ބޮލީވުޑް

"ބާރް ބާރް ދޭކޯ" ގައި ސެންސަރު ކުރަން ޖެހޭ އެންމެ މަންޒަރެއްވެސް ނެތް

Sep 1, 2016

އަލަށް ޑައިރެކްޓަރު ނިތްޔާ މެހްރާ ޑައިރެކްޓްކުރި ލޯބީގެ ފިލްމު "ބާރް ބާރް ދޭކޯ" އަށް ވެސް މިވަނީ ސެންސަރުގެ ބޯޑުގެ މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

ޒުވާން ދެތަރިން ކަމަށްވާ ސިދާތް މަލްހޯތުރާ އާއި ކެޓްރީނާ ކައިފް އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ މިފިލްމުގެ ދެމަންޒަރެއް ކަނޑާލަން ސެންސަރު ބޮޑުން އެންގުމުން ފިލްމުގެ ޑައިރެކްޓަރު ނިތްޔާ އާއި ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ސެންސަރު ބޮޑުން މިފިލްމަށް ޔޫ/އޭ ސެޓްފިކެޓް ދީފައިވީ ނަމަވެސް ވަނީ މިފިލްމުގައި ކެޓްރީނާ ބުރާ އަޅައިގެން ހުންނަ މަންޒަރު އުނިކުރަން އަންގާފަ އެވެ. އަދި ސަވިތާ ބާބީ އޭ ކިޔާ މީހެއްގެ ވާހަކަ ބުނާ ޑައިލޮގްގެ އަޑުކަނޑަންވެސް ވަނީ އަންގާފަ އެވެ. އޭނާ އަކީ އިންޑިއާގެ ކޮމިކް ފޮތެއްގައި އުޅޭ ހަށިވިއްކާ މީހެކެވެ.

މިދެމަންޒަރު ފިލްމުން އުނިކުރަން އެންގުމުން އެކަމާ ހިތްހަމަނުޖެހިގެން ނިތްޔާ ވަނީ މިފިލްމުގައި ކެޓްރީނާ ބުރާއެއް އަޅައިގެން ހުންނަ މަންޒަރެއް ނުފެންނާނެ ކަމަށާއި އެހެންކަމުން އެމަންޒަރެއް އުނިނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އަދި ސަވިތާ ބާބީގެ ނަން ކިޔާ އެއްވެސް ޑައިލޮގެއްވެސް ފިލްމުގައި ނުހިމެނޭ ކަމަށް ބުނެފަ އެވެ.

ނިތްޔާގެ އިތުރުން ފިލްމުގެ ލީޑްދެތަރިން ކަމަށްވާ ސިދާތް އާއި ކެޓްރީނާ ވެސް އެފަދަ މަންޒަރެއް މިފިލްމުގައި ނުހިމެނޭނެ ކަމަށާއި މިމަހުގެ ނުވަ ވަނަ ދުވަހު ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވާތީ އެކަމާ ވަރަށް އުފާކުރާ ކަމަށް ބުނެފަ އެވެ.

އެންމެފުރަތަމަ ސެންސަރު ބޯޑުން މިފިލްމަށް ދެމަންޒަރެއް އުނިކުރަން އެންގުމުން ފިލްމުގެ ފަރާތުން މީހަކު ބޮލީވުޑްގެ ނޫސްތަކަށް ބުނެފައިވަނީ، މީގެކުރިން ވަރަށް ގިނަ ފިލްމުތަކުގައި ބުރާ އަޅައިގެން އުޅޭ މަންޒަރުތައް ފެނިފައިވާ ކަމަށާއި ނަމަވެސް އެފިލްމުތަކުން އެމަންޒަރުތައް އުނިނުކޮށް ހަމައެކަނި "ބާރް ބާރް ދޭކޯ" އަށް އަންގަން ޖެހޭ ސަބަބެއް ނޭނގޭ ކަމަށް ބުނެފަ އެވެ.

"މިފިލްމަކީ އަންހެނަކު ޑައިރެކްޓްކޮށްފައިވާ ފިލްމެއް. މިފިލްމުގައި އަންހެނުންނަށް ހުތުރުވާފަދަ އެއްވެސް މަންޒަރެއް ނުހިމެނޭނެ". ފިލްމުގެ ފަރާތުން ވާހަކަދެއްކި މީހާ ބުނެފައިވެ އެވެ.

ސެންސަރު ބޯޑުން ޖޫން މަހު ނިކުތް "އުޅްތާ ޕަންޖާބު" ގެ 89 މަންޒަރެއް އުނިކޮށް އެފިލްމުގެ ނަމުން ޕަންޖާބު ކަނޑަން އެންގުމުން ފިލްމު އުފައްދި ފަރާތުން ކޯޓަށް މައްސަލަ ވައްދައިގެން ވަނީ އެންމެ މަންޒަރެއް އުނިކުރަން އަންގައިގެން ފިލްމު ރިލީޒްކޮށްފަ އެވެ.

އޭގެފަހުން ފިލްމު އުފައްދާ ފަރާތްތަކާއި ސެންސަރު ބޯޑާއި ފިލްމުތަކުން އުނިކުރަން އަންގާ މަންޒަރުތަކުގައި އަންނަނީ މައްސަލަތައް ޖެހި އަރާރުންވަމުންނެވެ.