ބޮލީވުޑް

ދަރިފުޅު ޓީވީ ބެލުން ޝިލްޕާ އޮންނަނީ މަނާކޮށްފައި

Aug 30, 2016

މިއީ ގިނަ މައިންބަފައިންގެ އާދައެކެވެ. ތުއްތު ދަރިފުޅު ކިރިޔާ ބޮޑާ ހާކާލިޔަސް ރުއްސާލަން އޭނާ އެންމެ ގަޔާވާ ކާޓޫން ޗެނަލެއް އަޅުވާފައި ބަހައްޓަނީ އެވެ.

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ވިއާން ރާޖް ކުންޑްރާ އަށް އެއްވެސް ގޮތަކަށް ޓީވީ ނުދައްކަ އެވެ. ޓީވީ ބެލުން ވިއާން އަށް މަނާކޮށްފައި އޮންނަ ކަމަށް ބުނަމުން ޝިލްޕާ ވަނީ ޓީވީ ދެއްކުމުން ކުޑަކުދިން މާބޮޑަށް ރުޅިގަދަވާ ކަމަށް ބުނެފަ އެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ޑާންސް ޝޯ "ސުޕާ ޑާންސް" ލޯންޗްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ޝިލްޕާ ވަނީ އޭނާ އަކީ ދަރިފުޅާ މެދު ވަރަށް ސަމާލުވާ މަންމައެއް ކަމަށާއި ދަރިފުޅަށް ޓީވީއިން އަންނަ އެއްވެސް ޕްރޮގްރާމެއް ދެއްކި ނަމަވެސް ދައްކާނީ އޭނާ ޖަޖެއްގެ ގޮތުން ފެނިގެންދާ މި ޑާންސް ޝޯ ކަމަށް ބުނެފަ އެވެ. ސަބަބެއް ކަމަށް ޝިލްޕާ ބުނެފައިވަނީ މިޝޯ އަކީ ހުނަރުން ފުރިގެންވާ އެތަކެއް ކުޑަކުދިންނެއް ފެނިގެންދާ ޝޯއަކަށް ވުމެވެ.

އަދި އެޝޯ އޭނާގެ ދަރިފުޅަށް ދައްކާނަމަ، އެއީ ވިއާން ޓީވީއިން އަންނަ އެހަކަލަ ޕްރޮގްރާމެއް ބަލާނެ ފުރަތަމަ ފަހަރު ކަމަށްވެސް ޝިލްޕާ ވަނީ ބުނެފަ އެވެ.

ޝިލްޕާ ޖަޖެއްގެ ގޮތުގައި ފެނިގެންދާ މިޝޯއާ ބެހޭގޮތުން ވާހަކަދައްކަމުން ވަނީ މިޝޯއިން ފެނިގެންދާނީ ހަތަރު އަހަރާއި ފަސް އަހަރުގައި ކުދިން ޑާންސްކުރާ ތަން ކަމަށާއި އެކުދިންނަކީ ވަރަށް މޮޅަށް ނަށާކުދިން ކަމަށް ބުނެފަ އެވެ.

"ތަފާތު އެކި ވައްތަރުގެ ޑާންސްކުރާ ވަރަށް ހުނަރުވެރި ކުދިންވެސް ވަނީ ފެނިގެން ގޮސްފައި. މިފަދަ ޝޯއެއްގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ އަހަރެމެން ވާހަކަދައްކާ އުޅޭ ބަހުރުވަ އަށް" ޝިލްޕާ ބުންޏެވެ.

ޝިލްޕާ އާއެކު މިޝޯގެ ޖަޖުންގެ ގޮތުން ފެނިގެންދާނީ މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ބާސޫ އާއި ކޮރިއޮގްރާފާ ގީތާ ކަޕޫރެވެ.

އަންނަ މަހުގެ ދިހަ ވަނަ ދުވަހު ފަށާ ޝޯ "ޑާންސް ޕްލަސް" ދެއްކުމަށް ހަމަޖެހިފައިވަނީ ސޮނީ އެންޓަޓެއިންމަންޓް ޓީވީ އިންނެވެ.