ރާއްޖެ ކުޅިވަރު

ސަސްޕެންޑްކޮށްފައި ހުއްޓަސް ނިއުގެ ކޯޗަކަށް ކަވަޒޮވިޗް

އެފްއޭއެމުން އެއް އަހަރަށް ސަސްޕެންޑްކޮށްފައިހުރި ނަމަވެސް ނިއުރޭޑިއަންޓްގެ ކޯޗަކަށް ސާބިއާގެ ނިކޮލާ ކަވަޒޮވިޗް ގެންނަން އެކުލަބުން ނިންމައިފި އެވެ.

ނިއުގެ އިސްއޮފިޝަލަކު ބުނީ މިދިޔަ އަހަރުގެ ދިވެހި ލީގު ނިއު އަށް ހޯދައިދިން ކޯޗު ފެށޭ ހަފުތާގައި މާލެ އަންނާނެ ކަމަށެވެ. އަދި އޭނާ އަލުން ގެނައުމަށް ނިންމީ ކޯޗު ސަސްޕެންޑްކޮށްފައިވާކަން ނިއު އާއި ކޯޗަށް ވެސް މިހާތަނަށް އެފްއޭއެމުން އަންގާފައިނުވާތީ ކަމަށެވެ.

"ކުލަބަށް ވެސް ކޯޗަށް ވެސް އަންގާފައިނެތް ސަސްޕެންޑްކުރިކަން. އުސޫލެއްގެ ގޮތުން އެކަން އަންގަންވާނެތާ. އަންގާފައިނެތުމަކީ ސަސްޕެންޝަނާމެދު ސުވާލު އުފެދޭކަމެއް. ކޯޗު ގެންނަން ނިންމީ މިހެންވެ،" ނިއުގެ އޮފިޝަލް ބުންޏެވެ.

ލަންކާގެ ގައުމީ ކޯޗުކަން ވެސް ކުރި ކަވަޒޮވިޗް އަކީ މި ސީޒަނަށް ނިއު އަށް ގެނައުމަށް އެންމެ ފުރަތަމަ ނިންމި ކޯޗެވެ. ނަމަވެސް އެއިރު އޭނާ އަށް ނާދެވުނީ އާއިލީ ބައެއް ސަބަބުތަކާހުރެ އެވެ. އެންމެ ފަހުން އޭނާ ހުރީ ލާއޯސްގެ ޓީމެެއްގަ އެވެ. ނިއު އަށް ފަހު ވިކްޓަރީން އޭނާ ގެނައުމަށް މީގެ ދެ މަސްކުރިން މަސައްކަތްކުރި އެވެ. އެކުލަބުން ކަވަޒޮވިޗް ނުގެންނަން ނިންމީ ޓިކެޓް ނަގަން އުޅެނިކޮށް ސަސްޕެންޑްކޮށްފައިހުރިކަން އެނގުމުންނެވެ.

ކަވަޒޮވިޗް ސަސްޕެންޑްކޮށްފައިވާކަން މިހާތަނަށް އެފްއޭއެމުން ރަސްމީކޮށް އިއުލާނެއްނުކުރެ އެވެ. އެތަނުގެ އޮފިޝަލުން ނުރަސްމީކޮށް ބުނަމުންދަނީ ކޯޗު ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ދިވެހި ލީގު މެޗުގައި ވެލެންސިއާ އަތުން ބަލިވި މެޗަށް ފަހު ރެފްރީ އަށް ނަސްލީގޮތުން ހަޑިހުތުރުކޮށް މުހާތަބް ކުރުމުން ކަމަށެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ތާވަލުގެ ހަ ވަނާގައި 16 ޕޮއިންޓާއެކު މިވަގުތު އޮތް ނިއުގެ ކޯޗުކަން ހުސްވީ މި ސީޒަނުގައި މިހާތަނަށް ކޯޗުކަން ކުރަމުން އައި ބަލްގޭރިޔާގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފް މަގާމުން ދުރުކޮށްފަ އެވެ. އޭނާ މަގާމުން ދުރުކުރީ ނަތީޖާތައް ގޯސްވުމާއި ކުޅުންތެރިންގެ ޝަކުވާތަކާ ވެސް ގުޅިގެންނެވެ.