އެމްޓީސީސީ

ތިމާވެށި ސާފުކޮށްގެން އެމްޓީސީސީ މިސާލު ދައްކައިފި

Aug 27, 2016
1

ވިޔަފާރިއެއްނަމަ އިޖުތިމާއީ ޒިންމާއެއް އޮންނާނެ އެވެ؛ މިއީ އެފަދަ ޒިންމާއެއް އަދާކުމެވެ، ރާއްޖޭގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ ކުނިން ވަށައިގެންވާ ވެށި ސަލާމަތް ކޮށްދޭން މަސައްކަތް ކުރުމަކީ ކުޑަ ކަމެއް ނޫނެވެ. މިކަމުން އެމްޓީސީސީގެ މުވައްޒަފުން މިވަނީ ރީތި މިސާލެއް ދައްކާފަ އެވެ. ވިލިމާލެ ސާފުކޮށްގެން ލައްކަ ކުނި ނަގައިފި އެވެ.

"ރާއްޖެއަށް ކުނީގެ މައްސަލައަކީ ބޮޑު ކަމެއް. އެހެންވެ ސުޒުކީއިން ބާއްވާ ހަރަކާތާވެސް ގުޅުވާލައިގެން މި އިވެންޓް މި ބޭއްވީ،" އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އަދުހަމް ވިދާޅުވި އެވެ.

އެމްޓީސީސީގެ އިސް ނެގުމެއްގެ ދަށުން "ސޭވް ދަ ބީޗް" ޖަމިއްޔާއާ ގުޅިގެން ބޭއްވި މި ހަރަކާތުގައި 100 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވި އެވެ. އަދި ވަރަށް ގިނަ ކުނިވަނީ ވިލިމާލެއިން ނަގާފަ އެވެ. މި ކުނީގެ ތެރޭގައި ގިނައިން ހުރީ ފެން ބޮއިފައި އުކާލާ ހުސް ފުޅި އެވެ.

"މީގެ މަގުސަދަކީ އެމްޓީސީސީ އަކީ ޕަބްލިކް ކުންފުންޏަކަށް ވުމާއެކު ހަމަ ހުރިހާ ފަރާތްތަކެއްގެ މެދުގައި، ހާއްސަކޮށް މި ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ގައުމަކަށް ވާތީ ރާއްޖޭގެ ފަރުތަކާ ބީޗް ފަދަ ތަންތަނަކީ ސާފުކޮށް ރީތިކޮށް އޮންނަ ތަނަކަށް ހެދުން. އަދި އެކަމަށް އާންމުން ވެސް އަހުލުވެރި ކުރުވުން،" އަދުހަމް ވިދާޅުވި އެވެ.

އެމްޓީސީސީން ބޭއްވި މި ހަރަކާތަކީ އެ ކުންފުނިން ވިއްކާ ސުޒުކީ ބްރޭންޑުން މުޅި ދުނިޔޭގައި ހިންގާ ކެމްޕޭނެއްގެ ބައެކެވެ. މި ކެމްޕޭން ބާއްވާތާ ހައެއްކަ އަހަރު ވެއްޖެ އެވެ.