ބޮލީވުޑް

ދިޕިކާގެ ފިރިމީހާގެ ރޯލު ކުޅުމުގެ ކުރިން ޝާހިދުގެ ޝަރުތުތަކެއް!

Aug 30, 2016
1

މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ދެން އުފައްދާ ފިލްމު "ޕަދްމާވަތީ" ގެ ލީޑްރޯލުން ފެނިގެންދާނެ ތިންތަރިން ގާތްގަނޑަކަށް މިވަނީ ޔަގީންވެފަ އެވެ

ބަތަލާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ އިތުރުން ޝާހީދު ކަޕޫރުވެސް މިިފިލްމުގައި ދިޕިކާގެ ފިރިމީހާގެ ރޯލުން ފެނިގެންދާނެކަމަށް ބޮލީވުޑްގެ ހަބަރުތަކުގައި ވާއިރު، މިރޯލު ކުޅެން ޝާހިދު ސޮއިކުރުުމުގެ ކުރިން އޭނާ ވަނީ ފިލްމުގެ ޑައިރެކްޓަރު ކުރެން ޝަރުތުތަކެއް ކަނޑައަޅާފަ އެވެ.

އެގޮތުން މިފިލްމުގައި ދިޕިކާގެ ފިރިމީހާގެ ރޯލު ކުޅެން ޝާހިދަށް ހުށަހެޅުމުން އޭނާ އެންމެ ފުރަތަމަ މިރޯލު ކުޅެން އެއްބަސްނުވި ނަމަވެސް އެރޯލަށް އެއްބަސްވެފައިވަނީ އޭނާގެ ބައެއް ޝަރުތުތަކާ ފިލްމު އުފައްދާ ފަރާތުން އެއްބަސްވުމުންނެވެ.

ޝާހިދު މިފިލްމުގައި ކުޅެނީ ރާޖާ ރަވާލް ރަތަން ސިންގްގެ ރޯލަށްވެފައި، އޭނާ ކުޅޭ ރޯލަށްވުރެން ދިޕިކާ (ރާނީ ޕަދްމާވަތީ) އާއި ރަންވީރު (އަލާއުއްދީން ޚިލްޖީ) ކުޅޭ ރޯލު ބޮޑުވުމުން ޝާހިދު ވަނީ އެދެތަރިންނެކޭ އެއްގޮތަށް އޭނާ ވެސް ކުޅޭ ރޯލަކީ ބޮޑު ރޯލަކަށް ހެދުމަށް އެދިފަ އެވެ.

މިފިލްމުގައި އެދެތަރިންނަށް ލިބޭ ސްކްރީން ސްޕޭސް އޭނާ އަށް ވެސް ލިބޭ ގޮތަށް ބަދަލުގެންނަން ޝާހިދު އެދިފައިވާއިރު، މިފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ހާއްސަ ސެޓެއް މެހެބޫބް ސްޓޫޑިއޯގައި އަންނަނީ ތައްޔާރުކުރަމުންނެވެ. އެގޮތުން މިސެޓްގެ މަސައްކަތް ކުރިއަށްދާއިރު، ކުރިއަށް ދެހަފްތާއެއްގެ ތެރޭގައި ސެޓުގެ މަސައްކަތް ނިމުމުން ފިލްމުގެ ޝޫޓިން ފައްޓާނެ ކަމަށްވެ އެވެ.

ނަމަވެސް ޝާހިދު ވަނީ އޭނާގެ އަންހެނުން މިދިޔަ ހުކުރު ދުވަހު ވިހާފައިވާތީ ސެޕްޓެމްބަރުގެ ކުރިން އޭނާ އަށް މިފިލްމުގެ ޝޫޓިން ނުފެއްޓޭނެ ކަމަށް ބުނެފަ އެވެ. މިވަގުތަށް ޝާހިދު ބޭނުންވަނީ ހުރިހާ ވަގުތެއް އަލަތު ދަރިފުޅާއި އަންހެނުންނާއެކު ހޭދަކުރަންކަން އޭނާގެ ސްޕޯކްސްޕާސަން ވެސް ވަނީ ބުނެފަ އެވެ.

މީގެއިތުރުންވެސް ޝާހިދު ވަނީ އޭނާ އަށް "ޕަދްމާވަތީ" އިން ރޯލެއްގެ ހުށަހެޅުން ލިބުމުން މިރޯލާ މެދު ބަންސާލީ އާއެކު މަޝްވަރާކުރަމުން ފިލްމުގެ ސްކްރިޕްޓަށް ބައެއް ބަދަލުތަކެއް ގެނަންވެސް އެދިފަ އެވެ.

މިފިލްމުގައި ރަންވީރުކުޅުމަށް ހަމަޖެހިފައިވަނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ. އޭނާ އަކީ ރާނީ ޕަދްމާވަތީ (ދީޕިކާ ޕަދުކޯން) އާ ހެދި މޮޔަވެފައި ހުންނަ މީހެކަށްވާއިރު، މިފިލްމަކީ ލޯބީގެ ތިނެސްކަން ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. އެހެންކަމުން ޝާހިދު ވަނީ މުޅި ފިލްމުގައި ދިޕިކާ އާއި ރަންވީރުގެ ލޯބީގެ ވާހަކަތައް ދެއްކުމުގެ ބަދަލުގައި އޭނާގެ ރޯލަށް ވެސް ބެލުންތެރިންގެ ސަމާލުކަން ލިބޭނެ ފަދަ ޝައުގުވެރިކަމެއް ހިމެނުމަށް އެދިފަ އެވެ.

ޝާހިދުގެ އެދުމުގެ މަތިން ބަންސާލީ ފިލްމުގެ ސްކްރިޕްޓަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ވަރަށް އަވަހަށް މިފިލްމުގެ ތަރިން އޭނާ އިއުލާންކުރާނެ ކަމަށްވެ އެވެ.

ޝާހިދު މިރޯލު ކުޅެން އެއްބަސްވުމުގެ ކުރިން ވަނީ ފަވަދް ޚާން އާއި ވިކީ ކޯޝަލް އަދި ރިތިކް ރޯޝަން ފަދަ ތަރިންނަށް ހުށަހެޅި ނަމަވެސް އެތަރިން ވަނީ މިރޯލު ކުޑަވުމުން މިފިލްމުން ލިބުނު ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.