ބޭންޑުން ވަނީ ދިވެހި މިއުޒިކްގެ ސްޓޭޖު ފަތަހަކޮށްފަ އެވެ. އެންމެ ކަމުދާ ބޭންޑަކީ ނުވަތަ މި ދުވަސްވަރު އެންމެ މަޝްހޫރު ލޯކަލް ބޭންޑަކީ ކޮބައިތޯ ސުވާލުކޮށްފި ނަމަ ފަހުގެ ޖީލުން ދޭނެ ޖަވާބަކީ މިއީ އެވެ. -- ޑީޓިއުން އެވެ.

ވަރަށް ވެސް ފަސޭހަ ޖަވާބެކެވެ.

އެހެންކަމުން އެންމެ މަޝްހޫރު ލޯކަލް ބޭންޑްގެ އާ ވީޑިއޯ ލަވައަކަށް އޭގެ ފޭނުން ކެތްމަދުނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.

ޑީޓިއުން އަށް ތައުރީފު ހައްގުވަނީ އަދި އެމީހުން އެހެން ބޭންޑްތަކާ ހާއްސަވަނީ އެމީހުންގެ ހިތާއި އަމަލު އޮތް ގޮތުންނެވެ. ފާއިތުވި 10 އަހަރު ތެރޭގައި އުފެދުނު ދިވެހި ބޭންޑްތަކުގެ މެދުގައި ދިރާސާއެއްކުރިޔަސް މިއަށް ވުރެން ޑެޑިކޭޓެޑް ނުވަތަ ޕެޝަންގައި މިއުޒިކް ކުޅޭ ތަރުތީބު ރަނގަޅު ބޭންޑެއް ނުފެންނާނެކަން ޔަގީނެވެ.

އެމީހުންގެ ކޮލިޓީ އާއި އަޑު އެހެން ބޭންޑްތަކަށް ވުރެ މައްޗަށް އަރައިގެން ދިޔަ ސަބަބު އެހެންކަމުން ވަރަށް ސާފެވެ. އާދީއްތަ ދުވަހު ނެރެން ތައްޔާރުކޮށްފައިވާ ވީޑިއޯ ލަވައަކީ ވެސް އޭގެ ނަމޫނާ ނަތީޖާއެކެވެ.

މިހާތަނަށް ގެނެސްދިން ވީޑިއޯ ލަވަތަކަށް ވުރެ އުސްމިނެއް!

މި ވީޑިއޯ ލަވައެއް އަދި ނުފެނުނަސް އޭގެ ވީޑިއޯ މަސައްކަތަކީ މީގެ ކުރިން ބޭންޑުން ގެނެސްދީފައިވާ އާދައިގެ ވީޑިއޯ ލަވަތަކަށްވުރެން އެތައް ގުނައެއް މަތިން ކިރާލެވޭނެ ލަވައެއްކަން އޭގެ ޓީޒާތަކުން ވެސް ބުނެލެވިދާނެ އެވެ. މީގެ އިތުރުން ދިވެހިން އާންމުކޮށް އުފައްދާ ވީޑިއޯ ލަވަތަކަށް ވުރެން ވެސް މި މަސައްކަތެއް ހާއްސަވެފައި ބޮޑެވެ.

އެހެންވީމަ މިއީ ޑީޓިއުންގެ ކުރީގެ ވީޑިއޯ ލަވަތަކަށް ފާޑުކީ ފަރާތްތަކުން ވެސް މި ލަވަ އަށް އިންތިޒާރުކުރަން ޖެހޭ ސަބަބެކެވެ. ފާއިތުވެގެން ދިޔަ ކުރު މުއްދަތުގެ ތެރޭގައި އެމީހުންގެ މަސައްކަތުގެ ފެންވަރު ކުރިއަށް ޖައްސާލާފައިވާ މިންވަރު ބެލުމަށް ލިބޭ ފުރުސަތެއް ވެސްމެ އެވެ.

މި ވީޑިއޯ ލަވައިގެ މުޅި ޕްރޮޑަކްޝަން މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ޗޮޕާޓްގެ ބެލުމުގެ ދަށުންނާއި އިރުޝާދުގަ އެވެ. އެމީހުން ބުނާ ގޮތުން ނަމަ މިއީ ގްރީން ސްކްރީނު އަޅައިގެން މިހާތަނަށް ރާއްޖޭގައި ޝޫޓްކޮށްފައިވާ އެންމެ "ވަރުގަދަ" އެއް ލަވަ އެވެ. ނުވަތަ ފަހަރެއްގައި އެވަރުގެ މަސައްކަތަކާއި އެފަޓެއް ލެވިފައިވާ ހަމައެކަނި ލަވަ ވެސްމެ އެވެ.

