ބޮލީވުޑް

ކިތަންމެ ބޮޑު އަގެއް ހުށަހެޅިޔަސް ޝާހިދު ދަރިފުޅުގެ ފޮޓޯއެއް ނުވިއްކާނެ!

Aug 31, 2016
1

މަޝްހޫރު ފަރާތްތަކަށްވުމުން ބައެއް ފަހަރު އާންމުންގެ ސަމާލުކަން އިތުރަށް ހޯދުމުގެ ގޮތުން ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް ފަސްނުޖެހޭ މީހުން އުޅެ އެވެ.

ހޮލީވުޑްގެ ގިނަ މަޝްހޫރު ތަރިންނަކީ އެމީހުންގެ ކައިވެނީގެ އާއި ދަރިންގެ ފޮޓޯތަށް އެކްސްކްލޫސިވްކޮށް އެންމެ ބޮޑު އަގެއްގައި ހުށަހަޅާ ނޫސްތަކާއި މަޖައްލާތަކަށް ވިއްކާލާ މީހުންނެވެ. މިކަމަކީ ހޮލީވުޑްގައި އާންމުކަމެއް ނަމަވެސް ބޮލީވުޑްގެ ތަރިންނަށް އަދި ވަރަށް ބީރައްޓެހި ކަމެކެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖްޕުތަށް ހުކުރު ދުވަހު އަންހެން ކުއްޖަކު ލިބިފައިވާއިރު، ޝާހިދު ސިފަކުރާ ގޮތުގައި އަލަތު ދަރިފުޅަކީ އޭނާ އަށް ލިބުނު އެންމެ ބޮޑު އުފާވެރިކަމެވެ. އެ އުފާވެރިކަން ލަފްޒުން ބަޔާންކޮށްދޭން އޭނާ އަށް ދަތިކަމަށް ވެސް ޝާހިދު ވަނީ ބުނެފަ އެވެ.

ދަރިފުޅާއި މީރާ އާދިއްތަ ދުވަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، މަރުހަބާގެ މެސެޖުތަކާއި އެއްވަރަށް ޝާހިދު މަޝްހޫރު ނޫސްތަކުންނާއި މަޖައްލާތަކުން އަންނަނީ އެމީހުންގެ އަންހެން ދަރިފުޅުގެ އެކްސްލޫސިވް ފޮޓޯ ބޮޑު އަގުގައި ގަންނަން ހުށަހެޅުންތައް ފޮނުވަމުންނެވެ.

ޝާހިދު ދަރިފުޅުގެ އެންމެ ފޮޓޯއަކަށްވެސް ބޮޑެތި ހުށަހެޅުންތައް ލިބެމުން އައި ނަމަވެސް އެހުރިހާ ހުށަހެޅުންތަކަށް އޭނާ ވަނީ ނޫނެކޭ ބުނެފަ އެވެ. ސަބަބެއް ކަމަށް ޝާހިދު ބުނެފައިވަނީ ކްރޯޑްތަކުން ހުށަހަޅާ ލާރީގެ އަދަދަށްވުރެން އޭނާ އަށް އޭމީހުންގެ ދަރިފުޅަކީ މާއަގުހުރި އެއްޗެއް ކަމަށް ބުނެފަ އެވެ. މިހާތަނަށް ވެސް ޝާހިދުގެ ދަރިފުޅުގެ ފޮޓޯ ގަތުމަށް އެކި ނޫސްތަކުންނާއި މަޖައްލާތަކުން ހުށަހަޅާފައިވާ އަގު އޭނާ ހާމަކޮށްފައެއްނުވެ އެވެ.

އާދީއްތަ ދުވަހު ޝާހިދުގެ އަންހެނުން މީރާ އާއި ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލުމުން އެނބުރި ގެއަށް އަންނަންދެން އިންޑިއާގެ ނޫސްތަކުންނާއި ޕަޕަރާޒީން އެމީހުންގެ ފަހަތުން އައިސްފައިވީ ނަމަވެސް ޝާހިދު އޭނާގެ ދަރިފުޅު ގޮވައިގެން މީޑިއާ ތަކުގެ ކުރިމަތިން ގެއަށް ވަދެފައިވަނީ އެއެންމެންގެ ލޯތަކާއި ކެމެރާތަކަށް ދަރިފުޅި ފޮރުވައިގެންނެވެ.

މީޑިއާ އާއި އާންމުންގެ ލޯތަކަށް ދަރިފުޅު އަދި ދައްކަން ޝާހިދު ބޭނުންނުވާއިރު، އޭނާ ވަނީ އޭނާ އަކީ ދަރިފުޅާ މެދު ވަރަށް ފަރުވާތެރިވާނެ ބައްޕައެއް ކަމަށް ބުނެފަ އެވެ.

ބޮލީވުޑްގެ އެހެންތަރިންގެ ތެރެއިން އަކްޝޭ ކުމާރު ވެސް އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު، ނިތާރާ ގޮވައިގެން ބޭރަށް ދާއިރު މީޑިއާތަކުން އެކުއްޖާގެ ފޮޓޯއެއް ނުނެގޭނެ ގޮތަށް ގެންގުޅެނީ ފޮރުވައިގެންނެވެ. އަދި އަކްޝޭ އާއި އަންހެނުން ޓްވިންކަލް ނިތާރާގެ ފޮޓޯ ސޯޝަލް މީޑިއާއަށް ލިޔަސް އޭނާގެ މޫނު ފެންނަގޮތަށް ނުލަ އެވެ.