ރާއްޖެ ކުޅިވަރު

ޓޫކިލޯ މައާފަށް އެދެފި: އެފްއޭއެމް

ރެފްރީ އަށް ހަމަލާދިނުމާ ގުޅިގެން ސަސްޕެންޑްކޮށްފައި ހުރި މުހުތާރް ނަސީރު (ޓޫކިލޯ) މައާފަށް އެދި އެފްއޭއެމަށް ސިޓީ ފޮނުވައިފި އެވެ.

ގައުމީ ފުޓްބޯޅަ އިދާރާއިން ބުނީ ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބު ކޮށްދިން ލަނޑު އިންޑިޔާ ކޮޅަށް ޖަހައިދިން ކުރީގެ ފޯވަޑް، ތަށި ހޯދި ޓީމާއި މިހާރުގެ ގައުމީ ޓީމު ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުގެ ކުރިން މައާފަށް އެދިފައިވާ ކަމަށެވެ. އަދި މެޗު ކުޅުމުގެ ހުއްދަ ދީފައިވަނީ މައާފަށް އެދުމުން ކަމަށެވެ. އެއީ އެ މެޗަކީ ފުޓްބޯޅަ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ހޯދައިދިން ހުރިހާ ކުޅުންތެރިން އެ މުބާރާތަށްފަހު ފުރަތަމަ ފަހަތަށް ދަނޑަށް ނުކުތް ވަރަށް ހާއްސަ މެޗަކަށްވުމުން ކަމަށެވެ.

"އެކަމަށް އެކްސްކޯއިން ގޮތެއް ނިންމާނެ ވަރަށް އަވަހަށް. އޭނާ ކުޅުނީ މައާފަށް އެދިފައި،" އެފްއޭއެމުގެ ރައީސް އަދި ތަށި ހޯދި ޓީމުގެ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވި އެވެ.

ވެލެންސިއާގެ ފުޓްބޯޅަ ޓީމުން ވިދާލައި ފަހުން ވިކްޓަރީ އާއި ނިއުރޭޑިއަންޓް އަދި އީގަލްސް އާއި އައިއެފްސީ އަށް ވެސް ކުޅުނު ޓޫކިލޯ 10 މެޗަށް ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ރެފްރީ އަށް ހަމަލާ ދިނުމުންނެވެ. އޭނާ އަށް ރަތްކާޑު ދެއްކީ މުބާރާތުގައި ތޮއްޑޫ އާއި ފެރިދޫ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކުޅުނު މެޗުގައި ފެރިދޫ ކުޅުންތެރިއަކު ބޯޅައިގައި އަތްލި ކަމަށް ބުނެ މައްސަލަ ޖެއްސުމުން ރެފްރީ އެކަމާ އަޅައި ނުލުމުން ރޮނގު ބަލަހައްޓަން ހުރި އެސިސްޓެންޓް ރެފްރީ އަށް ހުތުރު ބަހުން މުއާމަލާތް ކުރުމުންނެވެ. ސަސްޕެންޝަނާއެކު ޓޫކިލޯ ވަނީ 15000ރ. އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

އޭނާ ސަސްޕެންޑްކުރުމަށްފަހު އެފްއޭއެމުން ބުނީ ޓޫކިލޯއަކީ ދިވެހި ފުޓްބޯޅައިގެ ބްރޭންޑެއް ކަމަށާއި އެފަދަ ކުޅުންތެރިއަކަށްވެ ހުރެ އޭނާ ކުރި ކުށަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. އަދި 10 މެޗަށް ސަސްޕެންޑްކުރީ އެކަމުގެ އަދަބެއްގެ ގޮތުން ކަމަށެވެ.

މިނިވަން ފަންސާސް މުބާރާތުގައި ޓޫކިލޯ ކުޅުނީ ފުޓްބޯޅަ ކުޅުން ހުއްޓާލައިގެން އަހަރެއްހާ ދުވަހު ހުރުމަށްފަހު އެވެ. މިދިޔަ އަހަރު ނޫން ކުރީ އަހަރުގެ ރޯދަ މަހު ބޭއްވި ކުރީގެ ކުޅުންތެރިން ވާދަކުރާ ވެޓަރަންސް މުބާރާތުގައި ވެލެންސިއާ އަށް ކުޅެ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ ހޯދި އެވެ. ޓޫކިލޯ އަކީ އޭނާގެ އަގުވަޒަން ކުރުމުގެ ގޮތުން އެފްއޭއެމުގެ އެންމެ މަތީ ޝަރަފްދީފައިވާ ކުޅުންތެރިއެކެވެ. އަދި އޭނާ 2008 ގެ ސާފް ޗެމްޕިއަންޝިޕުގައި ބޭނުންކުރި 23 ނަންބަރު ޖާޒީ ވެސް ވަނީ ތާރީހަށްޓަކައި އާސާރުކޮށްފަ އެވެ.