ރާއްޖެ ކުޅިވަރު

ގައުމީ ޓީމުގެ ފަރިތަކުރުންތައް މިއަދު ފަށަނީ، ގޯލްޑް ޓީމުން ފަށާނީ މިރޭ

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިއަށް އޮތް ތިން މެޗަށް ތައްޔާރުވާން މިއަދު ހަވީރު ޓީމުން ޕްރެކްޓިސް ފަށާއިރު، ސާފް ޗެމްޕިއަންޝިޕް 2008ގެ ކާމިޔާބުކުރި ގޯލްޑް ޓީމު މިރޭ ފަރިތަކުރަން ފަށަން ނިންމައިފި އެވެ.

އޮސްޓްރޭލިޔާގެ ކޯޗު ޑަރެން ސްޓެވާޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ފަރިތަކުރަން ފަށާއިރު ގައުމީ ޓީމު ސްކޮޑް އިއުލާނުކުރާނީ މިއަދު އެވެ.

ގައުމީ ޓީމަށް ކުރިއަށް އޮތް ތިން މެޗަކީ ހޯމަ ދުވަހު ގޯލްޑް ޓީމާދެކޮޅަށް ކުޅޭ ދައްކާލުމުގެ މެޗާއި، ބުދަ ދުވަހު ބަނގްލަދޭޝްގެ ގައުމީ ޓީމާއެކު ކުޅޭ އެކުވެރިކަމުގެ މެޗާއި ސެޕްޓެމްބަރު ހަ ވަނަ ދުވަހު ލާއޯސްއާ ދެކޮޅަށް ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗެވެ.

ސާފް ޗެމްޕިއަންޝިޕް ގައުމީ ޓީމު މިރޭ ފަރިތަކުރަން ފަށާއިރު އެ ޓީމުގެ ކޯޗަކަށް ހުންނާނީ ތަށި ހޯދައިދިން ކޯޗު ސްލޮވާކިޔާގެ ޖޯސެފް ޔަންކޭ އެވެ. ނަމަވެސް އޭނާ މާލެ އަންނަން ހަމަޖެހިފައިވަނީ މާދަމާ އެވެ.

ގައުމީ ޓީމާއި ގޯލްޑް ޓީމު ކުޅޭ މެޗުގައި އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ އަޔާލާ ވެސް ހާއްސަ މެހުމާނެއްގެ ގޮތުގައި ކުޅޭނެ އެވެ. އޭނާ މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ. އަދި މެޗުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ސްޕޭނާއި ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހަނާންޑޭޒް ވެސް ބައިވެރިވާނެ އެވެ. މި މެޗުގެ ޓިކެޓް 50ރ. އަށް މިހާރު ވަނީ ވިއްކަން ފަށާފަ އެވެ.