ވިޔަފާރި

އެމްޕީއެލްގެ މުވައްޒަފުންނަށް ރެކޯޑް އަދަދެއްގެ ބޯނަސް ބަހަން ފަށައިފި

Sep 1, 2016
10
  • ބޯނަސް ތިން ޕަސެންޓް އިތުރުވެފައި
  • މުވައްޒަފުންގެ ފައިދާއަށް ގިނަ ފިޔަވަޅުތަކެއް
  • އެމްޕީއެލްގައި 1،500 އަށްވުރެ ގިނަ މުވައްޒަފުން

މާލެ ވިޔަފާރި ބަނދަރާއި އެހެން ވެސް ދެ ރީޖަނަލް ޕޯޓް އޮޕަރޭޓް ކުރަމުން އަންނަ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތާރީހުގައި މުވައްޒަފުންނަށް ދޭ އެންމެ ބޮޑު ބޯނަސް މުވައްޒަފުންނަށް މިއަދު ބަހަން ފަށައިފި އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުން ބޯނަހުގެ ގޮތުގައި ބަހަން ނިންމާފައިވަނީ ކޮންމެ މުވައްޒަފަކަށް 4،000ރ. އަށްވުރެ ކުޑަ ނޫން އަދަދެކެވެ. މިއީ އެމްޕީއެލްގެ 30 އަހަރުވީ ތާރީހުގައި ވެސް މިވަރު ބޯނަސްގެ ގޮތުގައި ދޫކުރާ ފުރަތަމަ ފަހަރެވެ. އާއްމުކޮށް އެ ކުންފުނިން ބޯނަސްގެ ގޮތުގައި ބަހަނީ ހާހެއްހާ ރުފިޔާ އެވެ. މި ނިންމުމާއެކު ކުރިން ފައިދާ އިން އެއް ޕަސެންޓް ބޯނަސްގެ ގޮތުގައި ދޫކުރިނަމަވެސް މި އަދަދު މި ވަނީ ތިން ޕަސެންޓަށް އުފުލިފަ އެވެ.

އެމްޕީއެލްގެ ސީއީއޯ ކަމަށް މުހައްމަދު ޖުނައިދު ހަވާލުވުމާ ގުޅިގެން އެ ކުންފުނީގެ ހިންގުމަށް ހެޔޮ ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. މި ބަދަލުތަކާއެކު މުވައްޒަފުނަށް ލާބަހުރި ކަންތައްތަކެއް ކުރުމަށްޓަކައި ކޯޕަރޭޓިވްއެއް ވަނީ އުފައްދާފަ އެވެ. މި ކޯޕަރޭޓިވް އިން މީރުބަހުގެ ބަނދަރުގައި ފިހާރައެއް ހުޅުވައި މުވައްޒަފުންނަށް ކްރެޑިޓަށް މުދާ ލިބޭނެ އިންތިޒާމެއް ވަނީ ހަމަޖައްސާފަ އެވެ. އަދި މިތަނުން ލިބޭ ފައިދާ އިން މުވައްޒަފުން ހައްޖަށް ގެންގޮސް ދިނުމާއި މަތީ ތައުލީމަށް ދިއުން ފަދަ ފުރުސަތުތައް ދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން މީރުބަހުރު ބަނދަރުގައި ރެސްޓޯރެންޓެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މީގެ އިތުރަށް އެމްޕީއެލްގެ ވިޔަފާރި ފުޅާކޮށް އައްޑޫ-ފުވަމުލަުގައި ބަހާއި ފެރީގެ ހިދުމަތް ވަނީ ފަށައިފަ އެވެ. އަދި އައްޑު އާއި ކުޅުދުއްފުށީގައި ގެސްްޓް ހައުސް އޮޕަރޭޓް ކުރުމަށް ވެސް އެ ކުންފުނިން ވަނީ ނިންމައި މަސައްކަތް ފަށައިފަ އެވެ.

އެމްޕީއެލްއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން މުވައްޒަފުން ތިބި އެއް ކުންފުންޏެވެ. މި ކުންފުނީގައި 1،500 އަށްވުރެ ގިނަ ދިވެހި މުވައްޒަފުން އެބަތިއްބެވެ.