ބޮލީވުޑް

"އެއި ދިލްހޭ މުޝްކިލް" ގެ ޓީޒާ: ލޯބިން ހިތް ކުދިކުދި ކޮށްލާނެ

Aug 31, 2016
1

ހަތަރު އަހަރުފަހުން މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ލިޔެފައިވާ ވާހަކައެއްގެ މައްޗަށް އޭނާ ޑައިރެކްޓްކުރި ލޯބީގެ ފިލްމު "އެއި ދިލްހޭ މުޝްކިލް" ގެ ޓީޒާ އިއްޔެ މިވަނީ އާންމުކޮށްފަ އެވެ.

ގާތްގަނޑަކަށް ދޮޅު މިނިޓްގެ މިފިލްމުގެ ޓީޒާ އިއްޔެ ހެނދުނު އާންމުކުރުމާއެކު އެތައް ބަޔަކު އަންނަނީ މިފިލްމަށް ކުރަމުން އައި އިންތިޒާރު އެތައް ގުނަޔަކަށް ބޮޑުވެގެން ގޮސްފައިވާ ކަމަށް ބުނެފަ އެވެ.

ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްފާފައިވާ މިފިލްމުގެ ޓީޒާއިން އެކަނިވެސް ފިލްމުގެ މުހިންމު ރޯލުން ފެނިގެންދާ ތިން ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އައިޝްވާރިޔާ ރާއީ ބައްޗަން އަދި އަނުޝްކާ ޝާރްމާގެ ކެމިސްޓްރީ ވަރަށް ފުރިހަމައަށް ފެނިގެންދެ އެވެ.

މިފިލްމުގެ ޓިޒާ ބަލާލުމުން ފިލްމަކީ އެއްފަރާތުގެ ލޯބީ ވަރަށް ރަނގަޅަށްވެސް ސިފަވެގެންދާނެ ފިލްމެކެވެ. ރަންބީރާއި އަނުޝްކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަވެސް ރަންބީރާއި އައިޝްވާރިޔާ ބައްދަލުވެ، އެދެމީހުންގެ ދެމެދުގައި އިންތިހާ ލޯބީގެ ގުޅުމެއް އުފެދެ އެވެ. އަދި ފަވަދް ޚާން އަނުޝްކާ ދެކެ ލޯބިވިޔަސް އޭނާ އިންތިހާ އަށް ލޯބިވާ މީހަކީ ރަންްބީރެވެ.

މިފިލްމުގެ އަސްލު ވާހަކައިގެ މާބޮޑު ތަފްސީލެއް ޓީޒާއިން ނުލިބުނު ނަމަވެސް މިފިލްމަކީ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައިވާ ތިންސްކަން ލީބީގެ ވާހަކައެއްކަން ޔަގީނެވެ. ލޯބާއި ލޯބިން ބެލުންތެރިންގެ ހިތްތަށް ރޮއްވާލާނެ ވަރުގެ ފިލްމަކަށްވާނެކަން ޔަގީނެވެ.

ޓިޒާ ބަލާލުމުން އެކަނިވެސް މިފިލްމުގެ މުޅި ވާހަކަ ބިނާވެފައިވަނީ ރަންބީރާއި އޭނާގެ ނުލިބުނު ލޯބީގެ ހަޔާތުގެ މައްޗަށްކަން އެނގެ އެވެ. ފިލްމުގެ ޓިޒާ ނިމުމުގެ ކުރިން އޭނާ ވަނީ "އެއް ފަރާތުގެ ލޯބީގެ ބާރު ވަރަށް ތަފާތުވާނެ، އެލޯބި ދެމީހެއްގެ ދެމެދުގައި ބެހިގެންނުދާނެ، މިއީ އަހަރެންގެ ހައްގެއް" ކަމަށް ބުނެ އެވެ.

ރަންބީރާއި އައިޝްވާރިޔާ އަދި އަނުޝްކާގެ އިންތިހާ ލޯތްބާއި ހިތްގައިމު ކެމިސްޓްރީގެ އިތުރުން މިފިލްމުގެ ޓީޒާ އިތުރަށް ފުރިހަމަވެގެން ދަނީ ލޯބީގެ ލަވަތަށް ކިޔުމަށް ދެވަނައެއް ނެތް ލަވަކިޔުންތެރިޔާ އަރިޖިތް ސިންގްގެ ހިތްގައިމު އަޑުން ކިޔައިދީފައިވާ މިފިލްމުގެ ޓައިޓަލް ލަވައިގެ ސަބަބުންނެވެ. އޭނާގެ މިލަވައިން ފިލްމުގެ ވާހަކަ ނިކަން އަސާރާއެކު ބެލުންތެރިންގެ ހިތްތަކަށް ފޮނުވާދެ އެވެ.

ކޮންމެއަކަސް ކަރަން ޖޯހަރު މިވަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު އޭނާގެ ޑައިރެކްޓްކުރި ލޯބީގެ މިފިލްމުން ބެލުންތެރިންގެ ހިތްތަށް ރޮއްވާލާނެ ހުރިހާ ރަހައެއް މިފިލްމުގައ ހިމަނާފަ އެވެ.

"އެއި ދިލްހޭ މުޝަކިލް" ގައި ރަންބީރާއި އައިޝްވާރިޔާ ދެލޯބިވެރިންގެ ގޮތުގައި ފެނިގެންދާއިރު، އައިޝްވާރިޔާ އަކީ ރަންބީރަށް ވުރެން ނުވަ އަހަރު ދޮށީ މީހެކެވެ. މިދެތަރިންގެ އުމުރުގެ ބޮޑު ފަރަގެއް ހުއްޓަސް މިފިލްމުގައި ދެތަރިންގެ ޖޯޑު ވަރަށް ގުޅެ އެވެ.

އަންނަ އޮކްޓޯބަރު 28 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގެ ހާއްސަ ރޯލަކުން ޝާހްރުކް ޚާން އާއި ލީސާ ހޭޑަން ވެސް ފެނިގެންދާނެ އެވެ. ބުނެވޭ ގޮތުގައި ޝާހްރުކް މިފިލްމުގައި ކުޅެފައިވަނީ އައިޝްވާރިޔާފެ ފިރިމީހާގެ ރޯލެވެ. މިފިލްމުގައި އޭނާ މަރުވުމުން، ރަންބީރާއި އައިޝްވާރިޔާގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދެ އެވެ.