މިފަހަރު، ލަވަކިޔުމުގެ ހުނަރު އެކަންޏެއް ނޫން!

ފާއިތުވި 10 އަހަރު އަހަރެމެންނަށް ޑީޓިއުން ފެނިގެން ދިޔައީ މިއުޒިކް ކުޅެ ލަވަކީތަނެވެ. އެކަމަކު މިހުސޯ އަބްދުއްސައްތާރު އާއި އޭނާގެ ޗޮޕާޓު ޓީމުން މިވަނީ ޑީޓިއުންގެ 10 ވަނަ އަހަރީ ދުވަހާ ދިމާކޮށް ބޭންޑަށް ވެސް އިންގިލާބެއް ގެނެސްފަ އެވެ.

އާދީއްތަ ދުވަހު އާންމުކުރާ ވީޑިއޯ ލަވައިން ފެނިގެންދާނީ ހަމައެކަނި ބޭންޑްގެ މެމްބަރުންގެ މިއުޒިކާއި ލަވަކިޔުމުގެ ހުނަރުވެރިކަން އެކަންޏެއް ނޫނެވެ. އެމީހުން މި ލަވައެއްގައި އެކްޓަރުންގެ ގޮތުގައި ފެނިގެން ދިއުމަކީ ވެސް ލަވަ ހާއްސަވާ މުހިންމު ސަބަބެކެވެ.

ފެޒޫ އަދި ބޭންޑްގެ އެހެން މެމްބަރުން ވެސް ބުނެފައި ވަނީ މިވަރުގެ ބޮޑު ޗެލެންޖަކާ އަދި ކުރިމަތިނުލާ ކަމަށެވެ.

ޖަސްޓިންގެ މޭކަޕްގެ ހިތްގައިމު ކުލަތައް!

އަވަސް ވީކެންޑްގެ އަހުލުވެރިންނަށް، ޖަސްޓިންގެ ކުޅަދާނަ ކަމާއި ހުޝިޔާރުކަން އޮޅިފައެއް ނޯންނާނެ އެވެ. އޭނާ އަކީ މޭކަޕްގެ ދުނިޔޭގައި ސަމުރާއީ އެކެވެ. ހިނގާލާފައި އެ ވަރުބަލިކަމުގައި ކިތަންމެ ދުރަށް ދާން ޖެހުނަސް އޭނާގެ ފައިނަލް ޓަޗް ވަރަށް ސަޅިވާނެ އެވެ.

މި ލަވަ އަށް މޭކަޕް އާޓިސްޓަކު ހޯދިއިރު ޗޮޕާޓްގެ ފެވަރިޓަކަށް ވެސް ޖަސްޓިން ވެގެންދިޔަ ސަބަބަކީ މިއީކަމާ މެދަކު ޝައްކެއް ވެސް ނެތެވެ.

ޖަސްޓިންގެ މޭކަޕާއި ސްޓައިލިންގެ ކުލަ މި ލަވައިން ވެސް ނުވެއްޓޭނެކަން ޔަގީނެވެ.

އަ ޓްރިބިއުޓް ޓް ސިން ސިޓީ!

ފްރޭންކް މިލާ އާއި ރޮބަޓް ރޮޑްރިގޭޒް ޑައިރެކްޓްކޮށްފައިވާ "ސިިން ސިޓީ" އަކީ 40 މިލިއަން ޑޮލަރުގެ ފިލްމެކެވެ. އެ ފިލްމުގެ ފެންވަރު ޗޮޕާޓްގެ މި ވީޑިއޯއެއްގައި ހުރި ވާހަކައެއް ނޫނެވެ. އެކަމަކު މިއީ 40 މިލިއަން ޑޮލަރުގެ އިންސްޕިރޭޝަނެކޭ ބުނެވިދާނެ އެވެ.

އެހެންކަމުން، ތިޔައީ "ސިން ސިޓީ" ގެ ފޭނެއް ނަމަ މި ވީޑިއޯ ލަވައެއް ކޮންމެހެން ވެސް ބަލަން ޖެހޭނެ އެވެ. އޭގައި ޖެހިފައިވާ ކުލަ އާއި ރަހަ އާއި ހިތްގައިމުކަމަށް ހިތްވަރު ދިނީ "ސިން ސިޓީ" އެވެ.

މި ލަވަ ވެސް އެއްކޮށް ޝޫޓްކޮށްފައި ވަނީ ޑިޖިޓަލް ބެކްލޮޓެއްގަ އެވެ.