ބޮލީވުޑް

ސަލްމާންގެ ނަމުގައި އޮންލައިން ގޭމެއް ނެރެފި

Aug 29, 2016

ސުޕަސްޓާ ސަލްމާން ޚާނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ފޭނުންނާ ވީހާވެސް ގާތްގުޅުމެއް ބާއްވަން އަބަދުވެސް ތަފާތު ކަންތައްތައް ކުރަމުން އަންނަ އެކްޓަރެކެވެ.

އެގޮތުން ސަލްމާން އިއްޔެ މިވަނީ "ބީން ސަލްމާން" ގެ ނަމުގައި އޭނާގެ އޮފިޝަލް އޮންލައިން ގޭމެއް ނެރެފަ އެވެ.

މިގޭމް ލޯންޗްކުރިކަން ސަލްމާން އިއުލާންކޮށްފައިވަނީ އޭނާގެ ޓްވިޓާގައި ޕޯސްޓްކުރި ވީޑިއޯއެއްގަ އެވެ. މިވީޑިއޯގައި ސަލްމާން ވަނީ ގޭމާއި ބެހޭގޮތުންނާއި އެގޭމުގައި ހިމެނޭ ބައެއް ސްޕެޝަލް އިފެކްޓްސްތައް ކިޔާލަދީފަ އެވެ. އަދި ސަލްމާން ވަނީ މިގޭމުގައި އޭނާގެ ތިން ވާޝަންއެއް ވެސް ފެނިގެންދާނެ ކަމަށާއި އެތިން ވާޝަން އަކީ އޭނާގެ ތިން ފިލްމެއްގައި ކުޅުނު ތިން ކެރެކްޓާގެ ނަމުން ނަންދީފައިވާ ތިން ވާޝަން ކަމަށް ބުނެފަ އެވެ.

އެގޮތުން ސަލްމާން ވަނީ މިގޭމްގައި ފެނިގެންދާނީ މިދުނިޔޭގައި އުޅޭ ހަތް ލެޖެންޑުން ކަމަށާއި އެ ހަތް ލެޖެންޑުންގެވެސް ސިފަ އެއްގޮތްވާނެ ކަމަށް ބުނެފަ އެވެ. އެހަތް މީހުންނަކީ ކޮންކޮން ބައެއް ކަން އަދި ނޭނގުނު ނަމަވެސް އޭގެތެރެއިން ތިން މީހަކު މިހާރު އެނގިފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެތިން މީހުންނަކީ ވަރަށް ތަފާތު މިޒާޖުގެ މީހުންނަށް ވިޔަސް، އެމީހުންގެ މަގުސަދީ ހަމަ އެކައްޗެއް ކަމަށްވެސް ސަލްމާން ބުނެ އެވެ.

"ފުރަތަމަ މިއުޅެނީ ޗުލްބުލް ޕާންޑޭ (ސަލްމާން ދަބަންގް ގައި ކުޅުނު ރޯލު)، އޭނާގެ މަގްސަދަކީ މުޅި ދުނިޔެއިން ނާއިންސާފުން ހިނގާ ހުރިހާ ކަމެއް ނައްތާލުން. ދެން މިއުޅެނީ ޓައިގާ ( ސަލްމާން އޭކް ތަ ޓައިގާ ގައި ކުޅުނު ރޯލު) އޭނާގެ މަގްސަދަކީ މުޅި ދުނިޔެއިން ޓެރަރިޒަމްގެ ވަބާ އެއްކޮށް ނައްތާލުން. އެއަށްފަހު، ޕްރޭމް އޭނާގެ މަގްސަދަކީ މުޅި ދުނިޔެއިން ހުރިހާ ނުބައިކަންތައްތައް ނައްތާލުން". ސަލްމާން ވީޑިއޯގައި ކިޔައިދީފައިވެ އެވެ.

ސަލްމާންގެ ނަމުގައި އޭނާ ނެރުނު މިގޭމް އެންޑްރޮއިޑާއި އައިއޯއެސްއިން ޑައުންލޯޑް ކުރެން މިހާރު ހުންނާނެ އެވެ.