ރާއްޖެ ކުޅިވަރު

ރާއްޖެއާ ދެކޮޅަށް ކުޅޭނީ ވަރުގަދަ ޑިފެންސިވް ގޭމެއް: ބަންގާޅު ކޯޗް

ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗްގައި މާދާމާ ރޭ ރާއްޖެއާ ދެކޮޅަށް ކުޅެން އުނަދަގޫވާނެ ކަމަށާއި ރާއްޖެއާ ދެކޮޅަށް ބަނގުލަދޭޝް ކުޅޭނީ ވަރުގަދަ ޑިފެންސިވް ގޭމެއް ކަމަށް ބަނގުލަދޭޝް ކޯޗް ޓޮމް ސެއިންޓްފެއިޓް ބުނެފިއެވެ.

މާދަމާގެ މެޗާ ބެހޭގޮތުން މީޑިއާ ވަހަކަ ދައްކަމުން ސެންޓިފެއިޓް ބުނީ ބަނގުލަދޭޝް އެންމެ ފަހުން ކުޅުނު މެޗްތަކުގައި ތަފަތުކޮށް ބަލިވެފައިވާ ކަމަށާއި އެހެންވެ އޭނާ ރާއްޖެއާ ދެކޮޅަށް ކުޅޭނީ ވަރުގަދަ ޑިފެންސިވް ގޭމެއް ކަމަށެވެ.

"އެންމެ ފަހުން ކުޅުނު މެޗްތަކުގައި އަހަރެމެން ކޮޅަށް ވަނީ ގިނަ ލަނޑުތަކެއް ވަދެފަ. ރާއްޖެއާ ދެކޮޅަށް ކުޅޭނީ އޮގަނައިޒްޑް ޑިފެންސިވް ގޭމެއް. ނަމަވެސް މެޗްގައި އެޓޭކް ކުރެވޭނެ ގޮތަށްވެސް އަހަރެމެންގެ ޓެކްނިކަލް ޕްލޭން ރާވާނެ" ކަމަށ ސެއިންޓް ފެއިޓް ބުންޏެވެ.

ރާއްޖޭގެ މެޗަކީ، ބެލްޖިއަމަށް ނިސްބަތްވާ ސެއިންޓްފެއިޓް ބަނގާޅު ކޯޗް ކަމާ ހަވާލުވުމަށްފަހު ކުޅޭ ފުރަތަމަ މެޗެވެ. އޭނާ ބަނގާޅު ކޯޗް ކަމާ ހަވާލުވި މިމަހު ކުރީ ކޮޅުއެވެ. އޭނާ ވަނީ ގަތަރާއި ޔަމަނާއި ޓޯގޯގެ ކޯޗުކަންވެސް ކޮށްފައެވެ.

ރާއްޖެއާ ދެކޮޅަށް ކުޅެން ބަނގުލަދޭޝް އައީ އެގައުމުގައި އެއް ހަފުތާގެ މުއްދަތައް ގެންދިޔަ ޓްރެއިނިން ކޭމްޕަށްފަހުއެވެ. "މެޗަށް ނިކުންނައިރު އަހަރެން ގަބޫލު ކުރަނީ ފޭވަރިޓާކީ ރާއްޖެ ކަމަށް. ރާއްޖޭގެ މެޗަކީ ބޫޓާން ދެކޮޅަށް ކުޅެން ބަނގުލަދޭޝްއަށް ރަނގަޅު ތަޖުރިބާއަކަށް ވެގެންދާނެ" ސެއިންޓްފެއިޓް ބުންޏެވެ.

އޭނާ ވަނި ބަނގުލަދޭޝް ޓީމާ ހަވަލުވެ ޓީމުން މުޅިން އާ ފަސް ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. އޭނާ ބުނީ ބަނގުލަދޭޝް ޓީމުގެ ކިބައިގައި ހުނަރު އެބަހުރި ކަމަށާއި އެންމެ ބޮޑު މައްސަލައަކީ ލިބޭ ފުރުސަތުތައް ބޭނުން ނުކުރެވުން ކަމަށެވެ.

އޭބާ ނުނީ ރާއްޖެއަކީ ފުޓްބޯޅަ ޑިވްލަޕްމެންތްގައި ދެކުނު އޭޝިއާގެ އެހެން ގައުމުތަކުން ނަމޫނާއަކަށް ބަލަންވީ ގައުމެއް ކަމަށެވެ.