އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ނަމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތުގެ ބާރު ދުނިޔޭގެ އަށް ސަރަހައްދެއްގައި އެބައޮތް ކަމަށާއި އޭގެ ތެރެއިން އެއް ސަރަހައްދަކީ ދެކުނު އޭޝިއާ ކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވެއްޖެ އެވެ.
އަވަށްޓެރި ބަނގުލަދޭޝްއަށް ކުރެއްވި ނުވަ ގަޑިއިރުގެ ދަތުރުފުޅުގައި ބޮޑުވަޒީރު ޝޭހް ހަސީނާއާއެކު ކުރެއްވި މަޝްވަރާތަކަށް ފަހު ކެރީ ވިދާޅުވީ ދެކުނު އޭޝިއާއަށް ޓެރަރިޒަމް ނުރައްކާ ކުޑަ ކުރުމަށް ހަސީނާއާއެކު މަޝްވަރާ ކުރެއްވި ކަމަށާއި ދެކުނު އޭޝިޔާގައި އައިއެސްގެ ބާރު އޮތް ކަމާމެދު ހަސީނާ ވެސް ސުވާލު ނުއުފައްދަވާ ކަމަށެވެ.
"މިތަނުގެ [ދެކުނު އޭޝިއާ] ކޮންމެވެސް ޑިގްރީއެއްގައި އައިއެސްގެ އޮޕަރޭޝަންތައް އެބަ ހިނގާ. މީ އަހަރެމެން އެންމެނަށް ޝައްކެއް ނެތި އެއްބަސް ވެވޭ ކަމެއް،" ޖޯން ކެރީ ވިދާޅުވި އެވެ.
ޖުލައި މަހު އެއް ވަނަ ދުވަހު ބަނގުލަދޭޝްގެ ހޮޓަލަކަށް ދިން ޓެރަރިސްޓް ހަމަލާގެ ޒިންމާ ނަގާފައިވަނީ އައިއެސްއިންނެވެ. ނަމަވެސް ބަންގުލަދޭޝްގެ ސަރުކާރުން ގަބޫލު ކުރާ ގޮތުގައި އައިއެސްގެ ނުރައްކަލައް ވުރެ އެގައުމަށް އޮތީ އެގައުމުގެ ބަނގުލަދޭޝް މުޖާހިދީން ގުރޫޕްގެ ނުރައްކަލެވެ.
ކެރީ ވިދާޅުވީ ގައުމުގެ އެތެރެއިންނާއި ބޭރުން ޓެރަރިޒަމްގެ ނުރައްކާ ކުޑަ ކުރުމަށް އެމެރިކާއިން ބަނގުލަދޭޝްއަށް އެހީތެރިވެދޭނެ ކަމަށެވެ.
"އެމެރިކާ ވަނީ މީގެ ކުރިންވެސް ބަނގުލަދޭޝްގެ އަސްކަރިއްޔާއެކު މަސައްކަތް ކޮށްފައި. ބަނގުލަދޭޝްގެ ދީނީ ސްކޫލްތަކުގެ ދަރިވަރުން ޓެރަރިޒަމަށް ހޭލުންތެރިކުރުމަށް އެމެރިކާއިން ވަނީ މަސައްކަތްކޮށްފައި" ކެރީ ވިދާޅުވިއެވެ.
ކެރީ ވިދާޅުވީ ހަސީނާއާއެކު ބޭއްވި މަޝްވަރާ ތަކުގައި އިގްތިސޯދީ ދާއިރާއިން ސް މަޝްވަރާ ކުރެވުނު ކަމަށެވެ.