ބޮލީވުޑް

"ޕަދްމާވަތީ" ކުޅޭކަށް ދިޕިކާ އަށް 12 ކްރޯޑް ނުދޭ

Sep 1, 2016

ދުނިޔޭގެ އެންމެ އަގުބޮޑު ބަތަލާއިންގެ ލިސްޓުގެ ދިހަވަނައިގައި ހިމެނިފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯން ދެން އެންމެ އަވަހަށް ޝޫޓިން ފަށާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" ކުޅެން ސޮއިކޮށްފައިވަނީ 12.62 ކްރޯޑަށް ކަމަށް މިފަހުން ވަނީ އަޑުއަރާފަ އެވެ.

މިފިލްމު ކުޅެން މިއަގުގައި ދިޕިކާ ސޮއިކޮށްފައިވާ ކަމަށްވާއިރު، މިއީ ބޮލީވުޑްގެ ބަތަލާ އަކު 10 ކްރޯޑަށް ވުރެން ބޮޑު އަގެއްގައި ފިލްމެއް ކުޅެން ސޮއިކުރި ފުރަތަމަ ފަހަރުކަމަށްވެ އެވެ.

ދިޕިކާ އަކީ ފޯބްސްގެ އެންމެ އަގުބޮޑު ބަތަލާއިންގެ ލިސްޓަށް އެރި ފުރަތަމަ ބޮލީވުޑްގެ އެކްޓްރެސަށް ވުމުގެ އިތުރުން، އޭނާ ވިން ޑީސަލް އާއެކު ކުޅުނު ފުރަތަމަ ހޮލީވުޑްގެ ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް" ވެސް އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު މިދިޔަ އަހަރު ނިކުތް އޭނާގެ ހުރިހާ ބޮލީވުޑްގެ ފިލްމުތަކަށް ވެސް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.

މިހުރިހާ ސަބަބަކާ ހުރެ ދިޕިކާ "ޕަދްމާވަތީ" ކުޅެން ސޮއިކުރީ ބޮޑު އަގެއްގައި ކަމަށް ވާހަކަދެކެވެނު ނަމަވެސް ބަންސާލީގެ ސްޕޯކްސްޕާސަން މިވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ.

އޭނާ ބޮލީވުޑްގެ ނޫސްތަކަށް ބުނެފައިވަނީ މިފިލްމުގެ ލީޑްތަރިން ފިލްމު ކުޅެން ސޮއިކުރިކަމަށް ދެކެވެމުން އަންނަ އަދަދުތަކުގެ ވާހަކައަކީ އެއްވެސް ގޮތަކަށް ތެދު ހަބަރުތަކެއް ނޫންކަމަށާއި އެއީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

މިފިލްމުގެ ލީޑްރޯލުން ފެނިގެންދާ ތިން ތަރިން ކަމަށްވާ ދިޕިކާ އާއި ރަންވީރު ސިންގް އާއި ޝާހިދު ކަޕޫރު، ފިލްމު ކުޅެން ސޮއިކުރީ ކިހާ އަދަދަކަށްކަން އަދި ހާމަކޮށްފައިނުވި ނަމަވެސް މިފިލްމުން ދިޕިކާ ލިބޭ އާމްދަނީ އަދިވެސް ރަންވީރަށް ވުރެން ބޮޑު ކަމަށްވެ އެވެ.

"ޕަދްމާވަތީ" އަކީ ބަންސާލީ ޑައިރެކްޓްކުރާ ފިލްމެއްގައި ދިޕިކާ ބަތަލާގެ ރޯލުން ފެނިގެންދާ ތިން ވަނަ ފިލްމެވެ. އެންމެ ފުރަތަމަ އޭނާ ކުޅުނު "ރާމް-ލީލާ" ކުޅެފައިވަނީ 1 ކްރޯޑަށް ކަމަށްވާއިރު، މިދިޔަ އަހަރު ފަހުކޮޅު ނިކުތް "ބާޖީރާއޯ މަސްތާނީ" ކުޅެފައިވަނީ 7 ކްރޯޑަށެވެ.

މިފިލްމާއެކު ދިޕިކާ ބޮލީވުޑްގެ އެންމެ އަގުބޮޑު ބަތަލާ އަށް ވެގެން ގޮސްފައިވާކަން ނުވަތަ ނޫންކަން ކުރިއަށް އޮތް ދުވަސްތަކުގައި ހަމަޔަގީނުންވެސް އެނގިގެންދާނެ އެވެ.