ބޮލީވުޑް

"ސިމްރަން" އަށް ކަންގަނާ ތައްޔާރުވަނީ

Aug 29, 2016
1

ބަތަލާ ކަންގަނާ ރަނާވަތު ދެން ކުޅޭ ޑައިރެކްޓަރު ހަންސަލް މެހްތާގެ "ސިމްރަން" ގައި ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގައި އަންނަނީ ތަމްރީނުތަކެއް ހަދަމުންނެވެ.

މިފިލްމުގައި ކަންގަނާ ފެނިގެންދާނީ ޕްރާފުލް ޕަޓޭލް ކިޔާ ގުޖްރާތްގެ އެންއާރްއައި އެއްގެ ގޮތުގަ އެވެ.

ކަންގަނާ މިފިލްމަށް ތައްޔާރުވުމުގެ ގޮތުން ޓްރެއިނިންތަކެއް އެޓްލާންޓާގެ ހޮޓާތަކެއްގައި ހަދަމުން އަންނަކަން ޔަގީންކޮށްދެމުން މިފިލްމުގެ އޮފިޝަލަކު ވަނީ ފިލްމުގެ ޑައިރެކްޓަރާއި ޓީމަކާއެކު ކަންގަނާ އަންނަނީ މިލިޓަރީ އޮބްޒަވޭޝަންތަކާއި ހޮޓެލް ސްޓާފުންނާއެކު ވެސް ހައުސްކީޕަރެއްގެ ރޯލަށް ތައްޔާރުވުމަށް ބައެއް މަސައްކަތްތައް ދަސްކުރަމުންނެވެ.

މިމަހުގެ 24 ވަނަ ދުުވަހުން ފެށިގެން ކަންގަނާ ޓްރެއިނިން ހަދަމުން އަންނައިރު، އޭނާ އެނބުރި އިންޑިއާއަށް އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހު ކަމަށްވެ އެވެ.

ބުނެވޭ ގޮތުގައި ކަންގަނާ މިފިލްމުގައި ކުޅެނީ ހައުސްކީޕަރެއްގެ ރޯލެވެ. މިހާތަނަށް ބޮލީވުޑްގެ އިތުރު އެހެން ބަތަލާއެއް ހައުސްކީޕަރެއްގެ ރޯލު ކުޅެފައެއްނުވެ އެވެ.

"ސިމްރަން" އަކީ އަންހެން ކުއްޖެއްގެ ހަޔާތާއި އޭނާ ހާސިލްކުރަން ބޭނުންވާ ކަންތައްތަކުގެ އިތުރުން އޭނާ ކުށުގެ ވެށީގެ ތެރެއަށް ގެނބިގެންދާ ގޮތް ދައްކުވައިދޭ ފިލްމެކެވެ.

މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަހުކޮޅުގަ އެވެ.

މިއަހަރުގައި ކަންގަނާގެ ފިލްމެއް ރިލީޒްވުމަށް ހަމަޖެހިފައިނުވާއިރު، މިފަހުން އޭނާ ވަނީ "ރަންގޫން" ގެ ޝޫޓިން ނިންމާލާފަ އެވެ.