ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބުކޮށްދީގެން، ފުޓްބޯޅައިން މިހާތަނަށް ދިވެހިންނަށް ތައްޓެއް ހޯދައިން ކޯޗު ސްލޮވާކިޔާގެ ޖޯސެފް ޔަންކޭޒް ދާދި ދެންމެ ރާއްޖެ އަތުވެއްޖެ އެވެ.
ތަށި ހޯދައިދިނުމަށްފަހު، ހިތްހަމަނުޖެހުންތަކަކާއެކު ގައުމަށް ދިޔަ ކޯޗު އޭގެ އަށް އަހަރު ފަހުން އެނބުރި ރާއްޖެ މިއައީ އެފްއޭއެމުގެ ރައީސް އަދި ތަށި ހޯދި ޓީމުގެ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް)ގެ ހާއްސަ ދައުވަތަކަށެވެ. އެއީ ތަށި ހޯދި ޓީމާއި މިހާރުގެ ދިވެހި ގައުމީ ޓީމު މާދަމާ ރޭ ކުޅޭ ދައްކާލުމުގެ މެޗަށެވެ.
ޔަންކޭޒް، 78، މާލެ އައީ އޭނާގެ ކާފަ ދަރިފުޅާވެސް އެކީގަ އެވެ. އިބްރާހީމް ނާސިރު އިންޓަނޭޝަަލް އެއާޕޯޓުން އޭނާ އަށް މަރުހަބާކިޔާފައިވަނީ ޓޮމް އާއި އެފްއޭއެމުގެ އޮފިޝަލުންނާއި ތަށި ހޯދި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނެވެ.
ޔަންކޭ އަކީ ދެ ފަހަރެއްގެ މަތީން ރާއްޖޭގެ ގައުމީ ކޯޗުކަން ކޮށްފައިވާ ތަޖުރިބާކާރެކެވެ. އޭނާ ވަނީ 2008ގެ ތަށި ހޯދައިދިނުމުގެ ކުރިން 2003ގެ ސާފް ޗެމްޕިއަންޝިޕުގައި ރިހިމެޑަލް ވެސް ހޯދައިދީފަ އެވެ.
ސްލޮވާކިޔާގެ ގައުމީ ކޯޗުކަން ވެސް ކޮށްފައިވާ ޔަންކޭ ރާއްޖެއިން ފުރައިިގެން ދިޔައީ ކޯޗިންގައި ހޭދަކުރި 40 އަހަރު އެންމެ ހިތި ތަޖުރިބާއެއް ކުރަންޖެހުނީ ރާއްޖޭގައި ކަމަށްބުނެފަ އެވެ. އަދި ދިވެހި ފުޓްބޯޅަ އާއިލާގެ ބައެއް ފަރާތްތަކުގެ ކިބައިން އޭނާ އަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ޖެއްސުންކުރި ކަމަށް ވެސް ކޯޗު އެއިރު ބުނެފައިވެ އެވެ.
ޔަންކޭއާއެކު މާދަމާރޭގެ މެޗުގައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފުލް ޓީމު ގަލޮޅު ދަނޑުން ފެނިގެންދާނެ އެވެ. މި މެޗަށް މާލެއިން ބޭރުގައި ދިރިއުޅޭ ކުޅުންތެރިންގެ ތެރެއިން އައްޑު އަށް އުފަން ޑިފެންޑަރު އަހުމަދު ސައީދު (އައްމަޓީ) އާއި ފައިނަލްގައި އިންޑިޔާ ކޮޅަށް ލަނޑު ޖެހި އއ. ތޮއްޑޫ މުހުތާރު ނަސީރު (ޓޫކިލޯ) ވެސް މިހާރު ވަނީ މާލެ އައިސްފަ އެވެ. އަދި ވޭލްސްގައި ދިރިއުޅޭ ފޯވަޑް އިބްރާހީމް ފަޒީލް (އޮއްޕޮ) ވެސް މިރޭ މާލެ އަންނާނެ އެވެ.
މި މެޗުގައި ހާއްސަ މެހުމާނެއްގެ ގޮތުގައި މެޗުގައި ކުޅެން އާޖެންޓީނާގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ އަޔާލާ މިހާރުވަނީ ރާއްޖެ އައިސްފަ އެވެ. އަދި ހާއްސަ މެހުމާނެއްގެ ގޮތުން ބާސެލޯނާ އާއި ސްޕޭނުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހަނާންޑޭޒް ވެސް މެޗުގައި ބައިވެރިވާނެ އެވެ.