މިއުޒިކް

އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސްގައި ބިޔޮންސޭ ވަރެއް ނެތް

Aug 29, 2016
1

އެމްޓީވީގެ މި އަހަރުގެ ވީޑިއޯ މިއުޒިކް އެވޯޑްސް (ވީއެމްއޭ) ގައި އެމެރިކާގެ، އާރްއެންބީ ޕޮޕް ޑީވާ ބިޔޮންސޭ އަށް އެވޯޑް ކާމިޔާބުކޮށް ވީއެމްއޭގެ ތާރީޚުގެ ތެރެއަށް ވަދެއްޖެ އެވެ.

ޖުމްލަ 11 ކެޓަގަރީއަކުން ނޮމިނޭޓްވެ، އެންމެ ގިނަ ނޮމިނޭޝަންސްތަކާ އެކު ހަފުލާ އަށް ދިޔަ ބިޔޮންސޭ އަކީ މިހާރު އެންމެ ގިނަ ވީއެމްއޭ އެވޯޑްސް ކާމިޔާބުކޮށްފައިވާ ފަރާތެވެ. ކުރިން މެޑޯނާގެ އަތުގައި އޮތް މި ރިކޯޑްގެ މައްޗަށް، 34 އަހަރުގެ ބިޔޮންސޯ ކުރި ހޯދާފައިވަނީ 24 އެވޯޑާއެކުގަ އެވެ.

ބިޔޮންސޭގެ ލަވަ، "ފޯމޭޝަން" ވީޑިއޯ އޮފް ދަ އިޔާގެ މަގާމަށް ހޮވުނުއިރު އެންމެ މޮޅު ޑައިރެކްޝަން އަދި ސިނެމެޓޯގްރެފީ އާއި ބެސްޓް ފީމޭލް ވީޑިއޯ ލަވައިގެ އެވޯޑް ވެސް ގެންދިޔައީ ބިޔޮންސޭ އެވެ. އެއީ އޭނާގެ ލަވަ "ހޯލްޑް އަޕް" އިންނެވެ.

ބިޔޮންސޭ ފަހަތުން ދެ ވަނަ އަށް އެންމެ ގިނަ ނޮމިނޭޝަން ލިބުނު އިނގިރޭސި ލަވަކިޔުންތެރިޔާ، އަޑެލް އަށް އެންމެ އެވޯޑެއް ވެސް ނުލިބެ އެވެ.

ކެނެޑާގެ ރެޕާ، ޑްރޭކް ގެ "ހޮޓްލައިން ބްލިންގް" އަށް އެންމެ މޮޅު ހިޕްހޮޕް ވީޑިއޯގެ އެވޯޑް ލިބުނުއިރު ކޯލްޑްޕްލޭގެ މަޝްހޫރު ވީޑިއޯ "އަޕްއެންއަޕް" އަކީ އެންމެ މޮޅު ވިޝުއަލް އިފެކްޓްސް އެވެ.

ވީއެމްއޭ އަކީ އެ ހަފުލާއެއްގައި ސެލެބްރިޓީންގެ ފަރާތުން އާދަޔާހިލާފު އެތައް ކަމެއް ފެނިގެންދިއުމަށް މަޝްހޫރު ހަފުލާއެކެވެ. އެގޮތުން 2009 ވަނަ އަހަރު ކަންޔޭ ވެސްޓް، ޓޭލާ ސްވިފްޓް އަތުން މައިކް ޖަހައިގަތް ހާދިސާ އާއި ރޯ ބީފް ބޭނުންކޮށްގެން ތައްޔާރުކޮށްފައި އޮތް ހެދުމެއްގައި ލޭޑީ ގާގާ 2010 ވަނަ އަހަރުގެ ހަފުލާ އަށް ދިއުމަކީ ފަހުގެ މަޝްހޫރު މަންޒަރުތަކެކެވެ.

ރޭގެ ހަފުލާ އަށް ބަލާއިރު އެފަދަ ތަފާތެއް ގެނެސްދިނީ ބްރިޓްނީ ސްޕިއާސް އެވެ. މިއީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި 2007 ގެ ޕާފޯމެންސަށް ފަހު ބްރިޓްނީ ވީއެމްއޭގައި ޕާފޯމްކުރި ފުރަތަމަ ފަހަރެވެ.