ހަބަރު

މަގުމަތިން ގާސިމް އަދީބާ ދިމާކޮށްލައިފި

Feb 23, 2015
8

މިހާރުގެ ސަރުކާރަށް މިވަގުތު އެންމެ ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމެވެ. އަނެއްކޮޅުން ރައީސް އަބްދުﷲ ޔާމީނަށް ވުރެވެސް ބޮޑަށް ގާސިމްގެ ހަމަލާތައް އަމާޒުވާ އެއް ބޭފުޅަކީ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. ގާސިމް ގިނަ ފަހަރަށް އަދީބަށް ބަސްފުޅު ވިދާޅުވަނީ ކަންމަތީ ބައްދަލުވުންތަކުގަ އެވެ.

އެކަމަކު ގާސިމް މިއަދު ވަނީ އަދީބާ ސީދާ ހަތަރު ކަޅި ހަމަކުރައްވައި ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯއެއްގައި އަދީބު ވަރަށް "ކޫލް" ކޮށް ގާސިމާ ކުރިމަތިލައްވައިގެން ހުންނަ މަންޒަރު ފެނެ އެވެ. އެ ފޮޓޯގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ގާސިމް އާއި ޖުމްހޫރީ ޕާޓީގެ މަޖިލީހުގެ ބައެއް މެންބަރުންނާއެކު މިއަދު ހަވީރުގެ ވަގުތުގައި ގާސިމް ފަރީދީ މަގުން ހިންގަވާފައި ދަނިކޮށް އެ މަގުން ގާސިމަށް އަދީބު ފެނިވަޑައިގަތެވެ. އެ މީހާ  ބުނިގޮތުގައި އަދީބު އޭރު ކާރުކޮޅުން ފައިބައިވަޑައިގެން ގެއަށް ވަދެވަޑައިގަންނަވަނީ އެވެ. އެއާ އެކު ގާސިމާއި އޭނާއާ އެކު ތިއްބެވި ބޭފުޅުން އަދީބާ ދިމާލަށް ވަަޑައިގެން "މި ޑިމޮކްރަސީއަށް މިހަދަނީ ކިހިނެތްހޭ! ތިހެން ނަހައްދަވާށޭ،" ކިޔައި ހަޅޭއްލަވައިގަތެވެ. އަދިވެސް ސަރުކާރަށް ފާޑު ވިދާޅުވަމުން ގާސިމް އަދީބާ ދިމާލަށް އަތް އުއްކެވި ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އަދީބު ފަހަތަށް އެނބުރި ވަޑައިގަތް ހިނިތުންވެފައި ވިދާޅުވި ކަމަށް ވަނީ،"މިއީ ގާސިމް ވެސް ގެންނެވި ޑިމޮކްރަސީ" ކަމަށެވެ.

އަދީބު އެބޭފުޅުން ދެއްކެވި އެހެން ބައެއް ވާހަކަ ވެސް އަޑު އެއްސެވުމަށް ފަހު ގެއަށް ވަދެ ވަޑައިގަތީ ކަމަށް އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުންޏެވެ. އަދީބުގެ ކައިރީގައި އޭރު ބޮޑީ ގާޑެއް ވެސް ނެތެވެ. އޭނާ ހުންނެވީ އެކަންޏެވެ. އެ ސަރަހައްހައްދަށް އެއްވެފައި ތިބި މީހުން ވަނީ، އަދީބު ގެއަށް ވަދެ ވަޑައިގަންނަވަން ފެއްޓެވުމުން، "ސާބަސް ބްރޯއޭ، ސާބަސް ބްރޯއޭ" ކިޔައި އަޑުއުފުލައިފަ އެވެ.